2017 ވަނަ އަހަރުގެ މާލޭ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިންމަ (ވ) ބޯޅަ ހިފައިގެން.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ފެބުރުއަރީ 2019 - 23:09
މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި ހިސާމް ސަލީމް (ކޮކީ) ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.
ވިޔަންސާ ޓީމުން ފާހަގަވި އިންމަގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ އީގަލްސް އަށް ބަދަލުވެ، އޭނާ ދައްކަން ފެށި މޮޅު ކުޅުމުގެ ސަބަބުންނެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އިންމަ ނިއުއާ ގުޅުނީ މިދިޔަ އަހަރު އެވެ. އެ ޓީމާ އެކު އޭނާ ވަނީ އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްފަ އެވެ.
އީގަލްސް އަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އެ ފަހަރު ޕްރިމިއާ ލީގުގައި އިންމަ ކުޅުނީ ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށެވެ. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅެފައިވާ އިންމަ ފާހަގަކުރެވެނީ މަސައްކަތުގެ ރޭޓާއި ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު އޭނާ ވަނީ ތަފާތު މަގާމުތަކެއްގައި ނިއު އަށް ކުޅެފަ އެވެ. ޓީމު އެންމެ ބަލިކަށިވެފައި އޮތް ވަގުތު ޑިފެންޑަރެއްގެ މަގާމުގައި ވެސް ކުޅުނެވެ.
2017 ވަނަ އަހަރުގެ ޕްރިމިއާ ލީގުގައި ވެލެންސިއާގެ ކޮކީ (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ އިލިއާ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފަހަކަށް އައިސް ރާއްޖޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ފުލްބެކުންގެ ތެރޭގައި ކޮކީ ހިމެނެ އެވެ. އޭނާ މިދިޔަ އަހަރު ނިއު އަށް ބަދަލުވުމުގެ ކުރިން ވަނީ ކްލަބް ވެލެންސިއާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކޮކީގެ ކުޅުން އެންމެ ބޮޑަށް ރަނގަޅުވީ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި ވެލެންސިއާ އިންނެވެ. އެ ޓީމާ އެކު އޭނާ ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
ޒުވާން ކުޅުންތެރިން ޕްރޮމޯޓު ކުރުމުގެ ވިސްނުން އިސްކުރާ ކްލަބެއްގެ ގޮތުގައި ފާހަގަވާ އީގަލްސް އިން ފާއިތުވި އަހަރުތަކުގައި ފެނުނު ކުޅުންތެރިން މި އަހަަރު ވެސް ފެންނާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު މާލޭ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އިން ޕްރިމިއާ ލީގު ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި މި ފަހަރު ވެސް އުފުލާލީ އީގަލްސް އިންނެވެ. މިއީ މި މުބާރާުތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް އީގަލްސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާ
03 March 2019
މާޝާﷲ. އެކިއެކި ދާއިރާތަކުން މާމިގިލި ކުދިން ވިދަމުންދާއިރު މިދެ ޒުވާނުންނަކީވެސް ކުޅިވަރުގެ ދާއިރާގައި މާމިގިލި ފަޚިރުވެރިވާފަދަ ޒުވާން ދެ ކުޅުންތެރީން
ޙަސަންފުޅު
01 March 2019
މަރުހަބާ އިންމަ، އިންމަގެ ޓީމަކީ ތީ
މާމިގިލި
01 March 2019
މާމިގިލި ފަހުރުވެރި ކޮއްދޭ ދެ ޒުވާނުން