މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ މެޗަކަށް ފަހު އަމީރީ (ކ) ނިއުގެ ސަޕޯޓަރުންނާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ފެބުރުއަރީ 2019 - 10:46
މިިދިޔަ އަހަރުގެ ކުރީކޮޅުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަފްގާނިސްތާންގެ ފުލްބެކް ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް އެ ކްލަބަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އަންގައިފި އެވެ.
ފީފާއިން ނިއު އަށް ފޮނުވި ސިޓީގައި އަންގާފައިވަނީ އަމީރީގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި އުސޫލުން ބޭރުން ނިއު އިން އަމީރީގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާތީ އޭގެ އަށް ދައްކަން ޖެހޭ 30،130 ޑޮލަރު ދެއްކުމަށެވެ. އެ ގޮތުން ޖުމްލަ ނިއު އިން ވަނީ އަމީރީ އަށް 45،636 ޑޮލަރު (703،707.12 ރ) ދައްކަން ޖެހިފަ އެވެ.
ނިއު އިން މި ފައިސާ ދެއްކުމަށް ފީފާއިން އެ ކްލަބަށް ދީފައިވަނީ 45 ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތުގެ ތެރޭގައި ނިއު އިން އެ ފައިސާ ނުދައްކައިފިނަމަ އެ ކްލަބަށް ލިބޭނެ އަދަބަކީ ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއަޑުގެ ތެރޭގައި ކުޅުންތެރިއަކު ރަޖިސްޓްރީނުކުރެވުމެބެ.
މިދިޔަ އަހަރުގެ ސީޒަނުގެ ކުރީކޮޅުގައި ނިއު އަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު އަމީރީ ރާއްޖޭން ފުރީ ޖޫން 8 ވަނަ ދުވަހު އެވެ. ރާއްޖޭން ދިޔައިރު އޭނާ ވަނީ ނިއު އިން އަބަދުވެސް އޭނާ އަށް ކަންތައްތަކުގައި އޮޅުވާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ ހައްގުތަކެއް ގެއްލިފައިވާތީ އޭގެ ބަދަލުތަކެއް ހޯދަން ދައުވާކުރާނެ ކަމަށް އޭރު ވެސް ވަނީ ބުނެފަ އެވެ.
އަމީރީގެ މުސާރަ ދޭން ނިއު އަށް ފީފާއިން އަންގާފައިވާއިރު، އެފްއޭއެމުން މިދިޔަ މަހު 23 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެފްއޭއެމުން ވަނީ ނިއު އިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާ އެކު އެ ޓީމަށް ދީފައިވާ ސަސްޕެންޝަން ނަގާނެ ކަމަށް ބުނެފަ އެވެ.
މުސާރަ މައްސަލައިގައި ނިއުގެ ކުޅުންތެރިން ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް އެފްއޭއެމުގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބަލަމުން އަންނައިރު ދާދި ފަހުން އެ ކޮމިޓީން ވަނީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އެ ކްލަބާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ.
ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.
ރާއްޖޭގެ ކްލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ފީފާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މުސާރަ ލިބެނީ އެ މައްސަލަ ހުށަހަޅާތާ އެތަކެއް ދުވަސް ފަހުންނެވެ.
އެ ގޮތުން ކްލަބް ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ނުދީ އޮތް މުސާރަ ދެ އަހަރަށް ފަހު އޭނާ އަށް ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެކި މުހުލަތުތަކެއް ދީގެން މުނޯޒަށް ޖުމްލަ އެކު ވެލެންސިއާ އިން މުނޯޒަށް 9595 ޑޮލަރު (147،954 ރުފިޔާ) ދައްކަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު
09 February 2019
#ބައްސާމުއައުޓް #ޒިޔާދު އިސްތިއުފާ
ހަސަންބެއްޔާ
08 February 2019
ސުޒޭނާ ،މަހުފޫޅު އޭ.ކޭ.އޭ ފޮޓޯ އަބުދު މިފަހަރު ފީފާ ވެސް ރިފޯމުކުރާނެ ...
މާޓިން ބަޝީރު
08 February 2019
ނިއުރޭޑިއަންޓުން ފަންޑު ހޯދަން ގެން ގުޅޭ ފަލްސަފާ: މިއަދު ދިއައީ ޗޮކުހުން މާދާމާ މުދަށް އެރި އުޅެނިކޮށް ބޮޑު މާވަހަރެއް ފެނިއްޖެއްޔާ އަތުޖެހުނު ހުރިހާ ކުޅުންތެރިން ގަންނާނީ ދެން އޭތީ ބޮޑު އަގުގަ ވިކިއްޖެއްޔާ މުސާރަވެސް ދެވުނީ ތަށިވެސް ލިބުނީ. އުޅެއުޅެ މާވަހަރެއް ނުފެނިއްޖެއްޔާ ދޭން އޭރުން އެކަމާ ވިސްނާނީ. އަހަރުމެން މީޑިއާގަ ބުނިއެއްޗެއްދޯ ހަރުއަޑުން ގުގުމައިގެން ދާނީ.
ކިއްލިބާޝާ
08 February 2019
ތިބުނިކަހަލަ މާވަހަރެއް މީގެ އަށެއްކައަރު ކުރިން ނިއުއަށް ލެއްގި. މިހާރު އެމާވަހަރު ލައްގާފައި އޮތީ ފަތުރުވެރިކަމުގެ ވުޒާރާޔަށް.
ބާބާ
08 February 2019
މީ ވަރަށް ބޮޑު ލަދެއް ދިވެހިރާއްޖެ ފުޓްބޯޅައަށް. ފުރަތަމަ ވެލެންސިއާ ދެން ވިކްޓަރީ މިހާރު ނިއުރޭޑިއަންޓް. ރާއްޖޭގެ ފުޓްބޯޅައިގެ އެންގެ ގަދަ ތިންބާރު މިލަދުވެތި ލިސްޓުގަ. އެހެންވީމަ މިހެންވެދާނޭ އެމުބާރާތުގެ އެނެއްބުރަށް ގޮސްސިޔާ މިހާ ލައްކައިން ފައިސާލިބޭނެއޭ ކިއާ ކުނި މެތަމެޓިކުސް ނަހަދާ އަތުގަ ހުރިވަރަކުން ކަންކުރަން ދަސްކުރަންވީނުން.
އިއްސޭ
08 February 2019
އަތްނުފޯރާފަށުން ކަންތައް ކުރަން އުޅުނީމަ ވާގޮތް މިފެންނަނީ. ނިއުއިން ބުނާނެ އެފްއޭއެމްއިން ފައިސާގެ އިނާމު ދިނުން ލަސްވީމައޭ މިހެންވަނީ. ހަގީގަތުގަ އެފައިސާކޮޅަށް ބަރޯސާވެގެނެއް ނުތިބެވޭނެ. އެއީ ކުޑަކުޑަ އެތިކޮޅެއް. 3.8 މިލިއަނާ ގާތްވެސްނުކުރޭ. އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުން ކްލަބެެއްނަމަ އިތުރު ގޮތްތޮތުން ފައިސާހޯދަން މަސައްކަތްކުރާނެ. ކޮބާތަ ނިއުގެ ހުޅުވާނަމޭބުނި ފިހާރައާއި ކެފޭ؟ ހުސްފޮނިކެނޑުމެއްދޯ؟
ނަގިއްޔާ
08 February 2019
އޭރު މިކުޅުންތެރިއާ ފޮނުވާލީކަމަށް ނިއުރޭޑިއަންޓުން ބުނަމުން އައީ ބޮޑަ ހާކާ، އަޚުލާގީ މައްސަލަ ތަކަކާ ހެދިޔޭ. އެކަމަކު މިޖެހުނީ ކޮންތާކު. ރީއްޗެނުން. ވަރަށް ރީއްޗެއްނުން. އޭނަގެ މުސާރަ ހިފަހައްޓައިގެން ތިބެ މިބުނީ އަޚުލާގީ މައްސަލަތަކޭ. ބަލަގަ ކުރާ މަސައްކަތަށް އުޖޫރަނުލިބޭނަމަ ކާކު މައިތިރިވެގެން ހުންނާނީ ނޫނީ ބުނަންވީތަ މިފަހަރު ދެން އެއްޗެއް ނުދިނަސް އޯކޭ ދެން ފަހަރަކު އޭ، ކިކޭ ބުނާނީ. ހެޔޮނުވާނެނުން މިކަހަލަ ބޮޑެތި އޮޅުވާލުން އޮޅުވާލަން.
އޮއިވަރު
08 February 2019
ކްލަބްތަކުން ފައިސާ ހަރަދުކުރިގޮތްވެސް ބަލަންވީނު.
ޚާމި
08 February 2019
ކުޅުން ތެރިންނައް މުސާރަ ނުދެވެންޔާ ކުޅުންތެެރިން ރާއްޖެ ނުގެނައުން ބުއްދިވެރި މިކަމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އައް އޭގެ ނޭދެވޭ އަސަރުކުޜޭ އަދި ރާއްޖޭގެ އަގު ވެއްޓޭ !!!!
ބަބުރުކަލޯ
08 February 2019
އެއްވެސް ކުލަބަކުން ނުފޯރާފޮތިން ފޫގަޅަންއުޅޭނެކަމެއް ނެތް.
ޟިން
08 February 2019
ފީފާ އިންވެސް ނިއު އަށް ޒާތީވީބާ
ސުޒޭންޖީ
08 February 2019
ދެން ފީފާ ވައްޓާލަން ނިކުންނަންވީ. ކޮބާ މިނިސްޓަރާއި ސުޒޭން.