މިދިޔަ އަހަރުގެ މިހާރު އެވޯޑްސް ހަފުލާ އަށް ފަހު ހުސެއިން (މ) ވޮލީބޯޅަ އެވޯޑް ހާސިލްކުރި ކުޅުންތެރިންނާ އެކު. ފޮޓޯ: އިމޭޖަސް އެމްވީ
07 ފެބުރުއަރީ 2019 - 13:34
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު އިއްޔެ އައްޔަންކޮށްފި އެވެ.
މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ފުރުއްވަމުން ގެންދެވި މި މަގާމަށް ހުސެއިން ހަމަޖެއްސިކަން އިއްޔެ ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އާއްމުކޮށްފަ އެވެ. މިއީ ނޮން އެގްޒެކެޓިވް މަގާމެކެވެ. ދުވަހުން ދުވަހަށް ކުންފުނި ހިންގުމުގެ ޒިންމާތައް ނަންގަވާނީ މެނޭޖިން ޑިރެކްޓަރެވެ.
ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ކޯޕަރޭޝަނަކީ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އަދަލުވެރި މިންގަނޑުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުން ވެސް ހިމެނެ އެވެ.
އެ ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހުސެއިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ދެ ދައުރު ފުރުއްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ހުސެއިން އަކީ ވޯލްޑް އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެ އެވެ.
ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ކޯހެއް ފުރިހަމަކުރައްވައި އަދި އޭނާ ވަނީ ބައިނަލްއަގްވާމީ ގޭމްސްތަކުގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓްތަކުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އެކްޓިވް ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ އެވެ. ބައިނަލްއަގްވާމީ ވަރަށް ގިނަ މުބާރާތްތަކެއްގައި އިންސާފުކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy