މޯހަން (މ) އޭނާއާ އެކު ކޯހުގައި ކިޔަވަމުން އަންނަ ދެކުނު ކޮރެއާގެ ކުރީގެ ދެ ކުޅުންތެރިންނާ އެކު.
17 ފެބުރުއަރީ 2019 - 12:49
ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަށް އެފްއޭއެމުން ދިން ފުރުސަތުގެ ބޭނުން އޭނާ ހިފަން ފަށައިފި އެވެ.
ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޯ ލައިސަންސް ކޯޗިން ކޯހުގެ ފުރަތަމަ ބައި ފުރިހަމަކުރަން އޭނާ މިވަގުތު ހުރީ ތައިލެންޑުގަ އެވެ. ކޯސް ނިމޭނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ. މި ކޯސް މިހާތަނަށް ފުރިހަމަކޮށްފައިވާ ހަމައެކަނި ދިވެހި ކޯޗަކީ މުހައްމަދު ޝާޒްލީ އެވެ. އެކަމަކު އޭނާ އަށް އަދި ލައިސަންސް ސެޓްފިކެޓް ނުލިބެ އެވެ.
އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.
މޯހަން ވަނީ މި ފުރުސަތު ހޯދައިދިނީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) އަށް ޝުކުރުއަދާކޮށްފަ އެވެ. މޯހަން އާއި ސާންތީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރިއިރު 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ރާއްޖެ 0-0 އެއްވަރުކުރި މެޗުގައި ކުޅުނު ކިމް ނަމް އިލް އާއި ސޯލް ހީ-ހިޔޯން ވެސް މި ކޯހުގައި ބައިވެރިވެ އެވެ. އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގައި ވެސް ކުޅުނު މި ދެ ކުޅުންތެރިންގެ ތެރެއިން ސޯލް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ރެޑިން އަދި ފުލަމް އަށް ކުޅެފަ އެވެ.
މޯހަން (ކ) ނޭޕާލުގައި ކޯޗިން ކޯހެއްގައި ކިޔަވައިދެނީ.
މީގެ އިތުރުން ތައިލެންޑުގެ ކޯޗު ސިރިސަކް ޔޮޑްޔަރްތައީ އާއި ޖަރުމަނުގެ ދެ ކޯޗަކު ވެސް މޯހަންއާ އެކު ކޯހުގައި ކިޔަވަ އެވެ. ޔޮޑްޔަރްތައީ އަކީ މި އަހަރުގެ އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖުން އިންޑިއާ އަތުން ތައިލެންޑް 3-0 އިން ބަލިވުމުން އޭރު ހުރި ކޯޗު ވަކިކުރުމަށް ފަހު ހަވާލުކުރި ކޯޗެވެ.
މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެ އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފަ އެވެ.
މޯހަން އަކީ ރަސްމީކޮށް ފުޓްބޯޅަ ނުކުޅެ ކޯޗިންގެ ތެރެއަށް ވަން މަދު ދިވެހިންގެ ތެރެއިން އެންމެ ކާމިޔާބު ކޯޗެވެ. އޭނާގެ ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ، 1997 އިން 2008 އަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ.
ފަހުން ކްލަބް ކޯޗިން އަށް ވަދެ، އޭނާގެ އާއިލީ ކްލަބެއްގެ ގޮތުގައި ފާހަގަވި ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. އެންމެ ފާހަގަކޮށްލެވެނީ މެޗަކުން ބަލިނުވެ ނިއު އަށް 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުމެވެ. އޭގެ ފަހުން ވެލެންސިއާ، އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ ޓީމަށް ވެސް ކޯޗުކޮށްދިނެވެ. މިދިޔަ އަހަރު އޭނާ ވަނީ ކްލަބް އީގަލްސްއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މި އަހަރު ފެންނާނެ ކްލަބެއް އަދި ނޭގެ އެވެ.
"ކޮންމެވެސް ކްލަބަކުން ފެންނާނެ ކަމަށް އުއްމީދުކުރަނީ. އަދި ގޮތެއް ނުނިންމަން މުޅިއަކުން،" މޯހަން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަދީބު
17 February 2019
ބެސް އޮފް ލަކް... ތި ނިންމާފަ މިހާރުގެ ޤައުމީޓީމު ކޯޗުމުއްދަތު ހަމަވާއިރަށް އައިސް ޤައުމީޓީމަށް ހަވާލުވޭ ކުރިން ހޯދިކަހަލަ ރަންވަނަ އެއް ހޯދިދާނެ
އޭއެފްސީގެ މައިނާރު
17 February 2019
އޭއެފްސީ ޕްރޯ ލައިސަންސް އެއީ ދުނިޔޭގެ އެންމެ މަތީ ފާހަށް ވާގޮތަކާމެދު މި ހުރީ އަންތަރީސްވެފައި. އޭއެފްސީއަކީ ފީފާގެ މަތިން އޮންނަތަނެކޭ ނުބުނެފިއްޔާ ކިތަންމެހާވެސްރަގަޅު.