އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 މާޗް 2019 - 10:54
މިދިޔަ އަހަރު ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރިޒުވާން (ރިޒޭ) ކްލަބް އީގަލްސްއާ އެކު ހަދާފައިވާ އެއްބަސްވުންއާ ކުރިއިރު، އެ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިއާ ހަސަން ރާއިފް އަހުމަދު (ހަންނަ) ކްލަބްގައި މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އީގަލްސް އިން ބުނެފި އެވެ.
އީގަލްސް އިން ބުނީ ރިޒޭގެ އިތުރުން އެހެން ކުޅުންތެރިން ވެސް އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރާނެ ކަމަށެވެ. އީގަލްސް އިން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުނު ކުރީގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ފުލްބެކް ހިސާމް ސަލީމް (ކޮކީ) ގެންގޮސްފަ އެވެ.
އުމުރުން 23 އަހަރުގެ ރިޒޭ، އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކްލަބް އީގަލްސް އަށް ކުޅެމުންނެވެ. ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ކެރިއަރު ފަށައި ފަހުން އީގަލްސް އަށް ބަދަލުވެ ރިޒޭ ވަނީ އެ ޓީމާ އެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. އަދި އީގަލްސް އިން 2016 ވަަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވި މެޗުގައި ލަނޑު ޖެހީ ރިޒޭ އެވެ.
މިދިޔަ ސީޒަނަކީ ރިޒޭގެ ކެރިއަރުގައި އޭނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކި އަހަރެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 33 ލަނޑު ޖަހައިފަ އެވެ. ރިޒޭ ވަނީ މިދިޔަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު އެންމެ ފުރަތަމަ ރިޒޭ އަށް ފުރުސަތެއް ނުލިބެ އެވެ. އޭނާ އަލުން ގައުމީ ޓީމުގައި ހިމެނުނީ މިދިޔަ އަހަރު މެލޭޝިއާއާ ދެކޮޅަށް ނޮވެމްބަރު މަހު ރާއްޖެ ކުޅުނު އެކުވެރި ކަމުގެ މެޗަށް ނެގި ސްކޮޑުގަ އެވެ.
އީގަލްސް އަށް ހަންނަގެ ކުޅުން ފެނުނީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އޭނާގެ އުފަން ރަށް ކަމަށްވާ ހިތަދޫގެ ޓީމަށް ކުޅެނިކޮށެވެ. އީގަލްސް އިން އެ ފަހަރު ހަންނަ ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމަކު ޖެހިގެން އައި 2016 ވަނަ އަހަރު ހަންނަ ވަނީ ޓީސީގެ ޓަރަޔަލްގައި ބައިވެރިވެފަ އެވެ. އެހެން ނަމަވެސް އޭނާ ފަހުން ނިންމީ އީގަލްސް އަށް ސޮއިކުރާށެވެ.
ދާދި ފަހުން ނިމުނު ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަންނަ ހޯދަން އެހެން ކްލަބްތަކުން ވެސް މަސައްކަތް ކުރަމުން އަންނަކަން ވަނީ އެނގިފަ އެވެ.
މިދިޔަ ސީޒަނުގައި މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު އީގަލްސް ވަނީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައި ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނައިގައި ނިންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިޕީޑިއާ
12 March 2019
ސެންޓޭ މިފަހަރު ކިހިނެއްބާ މިހަދަނީ... އެންމެން ތަންތަނަށް ގޮސްހުސްވާއިރު ވެސް ސެންޓޭގެ ހަބަރެއްނެތްވީޔާ00000000