20 ޑިސެމްބަރ 2018 - 14:23
ކުޅިވަރާ ބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ "ފެކްޓް ފައިންޑިން ކޮމިޓީން" ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށް ވަޒީރު އަހުމަދު މަހުލޫފު އިއްޔެ ވިދާޅުވުމުން އެފްއޭއެމުން ރައްދު ދީފި އެވެ.
ކުރިން ބެލެވިފައި އޮތީ އެ ކޮމިޓީ އަކީ ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު ސަބަބުތައް ހޯދާ ކޮމިޓީއެއް ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި އޮތީ "ފުޓްބޯޅަ އަކީ ދައުލަތުން ބޮޑު ހޭދައެއްކުރާ ކުޅިވަރަކަށްވެފައި، އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ، (އެކަމަށް) މެދުވެރިވި ސަބަބު ބަލައި އަދި އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމައިފިން" ކަމަށެވެ.
އެކަމުގައި އޭއެފްސީގެ ލަފައަކަށް އެފްއޭއެމުން އެދުމުން އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރީގެ އެ މަސައްކަތް ހުއްޓާލުމަށް އޭއެފްސީން ނުސީދާކޮށް އިންޒާރުދީފަ އެވެ.
އެއާ އެކު މަހުލޫފު އިއްޔެ ވިދާޅުވީ "ފެކްޓް ފައިންޑިން ކޮމިޓީން" ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ވާނީ އަންގާފައި ކަމަށެވެ.
އަދި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާއާ ހޮނިހިރު ދުވަހު ލަންޑަނުގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން މަހުލޫފު މިއަދު ހެނދުނު އިއުލާންކުރެއްވި އެވެ. އޭގެ އިރުކޮޅެއް ފަހުން އެފްއޭއެމުން ވަނީ ބަޔާނެއް ނެރެ މަހުލޫފަށް ރައްދުދީފަ އެވެ.
އެފްއޭއެމުން ބުނީ އޭއެފްސީ ކަޕުގައި ދިވެހި ކްލަބްތައް ބައިވެރިނުވެވުނު ސަބަބުތައް ހޯދައި އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ކޮމިޓީ އެކުލަވާލި ވާހަކަ ވިދާޅުވުމަށް ފަހު، މިހާރު އެ ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރި ފައިސާއަށް ވީގޮތް ކަމަށް މަހުލޫފު ވިދާޅުވުމަކީ އެ އެސޯސިއޭޝަނަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ކަމަކަށް ކަމަށެވެ.
"އެހެންކަމުން، މިފަދަ ޒިންމާދާރުކަން ކުޑަގޮތަކަށް އެކި ފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި މި އެސޯސިއޭޝަންގެ ހައިބަތަށް އުނިކަން އަންނަމުންދާތީވެ، އެކަމުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރަމެވެ،" އެފްއޭއެމުން ބުނެފައިވެ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަދި އެފްއޭއެމްއަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "އޭ" ގްރޭޑް ފެންވަރުގެ އޮޑިޓަރުން ލައްވައި ކޮންމެ އަހަރަކު އެއް ފަހަރު އޮޑިޓް ކުރަމުންދާ މުއައްސަސާއެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އަހަރީ އާއްމު ޖަލްސާގައި އޮޑިޓް ރިޕޯޓް އަދި އަހަރީ ބަޖެޓް ހުށަހެޅި ފާސްކުރުމަށް ފަހު މިނިސްޓްރީ އަށް ފޮނުވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ފީފާ އާއި އޭއެފްސީން އިންޓަނޭޝަނަލް އޮޑިޓަރުން ލައްވައި ކޮންމެ އަހަރަކު އެއް ފަހަރު އޮޑިޓްކޮށް އަދި ސަޕްރައިސް އޮޑިޓް ވިޒިޓް ޓީމުތަކެއް އައިސް ވެސް ކޮންމެ އަހަރަކު އޮޑިޓްކުރާ ކަމަށް ބުނެފައިވެ އެވެ. ސަރުކާރު ކުންފުނިތަކުން ކްލަބްތަކަށް ސްޕޮންސާގެ ގޮތުގައި ދޫކުރާ ފައިސާ، އެ ފައިސާ ހަރަދުވިގޮތުގެ ރިޕޯޓް ކުންފުނިތަކަށް ހުށަހަޅާކަން ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.
"މިނިސްޓްރީން މި އެސޯސިއޭޝަނަށް ދޭ ބަޖެޓަކީ ކުއާޓަލީ ދޭ ބަޖެޓެއްކަމުން، ކުރިއަށް އޮންނަ ކުއާޓާގެ ބަޖެޓް ހޯދުމަށް ހަރަދުތަކުގެ ތަފްސީލް މިނިސްޓްރީއަށް ހުށަހެޅުމުން ތަފްސީލްތަކަށް ބެލުމަށް ފަހު ކުރިއަށް އަންނަ ކުއާޓާގެ ބަޖެޓް މި އެސޯސިއޭޝަނަށް ފޮނުވަ އެވެ." ބަޔާނުގައިވެ އެވެ.
އަދި ކުރިއެކޭ ވެސް އެއްފަދައިން މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި މި އެސޯސިއޭޝަނަށް ދޭ ފައިސާ ހަރަދުވި ގޮތުގެ ތަފްސީލް މިނިސްޓްރީއަށް ހުށައެޅުމަށްޓަކައި ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން މަހުލޫފު ނިންމެވީ، އެކަމުގައި ކޮޅެއް މެދެއް ނުފެނި ކްލަބްތަކާއި އެފްއޭއެމުން ދެ ފަރާތް ކުށްވެރިކުރުމުގެ ކުޅިވަރެއްގައި ތިއްބަ އެވެ.
ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އޭއެފްސީން އޮންނަނީ ދީފަ އެވެ. އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެކަމަކު ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް ވެސް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ. އަދި ކްލަބްތަކުން ހުށަނޭޅި ލިޔެކިޔުންތަކުގެ ތެރޭގައި އެފްއޭއެމުން ލިބެން ޖެހޭ ލިޔެކިޔުންތައް ވެސް ހުރި ކަމަށް ކަމަށް ކްލަބްތަކުން ބުނެ އެވެ.
އެ މައްސަލަ ބެލުމަށް ވަޒީރު އެކުލަވާލެއްވި ކޮމިޓީގައި ހިމެނެނީ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަދި 2007 ވަނަ އަހަރު އެކުލަވާލި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)ގެ އިތުރުން ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ވިކްޓަރީގެ އަހުމަދު ނަސީމް (ޕެރިސް) އަދި ކްލަބް ވެލެންސިއާ އާއި އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު މުހައްމަދު (ދޮނާ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު
23 December 2018
ވައްކަން ބަލަންޖެހޭނެ މަރުހަބާ މަހުލޫފް
ވޯލް
21 December 2018
ތަނުގެ ތެރޭގައި މައްސަލައެއް ނެތް ނަމަ ތިންވަނސ ފަރާތެއް ކީކުރަން 4 ވަނަ ފަރާތެއް ބެލިއަސް އެކަމަަށް މަރިހަބާ ކިޔާނެ، ކަންކަން ފޮރުވަން އުޅޭނީ ގޯސްއޮތީމަ. އެއީ އިންސާނީ ބުއްދިގަބޫލުކުރާ ހަމަ.
ބޯހަލާކު
21 December 2018
މައްސަލަތަކެއް އުޅޭތީ ތިހާވަރަކުން ނޫސް ބަޔާން ތަކެއް ނެރޭނީ... ތިހާ ވަރަށް އޯޑިޓް ކޮށް ހުދު ކާފޫރެއް ހެން އޮތް ތަނެއްވިޔާ ކޮބާ މައްސަލައަކީ.. ސަރުކާރުން ބަލަން ޖެހޭ... ތީވެސް އާއްމު ރައްޔިތުންގެ ފައިސާ.. ދެފަޔަށް ހިނިއަރައިގެން އުޅޭހެން ތިއުޅެނީ ކޮންމެސް ހަޑިއެއް ހާވާފަ އޮތީމަ! އެހެން ނޫނީ ސަތޭކަ ފަހަރު އޯޑިޓްކުރިއަސް ހާސްވާން ޖެހޭނެ ކަމެއް ނޯން ނާނެ.
ފާތުމ،ަ
21 December 2018
ތަންދޮރުނުބަލާ ކޮމިޓީ ހެދީމަ ލިބޭ ލަޑު މަހޭ އަށް ލިބިގެން ތިއުޅެނީ ހަމަގައިމުވެސް ރާއްޖޭގެ ފުޓްބޯޅަ ފެމިލީއާ ބައްދަލުކޮށްލާ ހުރި ދަތިތަކަކީ ކޮބާތޯ ބަލާފަ ތިކަން ކުރަން އުޅުނުނަމަ ތިހެންނުވީސް. ފުރަތަމަ ފެކްފައިންޑިންގް ހެދީ އޭފްސީ ކުލަބްލައިސެންސް ނުލިބުނީ ކީއްވެތޯބަލަން ހެދިފަހުން މިއެގުނީ އަދި މިއީ މިހެން ވާން އޮތްކަމެއްނޫންކަން މިހިސާބުން މިބަދަލުވީ ސަރުކާރުން އެފްއޭއެމް އަދި ކްލަބްތަކަށް ދޭ ފައިސާ އށްވާގޮތްބަލަން ހެދިކޮމިޓީއަކަށް
އޭ.އެފް.ސީ.ކަޕް1
21 December 2018
މިގޮތެއް ކަމަކު ނުދާނެ. އަޅުގަޑަށް ފެންނަނީ އެފް.އޭ.އެމް. އެކަފަކޮޅުތެރޭގައި ބާއްވާފައި، ކްލަބުތަކާއި، މިނިސްޓްރީއާއި، އެހެނިހެން ކުޅިވަރު އޮތޯރިޓިތައް އެކުވެގެން ސީދާ، އޭ.އެފް.ސީ އަށް ނުވަތަ ފީފާއަށް ރިކްއެސްޓްކުރަން މައްސަލަބަލާދެން، ދިވެހި ގައުމުގެ ނަމުގައި. އޭރުންނެއް ބައްސާމަކަށް ބިންމައްޗަށް ވެއްޓިރޮއެގަނެ ސަރުކާރުން ބެހެނީ ކިޔާފައި އޭ.އެފ.ސީ.އަށް ޝަކުވާކުރާނެ ޖާގައެއް ނޮއޮންނާނެ!
އޭ.އެފް.ސީ.ކަޕް
21 December 2018
ދެން ނެތެއްނު އޭ.އެފަ.ސީ.ކަޕްގައި އަޅުގަޑުމެންނަށް ޖާގަ ގެއްލުނު މައްސަލަ ބަލާނެގޮތެއްވެސް އަދި ޖަވާބުދާރީ ކުރުވާނެ ގޮތެއްވެސް.
ދޮންކެޔޮ ބިިންތިި ނިިހާން
21 December 2018
މީނާ މިތަނުން ބޭރުކޮއްގެން ނޫނީ މިތަން ސަލާމަތެއް ނުކުރެވޭނެ...
ސުވާސާ
21 December 2018
ބައްސާމު ފެއިލް ވެއްޖެ، އެފް އޭ އެމް އިން ބޭރުކުރޭ
ޝެާލަރީ
20 December 2018
ބައްސާމް ވަނީ ފޭލިވެފާ އަވަހަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ
ހުއްބުލްވަތަން އަސްލު
20 December 2018
އެފްއޭއެމް އިން ކޮންމެވެސް ކަމެއް ސިއްރުކުރާން އުޅޭހެން ހީވަނީ އަޅުގަނޑަށް އެކަނިތޯ؟ ޖަސްޓް އަ ފީލިންގ.