11 ފެބުރުއަރީ 2019 - 10:45
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބާތިލްކުރި ގޮތާ މެދު ނިއު އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އެ ކޮމިޓީން ހަމްޕު އާއި ހޮކޭގެ ކޮންޓްރެކްޓް ބާތިލްކުރީ ނިއު އިން މުސާރަ ނުދޭތީ ކޮންޓްރެކްޓް ބާތިލްކޮށްދޭން ދެ ކުޅުންތެރިން އެދުމުންނެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ބުނީ އެ މައްސަލައިގައި ޖަވާބުދާރީވާން އެންގުމުން، މުސާރައިގެ ކަންކަން ހަމަޖައްސަމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިވަގުތަށް ކޮންޓްރެކްޓް އުވާނުލައި މަޑުކޮށްދޭން އެދުނު ކަމަށެވެ.
"އެކަމަކު އެއަށް ޖަވާބެއް ނުދީ އަދި އަޅުގަނޑުމެން ކޮމިޓީއަށް ހާޒިރުނުކޮށް ކޮންޓްރެކްޓް އުވާލީ. ދެ ފަރާތުގެ މައްސަލައަކަށްވާތީ ދެ ފަރާތް ކޮމިޓީއަށް ހާޒިރުކޮށް ގޮތް ނިންމަން ޖެހޭނެ ކަމަށް ދެކެނީ. އެކަމަކު އެ ދެ ކުޅުންތެރިންނަކީ ކޮންޓްރެކްޓުގައި ތިބި ދެ ކުޅުންތެރިންނަށް ވާތީ، އިތުރު ފުރުސަތެއް ދޭން އެދިފައި އޮއްވާ އަޅުގަނޑުމެންގެ ބަހެއް ނުހޯދައި އުވާލީ،" ޓެޑް ބުންޏެވެ.
މިދިޔަ އަހަރު ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އެފަދަ މައްސަލައެއް ހުށަހެޅުމުން އޭނާގެ ކޮންޓްރެކްޓް ބާތިލްކުރީ ދަގަނޑޭގެ އިތުރުން ނިއު ވެސް ހާޒިރުކުރުމަށް ފަހު އެންމެންގެ ހާޒިރުގަ އެވެ.
"އެ ފަހަރު އަޅުގަނޑުމެންނަށް ފުރުސަތު ދިން. ކްލަބާއި ކުޅުންތެރިޔާ ވެސް ހާޒިރުކޮށް، އެންމެން ތިބެގެން މައްސަލަ ނިންމީ. އެ ފަހަރު އަޅުގަނޑުމެން ބުނިން، ދެ ފަރާތަށް އެންމެ މަސްލަހަތު ހުރިގޮތަކީ ކޮންޓްރެކްޓް ބާތިލްކުރުމޭ. އެކަމަކު މި ފަހަރު އަމަލުކުރި ގޮތް ތަފާތު" ޓެޑް ބުންޏެވެ.
އެފްއޭއެމުން މިހާރު ވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް ބުނެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ނިއު އިން ދެކޭ ގޮތުގައި އެއީ އެ ކްލަބުން އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގަން އުޅުމުން އެޅި ޒާތީ ފިޔަވަޅެކެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ކްލަބްތަކެއްގައި މުސާރަ ނުދިނުމުގެ މައްސަލަ އޮއްވާ ހަމައެކަނި ނިއު އަށް އަދަބު ދިނުމެވެ.
ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި އެހެން ހުރިހާ ކްލަބަކުން ވެސް މުސާރަ ނުދިނުމުގެ މައްސަލަ، ހުށަހެޅި އޭގެ ތެރޭގައި ނިއު އަށް ވުރެ އެ މައްސަލައިގައި ގިނަ ދުވަސްވީ، އަދި ގިނަ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހުރި ކްލަބްތައް ވެސް ހިމެނޭ ކަމަށް އެފްއޭއެމްގެ ޕްލެޔާ ސްޓޭޓަސް ކޮމިޓީގެ މެމްބަރުންނަށް ހަވާލާދީ ނިއު އިން ބުނެ އެވެ.
އެހެން އެކަން އޮއްވާ، އަދި 2016 ވަނަ އަހަރުން ފެށިގެން އެ ކްލަބަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުދީ އޮވެ، އެއްވެސް އިންޒާރު ދިނުމެއް ނެތި ނިންމި ހަރުކަށި، ތާކުންތާކު ނުޖެހޭ ނިންމުން ބަލައިނުގަންނާނެ ކަމަށް ނިއު އިން ބުނެ އެވެ.
ނިއު އިން ހުށަހަޅަން އުޅުނު އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ވަނީ ހުށަހަޅައިފަ އެވެ. އެ ކްލަބުން ބުނީ ސަސްޕެންޑްކޮށްފާނެތީ ޖެހިލުންނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުތުގާލް
11 February 2019
ތި ޒިޔާދު އައިސް ޝަރަފްވެރިކޮށް އޮތް ޓީމުގެ އިއްޒަތް ވެއްޔާ މޮޑެލައިފި. މާފެއް ނެތް.
ރަދީފް
11 February 2019
ހިތްވަރުއެލުވާލަން އަދި ގާތްވެސް ނުވޭ.
ރަދީފް
11 February 2019
ބޮޑުއަގު ދީފަ ޔޫރަޕްގެ ގައުމުތަކުގަ ކުޅުންތެރިން ލައްވާ ސޮއިކުރުވާ ސްޓައިލަށް ރާއްޖޭގަ ނުކުރެވޭނެ.އެހެނީ އެމީހުންގެ ޖާޒީ ވިއްކައިގެންވެސް އެއަދަދު ހަމަކޮއްލެވޭނެ.ދެމެހެއްޓެނިވި ގޮތެއްގަ މިކަން ރަނގަޅަށް ކުރުން އެއީ ދަތިކަމަކަށްވާނެ.ބެކްކޮއްދޭނެ ފައިސާވެރިބަޔަކު ތިބިނަމަ ކުޑަދުވަސްކޮޅަކަށް ނުކުރެވޭނެ ވާހަކައެއްނޫން.ސަސްޓެއިން ނުވެދާތަން މިފެންނަނީ.
އިހްސާސް
11 February 2019
ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައަކީ ވެސް ތިޔައެގްރިމަންޓުގަ ލިޔެފައޮތް އެއްޗެއް. ނުދިނުމަކީ އެއާ ހިލާފުވުން. އިތުރުފުރުސަތު ދެވޭނީ ދެން ކުޅުންތެރިޔާ އެގޮތަށް ރުހޭނަމަދޯ.
ބައްތެލި
11 February 2019
އަޖައިބެއް ލާރި ހޯދައިގެން ސޮއެކޮއްބަލަ އަނެއްކާ! ކޮންޓްރެކްޓުގަ އޮތީ އަޅުންތަކެކޭތަ އެއީ؟ ކޮންޓްރެކްޓުގަ އޮވޭތަ މުސާރަދޭން؟