މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޖެނުއަރީ 2019 - 17:42
މިދިޔަ އަހަރު 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދީފައި ނުވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކްލަބް މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އެފްއޭއެމުން މި ގޮތަށް ނިންމީ އެ އިދާރާގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ނިއު ސަސްޕެންޑް ކުރިއިރު، އެ އިދާރާގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ޚިލާފަށް ކަންކަން ކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އެ އެފްއޭއެމްގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ކްލަބްތަކުން މަސައްކަތް ކުރާ ކަމުގެ ވަރުގަދަ ސިގްނަލެއް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އިއްޔެ ވަނީ ދެއްވައިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ބައްސާމާ ދެކޮޅަށް މަސައްކަތް ކުރާ ކްލަބްތަކުގެ ތެރޭގައި ނިއު ހިމެނެ އެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިއަދާ ހަމައަށް ނިއު ރޭޑިއަންޓުން 10 ކުޅުންތެރިއެއްގެ މުސާރައަށް ވާ 3.8 މިލިއަން ރުފިޔާ ދެއްކުމަށް އެ އިދާރާ އިން ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް އެކި ފަހަރު މަތިން މުހުލަތުތައް ދީފައިވީ ނަމަވެސް މުސާރަ ނުދޭ ކަމަށް އެފްއޭއެމުން ބުންޏެވެ.
"އެކި ފަހަރު މަތިން ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް ހާޒިރު ކުރެވި މައްސަލަ ހުށަހަޅުއްވާފައިވާ ކުޅުންތެރިންނަށް މުސާރަ ދިނުމަށް އެތައް މުހުލަތުތަކާއި ފުރުސަތުތަކެއް ދެވިފައިވީ ނަމަވެސް ކްލަބްގައި ބަޖެޓް ނެތް ކަމަށާއި ބަޖެޓް ކުރެވިފައިވާ ހުރިހާ ފައިސާއެއް ހަރަދުކޮށް ހުސްވެފައިވާ ކަމަށް ބުނެ، މިއަދާ ހަމައަށް މިއިން އެއްވެސް ކުޅުންތެރިއަކާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކްލަބުން އަދާކުރަންޖެހޭ އެންމެހައި ހައްގުތައް އަދާކުރުމުގައި އަމަލު ކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށެވެ." އެފްއޭއެމްގެ ބަޔާނުގައި ވެ އެވެ.
އެފްއޭއެމްގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާ އިން، ހިންގާ ކޮމިޓީ އަށް ލިބިދޭ ބާރުގެ ދަށުން ނިއު އަށް ދީފައިވާ މި އަދަބުން އެ ޓީމަށް ސަލާމަތް ވެވޭނީ ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ކުޅުންތެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ހަލާސް ކުރުމުންނެވެ. އެކަން ނުކޮށް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ނިއު އަށް ވާދަނުކުރެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ. ނިއު އިން އަންނަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ފަށާ ޔޫތު ޗެމްޕިއަންޝިޕަށް ފަރިތަކުރަމުންނެވެ.
އަދި ނިއުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަަޅަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެފްއޭއެމުން ބުނިގޮތުގައި، ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ ހައިސިއްޔަތުން ފުޓްބޯޅަ އާއިލާގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދިނުމާއި އެއިން އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަން ލިބޭ ކަންތައްތައް ހުއްޓުވުން ހިމެނޭއިރު، ކުޅުންތެރިންނާއި ކްލަބްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަކީ އެ އިދާރާއިން އެންމެ އިސްކަންދޭ އެއް ކަމެވެ.
މީގެ އިތުރުން، ފުޓްބޯޅައިގައި ދިމާވާ މައްސަލަތައް ހައްލުކުރާއިރު ބައިނަލްއަގްވާމީ ގޮތުންނާއި އެފްއޭއެމްގެ ގަވައިދުތަކުގެ ތެރެއިން ފުޓްބޯޅައިގެ ކަންތައްތައް ހައްލުކުރުމުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި ނިއު އިން ބޮޑު ހަރަދުތަކާ އެކު ސީޒަނާ ކުރިމަތިލިއިރު، އެ ޓީމަށް މާލި މައްސަލަތައް ދިމާވީ އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބުމުންނެވެ. އޭގެ ފަހުން ނިއު އަށް ކުޅެމުން އައި އަލީ އަޝްފާގު (ދަގަނޑޭ) އަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ އޭނާ ވަނީ އެ މައްސަލަ އެފްއޭއެމަށް ހުށަހަޅައިފަ އެވެ. ދަގަނޑޭ އާއި ނިއުއާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމުން ބާތިލްކޮށްލުމުން ސީޒަނުގެ ފަހު ކޮޅުގައި ދަގަނޑޭ ކުޅުނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.
އޭގެ ފަހުން ނިއުގެ ގޯލުކީޕަރު އިމްރާން މުހައްމަދަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ އޭނާ ވެސް ވަނީ އެފްއޭއެމަށް މައްސަލަ ހުށަހަޅައިފަ އެވެ. އިތުރު ކުޅުންތެރިންތައް މުސާރައިގެ މައްސަލަ ހުށަހެޅީ ސީޒަން ނިމުމުންނެވެ.
މިދިޔަ އަހަރުގެ ސީޒަނުގައި ނިއުގެ އިތުރުން އެހެން ބައެއް ކްލަބްތަކުގައި ވެސް މުސާރައިގެ މައްސަލަ ޖެހުނެވެ. އޭގެ ތެރެއިން އެއް ކްލަބަކީ ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ވިކްޓަރީން ވަނީ އެ ކްލަބުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ 1.5 މިލިއަން ރުފިޔާ އަށް އަރާކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
27 January 2019
ކޮބާ އެފްއޭއެމް އިންރެފްރީންނަށްދޭންހުރި ފައިސާ މިކަމުގެ ޒިންމާނަގަނީ ކޮން ބައެއް
ރަދީފް
27 January 2019
#ބައްސާމްއައުޓް #ބައްސާމްއައުޓް #ބައްސާމްއައުޓް
އިޒަމިޒް
27 January 2019
ނިއުއާ ޖައްސާލައިގެން އައްޓަ މަހެއް ހެން އުޅޭތާ ލައްކަ ޒަމާންވެއްޖެ މި ބަންސާމު ބައްސާމު.. މިފަހަރު ބަލާނަން ބަންސާމުތޯ ނިއުތޯ ގަދައީ..ކިތަންމެ ގަދަފައިވިއްދާ ހުދު މުޙްތާރުކަން ދެއްކިޔަސް އުފުރާލާނެ.. ޝަވީދު ހުރެގެންނޭ ކިޔާފަ މާ ބޮޑާވާނެކަމެއް ނެތް.. އަހަރެމެން ދަންނަން ތިޔަ މީހަކުވެސް. ގަޑި ޖެހުނީމަ ހަމަ އުފުރިޖަތު ވާނެ
މޮހައްމަދު
27 January 2019
ޝަވީދު މެންކަހަލަ މީހުނައް ހީވަނީ އެމީހުން ސަރުކާރައް ވުރެވެސް ގަދަ އޭ، މަހޭ ނިކަން މި ބައިގަނޑު ސައިޒުއަރުވާލަ ބަލަ
ޒުވާނާ
26 January 2019
ބަންސާމް އިސްތިއުފާ. ބަންސާމް އިސްތިއުފާ. ބަންސާމް އިސްތުއުފާ.
ހޯރަފުށީ ޗާލުނަޔާ
26 January 2019
ތީހަމަ ޒާތީކަމެއް ކަން 100 ފަސެންޓް. ހުރިހާވެސް މަންސަލައަކީ ނިއު އިސްވެއޮވެ އެފްއޭމްއަށް އިސްލާހީ ބަދަލުތަކެއް ގެންނަށް އުޅުން. އިންސާ ﷲ އެފްއޭއެމްގެ މިހާރު ތިބި ހުދުމުހުތާރު ވެރިން ބަދަލުވާނެ
ޢަހްމަދު
26 January 2019
ހުދުމުހްތާރު ބައްސާމު އައުޓް
ވީއާރބުލޫސް
26 January 2019
ބަންސާމް ކިތައްމެ ގަދަފައި ވިއްދިޔަސް މިފަހަރު އެފްއޭއެމުން ބޭރުކުރާނަށް. ނިއުއާއި އަޅާ ގަނެގެން ނެންޓެން ނޭގިގެން އުޅޭތާ ކިތައްމެ ދުވަހެެއްވެއްޖެ މި ބަންސާމާއި އެފްއޭމްގަ އުޅޭ ވަކިބަޔަކު. މިއަދު ހެވިފަ ހުންޓަސް މާދަށް ހަމަ ޖެހޭނި ރޯން. ރޮންވާލާނަށް މިބުނީހަމަ.
ހޯރަ
26 January 2019
ބަންސާމްގެ ހުދުމުހުތާރު ކަން ހާމަވި ކަމެއް މި ފެނުނީ އަލީއާޒިމް ބަންސާމާއި ދެކޮޅަށް ޓްވިޓެއް ކޮށްލީމަ ހަޖްމް ނުވީ ދޯ. ފުރަތަމަ ޑިވިސަނުގަ ނެތް ތިބުނާ ބަރާބަރަށް މުސާރަ ދޭ ދަރަނި ވެރިނުވާ އެއްވެސް ކުލަބެއް. ހުދު އެފްއޭއެމުން ކުލަބު ތަކަށް ދޭން ޖެހޭ ފައިސާ (އިނާމަށް ދޭން ޖެހޭ ފައިސާ)ނުދެނި ކީއްވެ?
އާރީ
26 January 2019
އެފްއޭއެމުން ނިއުއަށް ދޭންޖެހޭ މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ބަންސާމް ހިފަހަންޓާގެން ތި އުޅެނި ކީއްވެ . ހުދުމުހުތާރު ވެރިގެން ނިމުން ކައިރި ވީމަ ތި ހެން ގަދަފައި ވިއްދާފަ އުޅޭނެ