ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކުރިއަށް ދިއުމަށް ލަބާނަށް މުހިއްމު ފުރުސަތެއް

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ލަބާން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި މަހު އޮންނަ އޭއެފްސީގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅޭ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ސީނިއާ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ނެތް ނަމަވެސް ޒުވާން ގޯލްކީޕަރު ލަބާން ޝަރީފް ޓީމާ އެކު ފަރިތަކުރަމުން އަންނަނީ އޭނާ އަށް ކުރިއަށް ދިއުމަށް ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލަކަށް ހަމަލާދިންކަމުގެ ކުށް ސާބިތުވެ، ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން އޭނާ މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖޫން މަހު ގްރީން ސްޓްރީޓްސް އަށް ބަދަލުވެ، ލަބާން ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ލަބާން ގެންދަން ސެގާޓް ބޭނުންވި އެވެ. އެކަމަކު އެ ގޮތަށް ނުވީ ލަބާން ޕެރޯލްގައި ހުރުމުންނެވެ.

އެކަމަކު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ލަބާން މިނިވަންވެފައިވާއިރު، އޭނާ އަންނަނީ ގަވައިދުން ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވަމުންނެވެ. ލަބާނަށް 23 އަހަރު ފުރިފައިވާތީ މުބާރާތަށް އޭނާ ގެންދަން ނިންމީ 23 އަހަރުން މަތީގެ ތިން ކުޅުންތެރިންނަށް ދޭ ޖާގައިގެ ތެރެއިންނެވެ. އެކަމަކު ގަވަައިދުގައިވާ ގޮތުން ސީނިއާ ކުޅުންތެރިން ކޮލިފައިންގައި ނުޖެހޭކަން އެނގުމުން ވެސް ލަބާނަށް ފުރުސަތު ދޭން ނިންމީ ސަބަބެއް އޮތުމުންނެވެ.

"އަހަރެން ކުރިން ވެސް ލަބާން ގެންދަން ބޭނުންވި. އޭނާ އަކީ ހުނަރުވެރި މޮޅު ކީޕަރެއް. އަހަރެމެންގެ މާ ގިނަ ކީޕަރުންނެއް ނެތް. އެހެންވެ އެބަޖެހޭ އަރަމުން އަންނަ ކީޕަރަކަށް ފުރުސަތުދޭން،" ސެގާޓް "މިހާރަ"ށް ބުންޏެވެ.

އަންނަ އަހަރު ތައިލެންޑުގައި އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ކޮލިފައިން ބުރުގެ މެޗުތައް އޮންނާނީ މި މަހު 22 އިން ފެށިގެން 26 އަށެވެ. ސައޫދީ އަރަބިއާ އާއި ޔޫއޭއީ އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ރާއްޖޭގެ ޓީމު ތައްޔާރުވުމަށް މިއަދު 27 ކުޅުންތެރިންނާ އެކު ފިލިޕީންސަށް ޓްރެއިނިން ކޭމްޕެއްގައި ފުރާނެ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސެގާޓް (ކ) އާއި ޓްރެއިނަރު ކްރުނިޗް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ޓްރެއިނިން ކޭމްޕްގައި ވެސް ލަބާން ބައިވެރިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮލިފައިންގައި ނުކުޅެވުނަސް ލަބާނަށް ފުރުސަތު ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ އަންނަ ޖުލައި މަހު އޮތް އިންޑިއަަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި އޭނާ އަށް ފުރުސަތު ދިނުމުގެ ކުރިން ރަނގަޅު ޓްރެއިނިންތަކެއް ދިނުމުގެ ގޮތުންނެވެ.

ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މެލޭޝިއާއާ ދެކޮޅަށް ގޯލު ބެލެހެއްޓީ މާޒިޔާގެ ޒުވާން ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. މި ފަހަރު ކޮލިފައިންގައި ވެސް ރާއްޖޭގެ ގޯލު ބަލަހައްޓާނީ ހުސެން އެވެ. މި މުބާރާތުގެ އިތުރުން މި އަހަރު ގައުމީ ޒުވާން ޓީމަށް ދެން އޮތް މުބާރާތަކީ ސެޕްޓެމްބަރު މަހަށް ތާވަލުކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް އެވެ. މި މުބާރާތުގައި ވެސް ލަބާނާއި ހުސެން އަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

"މި ފަހަރުގެ ކޮލިފައިންގައި މި ލިބެނީ މި ކުޅުންތެރިން ތަޖުރިބާކޮށްލަން ރަނގަޅު މެޗުތަކެއް. ހަގީގަތުގައި މީގެއިން ވަރަށް ގިނަ ކުޅުންތެރިން ކުރިއަށް ހުރި މުބާރާތްތަކަށް ދިއުމުގެ ކުރިން ގިނަ ކަންތައްތަކެއް ދަސްކުރާނެ،" ސެގާޓް ބުންޏެވެ.

ލަބާން ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ. ސަތާރަ އަހަރަށް ފަހު ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރިއިރު، އޭނާގެ މަގާމަށް އަންނާނެ ކީޕަރެއްގެ ގޮތުގައި ގިނަ ބަޔަކު ލަބާން ފާހަގަކުރި އެވެ.

އިންޓަ ސްކޫލް މުބާރާތުން ވިދާލި ލަބާނަށް 2012 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ. އޭނާ ހައްޔަކުރީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަހަރެއްގަ އެވެ. ކުޅުމަށް އެނބުރި އައިސް ގްރީން ސްޓްރީޓްސްގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަ ބައެއް ތައުރީފުކުރިއިރު، އެ ޓީމުން ވަނީ އޭނާ އަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދީފަ އެވެ.

އޭއެފްސީ ކޮލިފައިން ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ޒުވާން ގައުމީ ޓީމު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. އެ އަށް ފަހު 24 ވަނަ ދުވަހު ޔޫއޭއީއާ ބައްދަލުކުރާނެ އެވެ. ފަހު މެޗުގައި ލެބަނަންއާ ދެކޮޅަށް ކުޅޭނީ މި މަހު 26 ގަ އެވެ.

0 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 5%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454