ބައްސާމް ވަކިކުރުމުގެ މަސައްކަތް ކްލަބްތަކުން ފަށައިފި ކަމުގެ އިޝާރާތެއް މަހުލޫފު ދެއްވައިފި

އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ވަރުގަދަ ސިގްނަލެއް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.


އޭނާ އެހެން ވިދާޅުވީ، ސަރުކާރުގެ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ދައްކައި، އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މަހުލޫފު މަސައްކަތްކުރައްވަމުން އަންނަ ކަމަށް އެފްއޭއެމުން ބުނިތާ މާގިނައިރުތަކެއް ނުވަހީހެވެ.

ރަސްމީ ފަރާތަކުން އާއްމުކޮށް މުއާމަލާތުނުކުރާ ފަދަ މޭރުމަކުން، އެފްއޭއެމުން މިއަދު މެންދުރުފަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ރައީސް (އިބްރާހިމް މުހައްމަދު ސޯލިހު) ގެ ނަންފުޅު ނަހަމަގޮތުގައި ބޭނުންކޮށް އަދި ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ދައްކަމުން، ކްލަބްތަކާއި މިނިސްޓަރު މަހުލޫފު ބައްދަލުކޮށް އެފްއޭއެމްގެ އިންތިހާބީ ލީޑާޝިޕް ބަދަލުކުރުމަށް ކުރާ މަސައްކަތަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި" އަދި "އެކަން ކުށްވެރިކުރާ" ކަމަށެވެ.

އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމުގެ މަސައްކަތެއް ހިނގަމުން އަންނަކަން މަހުލޫފު މިއަދު އިރުއޮއްސެނިކޮށް މަހުލޫފު ކަށަވަރުކޮށްދެއްވީ، "ރަން އިން ލާމު" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިވަގުތު ލ. އަތޮޅުގައި ހުންނަވައި ކުރެއްވި ޓްވީޓެއްގަ އެވެ. ލީޑާޝިޕް ބަދަލުކުރެވޭނީ ކޮންގްރެސް އަކުން ކަމަށްވެފައި، މެޖޯރިޓީ ކްލަބްތަކުން ސޮއިކޮށް ހުށަހަޅައިފި ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ އެވެ.

މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ފާއިތުވި ދެ އަހަރު އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، ދިވެހި ފުޓްބޯޅަ އަށް ގެއްލުން ވާގޮތަށް އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކޮށްފައިވާތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ވޯޓްލެވޭ މެޖޯރިޓީ ފުޓްބޯޅަ ކްލަބްތަކުން ސޮއިކޮށްފި ކަމަށް މައުލޫމާތު ލިބޭ" ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރުގެ ޖުލައި މަހު ބަދަލުކުރުމުން، އެތަނުގައި ސިޔާސީ ހަރަކާތް ހިންގަނީ ކަމަށް ބުނެ އޭރު ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެ އޮފީހަކީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބައެއް މަސައްކަތްތަކާއި ޕީޕީއެމަށް މީހުން އިތުުރުކުރުމުގެ ބައެއް މަސައްކަތްތައް ވެސްކޮށްފައިވާ ތަނެކެވެ.

އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

ހުޅުގަނޑު އަނެއްކާ ވެސް ރޯވުން

އެފްއޭއެމް އާއި މިނިސްޓަރު މަހުލޫފުއާ ދެމެދު ރޯވެފައިވާ ހުޅުގަނޑު، އަލުން ފަޅައިގެން މިދިޔައީ، މައިތިރިވީ ކަމަށް ބެލެވިފައި އޮއްވަ އެވެ. އެންމެ ފުރަތަމަ މައްސަލަ ގޯސްވީ މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން މިނިސްޓަރު ކޮމިޓީއެއް އެކުލަވާލެއްވުމުންނެވެ. އެކަމުގައި އެފްއޭއެމުން އޭއެފްސީގެ ލަފާ ހޯދުމުން އެ ޖަމިއްޔާ އިން ބުނީ އެފްއޭއެމްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

2016 ވަނަ އަހަރުގެ އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުން އިންތިހާބުކުރި އެކްސްކޯ: ލީޑާޝިޕް ބަދަލުކުރުމުގެ ބާރު ކްލަބްތަކަށް އޮވޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހިސާބުން މިނިސްޓަރު ވިދާޅުވީ އެ ތަނުން ބަލަނީ ދިވެހި ފުޓްބޯޅައަށް ސަރުކާރުން ހަރަދުކުރި ފައިސާގެ ކަންކަން ކަމަށެވެ. އެއާއެކު އެފްއޭއެމުން ބުނީ އެތަނަކީ ބަރާބަރަށް އޯޑިޓްކުރާތަނެއް ކަމަށާއި އެފަދަ މައްސަލައެއް ނޫޅޭނެ ކަމަށެވެ.

އެއާ އެކު، މިނިސްޓަރު ވަނީ އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާގެ ދައުވަތަކަށް ލަންޑަނަށް ވަޑައިގެން ބައްދަލުކުރައްވައި، ރާއްޖޭން އޭއެފްސީގެ އުސޫލުތަކާ ހިލާފުނުވާނެ ކަމުގެ ޔަގީންކަންދެއްވައިފަ އެވެ. އަދި ރައީސް ސޯލިހާ ބައްދަލުކުރައްވަން ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވި އެވެ.

އެއާ އެކު ބައްސާމް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައި ރާއްޖެ ވަޑައިގެން ރައީސް ސޯލިހާ ބައްދަލުކުރައްވަން ދައުވަތު ދެއްވައިފަ އެވެ. އޭގެ ފަހުން ފެނިގެން ދިޔައީ އޭޝިއަން ކަޕުގެ ތެރެއިން އިންފަންޓީނޯއާ މަހުލޫފު ބައްދަލުކުރައްވައި ފީފާ އާއި އޭއެފްސީގެ އެއްވެސް ގަވާއިދަކާ ހިލާފުނުވާނެ ކަމުގެ ޔަގީންކަން ދެއްވިތަނެވެ.

އަދި ފަހުން އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި އީގަލްސްގެ ސީނިއާ ދެ އޮފިޝަލުންނަށް އެފްއޭއެމްގެ އެކްސްކޯ އިން ޖާގަދީފަ އެވެ. މީގެ ތެރެއިން މާޒިޔާ އަކީ، އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު ކްލަބެކެވެ. އަދި އެ މައްސަލައިގައި އެފްއޭއެމްގެ އިހުމާލެއް އޮތް ކަމަށް ވެސް އެ ކްލަބުން ބުނެފައިވެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލައިގައި އެފްއޭއެމް އާއި ކްލަބްތަކުގެ މައްސަލަ ވެސް އޮތެވެ. ހަގީގަތުގައި އެ މައްސަލަ ބަލަން މަހުލޫފު އިސްނެންގެވީ ވެސް ކްލަބްތަކާއި އެފްއޭއެމުން އެކެއް އަނެކެއް ކުށްވެރިކުރުމުގެ ތިއްބަ އެވެ.

އޭގެ ފަހުން ބައްސާމް ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައި، ފުޓްބޯޅަ ކްލަބްތަކަށް ސަރުކާރުގެ ފަރާތުން މި އަހަރު ވެސް އެހީ ލިބޭނެކަން ޔަގީންކުރައްވައިފަ އެވެ. އެފްއޭއެމުން މިއަދު އެ ތުހުމަތުކުރީ، އެ ފައިސާ ނުލިބޭނެ ކަމުގެ ބިރު ދައްކަވައި ލީޑާޝިޕް ބަދަލުކުރެއްވުމަށް މަހުލޫފު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ތުހުމަތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވަނީ އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަހުލޫފު ކުރައްވަމުން އަންނަނީ ދަށުދަރަޖައިގެ އަމަލެއް ކަމަށް އެފްއޭއެމުން ބުނި ބުނުމަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވީ ދަށުދަރަޖައިގެ އަމަލަކީ އެފްއޭއެމުން ފުޓްބޯޅަ ހިިންގާ ކުރިއެރުވުމުގެ ބަދަލުގައި، ސިޔާސީ ކަންކަންހިންގާ، ބައިވެރިވެ، ސިޔާސީ ކަންކަން ކުރިއަރުވަން މަސައްކަތްކޮށް ފުޓްބޯޅަ ވީހާލެއްގައި ވާން ދޫކޮށްލުން ކަމަށެވެ.