ފަހު ސީޒަން: ސުޖަން އުއްމީދުގައި

ފާއިތުވި ހަތަރު އަހަރު ކްލަބް އީގަލްސްގެ ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އަކީ ރާއްޖޭގައި މި ވަގުތު ކުޅެމުން އަންނަ އެންމެ މޮޅު އެއް ކީޕަރެވެ. ސުޖަން ވަނީ ރާއްޖޭގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދައިފަ އެވެ. ކުރިއަށް އޮތް ސީޒަނުގައި ވެސް އީގަލްސްއާ އެކު ކުރިއަށްދާން ނިންމާއިރު، ސުޖަންގެ އަމާޒަކީ މިއީ ވަރަށް ފުރިހަމަ އަހަރަކަށް ހެދުމެވެ.


ރާއްޖޭގެ ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމައި މިދިޔަ އަހަރު އޮކްޓޫބަރު މަހު އެކަން އިއުލާނުކޮށްފަ އެވެ. އެ ގޮތުން ބަލާއިރު މި ސީޒަނަކީ ބިދޭސީ ގޯލްކީޕަރުން ލައިގެން ކުޅެވޭނެ ފަހު އަހަރެވެ.

ސުޖަން ވަނީ 2017 ވަނަ އަހަރު އީގަލްސްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކޮށްފަ އެވެ. އުމުރުން 26 އަހަރުގެ ސުޖަން "މިހާރަ"ށް ބުނީ އީގަލްސްގައި މިއީ ކާމިޔާބު އަހަރަކަށް ހަދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ.

"ބިދޭސީ ކީޕަރު ނުކުޅެވޭ ގަވާއިދު އޮތީމާ މިއީ އަހަރެންގެ ފަހު ސީޒަން. އެހެންވެ އަހަރެން ބޭނުން ކްލަބް އީގަލްސް އަށް އަހަރެންގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން. އަހަރެން މި ހިސާބަށް ގެނެސްދިނީ އީގަލްސް އިން. އެ ޓީމަށް މި އަހަރު ކާމިޔާބު ހޯދައިދޭން ވަރަށް މަސައްކަތްކުރާނަން،" ސުޖަން ބުންޏެވެ.

އީގަލްސްއާ 2015 ވަނަ އަހަރު ގުޅުނު ސުޖަން ވަނީ 2016 ވަނަ އަހަރު ދިވެހި ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ މޮޅު ކީޕަރުގެ މަގާމް ހޯދައިފަ އެވެ. އަދި އީގަލްސް އިން 2016 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރިއިރު ވެސް އޭނާ ތަފާތު ދެއްކި އެވެ.

އީގަލްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސުޖަން އަށް ވަނީ ލަންކާގެ ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ދީފަ އެވެ. އޭނާ ވަނީ އޭގެ ކުރިން 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފަ އެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ސްރީލަންކާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ސުޖަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގައުމީ ޓީމުގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ވެސް ވަނީ އީގަލްސްގައި މަޑުކުރަން ނިންމައިފަ އެވެ. މިިދިޔަ އަހަރު މާލޭ ލީގުގެ ދެ ވަނަ ހޯދައި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދި އީގަލްސް އިން ވަނީ ކުރިން އެ ޓީމުގެ ކެޕްޓަންކަން ކުރި އިމްރާން ނަޝީދު (އިންމަ) އެ ޓީމަށް އަލުން ގެނެސްފަ އެވެ. އަދި އިންމައާ އެކު މިދިޔަ އަހަރު ނިއު އަށް ކުޅުނު ވެލެންސިއާގެ ކުރީގެ ފުލްބެކް ހިސާމް ސަލީމް (ކޮކީ) ވެސް ވަނީ އީގަލްސް އަށް ސޮއިކޮށްފަ އެވެ.