ސަސްޕެންޝަން ދެމެހެއްޓީ ފައިސާ ހަލާސްކުރަން މުއްދަތެއް ދީފައި އޮއްވާ: ނިއު

އެފްއޭއެމްގެ ކޮންގްރެސް އިން ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން ފާސްކޮށްފައިވަނީ، ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށް ނިއު އިން ބުނެފި އެވެ.


ނިއު އިން ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ބުނެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން މިދިޔަ ޖެނުއަރީ މަހު އެ ކްލަބް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް ތާއީދުކޮށް އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދަމަހައްޓަން ކޮންގްރެސްގައި ނިންމީ މެޖޯރިޓީ ކްލަބްތަކުގެ ވޯޓުންނެވެ.

އެކަމާ ގުޅިގެން ނިއު އިން އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި ބުނީ ކުޅުންތެރިންނަށް 3.8 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް އެފްއޭއެމުން ބުނި ނަމަވެސް ޕްލޭޔާސް ސްޓޭޓާސް ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި ކުޅުންތެރިންނަށް ދޭން އޮތީ 2.4 މިލިއަން ރުފިޔާ ކަމަށެވެ.

އަދި އެ މައްސަލައިގައި މިދިޔަ މާޗު 13 އައި 17 ވަނަ ދުވަހު ޕްލޭޔާސް ސްޓޭޓަސް ކޮމިޓީން ނިއު އަށް ފޮނުވި ސިޓީގައި، މުސާރަދީ ހަލާސްކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ނިއު އިން ބުނެ އެވެ. އަދި މިއީ ޕްލޭޔާސް ސްޓޭޓަސް ކޮމިޓީން މި ފައިސާ ދައްކަން މުއްދަތެއް ދިން ފުރަތަމަ ފަހަރު ކަމަށާއި މީގެ ކުރިން ކްލަބުގެ ފަރާތުން ދައްކައި ހަލާސްކުރާނެ ވާހަކަ އެފްއޭއެމަށް ލިޔުމަކުން އަންގާފައިވާ ކަމަށް ވެސް ނިއު އިން ބުނެ އެވެ.

"މިގޮތުން ޕްލޭޔާސް ސްޓޭޓަސް ކޮމިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަދީ ހަލާސްކުރުމަށް މި ކްލަބުގެ މެމްބަރުންނާއި ކްލަބަށް އެހީދޭ އެކިއެކި ފަރާތްތަކަށާއި ކްލަބަށް ތާއީދުކުރާ ފަރާތްތަކާއި މަޝްވަރާކޮށް އެކަމަށް ހައްލެއް ހޯދުމުގެ މަރުހަލާގައި ވަނިކޮށް މިމާޗު މަހުގެ 25 ވަނަ ދުވަހުގެ ތިޔަ އެސޯސިއޭޝަންގެ އާއްމު ކޮންގްރެސް އިން މި ކްލަބް ކޮށްފައިވާ ސަސްޕެންޝަން ދެމެހެއްޓުމަށް ނިންމި ކަމަށް ތިޔަ އެސޯސިއޭޝަންއާ ހަވާލާދީ މީޑިއާތަކުން ބުނަމުން އެބަދެ އެވެ،" ނިއުގެ ސިޓީގައި ބުނެފައިވެ އެވެ.

އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން ކްލަބްތައް ސަސްޕެންޑްކުރުމުގެ ބާރު ކޮންގްރެސް އަށް އަދި ބައެއް ހާލަތްތަކުގައި އެގްޒެކެޓިވް ކޮމިޓީއަށް ލިބިފައިވީ ނަމަވެސް ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ކްލަބަށް މުއްދަތެއް ދީފައި އޮއްވާ އެ މުއްދަތު ހަމަނުވަނީސް ސަސްޕެންޝަން ދަމަހައްޓަން ކޮންގްރެސްގައި އެޖެންޑާކޮށް ނިންމާފައިވާ ނަމަ އެއީ ވަރަށް ނާއިންސާފުން ހިންގާފައިވާ އަމަލެއް ކަމަށް ދެކޭ ކަމަށް ނިއު އިން ބުނެ އެވެ.

"ޕްލޭޔާސް ސްޓޭޓާސް ކޮމިޓީއަކީ އަކީ މިނިވަން އަދި ކްލަބްތަކުގެ މެދުގައި އިންސާފުން ވަކި ފަރާތަކަށް ނުޖެހި ކަންކަން ނިންމުމަށް އޮންނަ ގުނަވަނަކަށް ވީހިނދު، އެ ކޮމިޓީގެ ބާރުކަނޑުވާލެވިގެން އެއްވެސް އުސޫލެއް ނެތި މި ކްލަބް ކޮށްފައިވާ ސަސްޕެންޝަން ދެމެހެއްޓުމަށް ކޮންގްރެސްގެ އެޖެންޑާ ކުރުމުގެ ބޭނުމަކީ ވެސް ޕްރިމިއާ ލީގުގައި ވަކި ކްލަބަކަށް ފުރުސަތު ހޯދައިދިނުމަށްޓަކައި ބޭނުންކޮށްފައިވާ ނުފޫޒެއް ކަމަށް ވެސް މި ކްލަބުން ދެކެމެވެ،" ނިއުގެ ސިޓީގައި ވެ އެވެ.

އެހެންވެ ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ކްލަބުން މުސާރަދީ ހަލާސްކުރި ނަމަވެސް މި އަހަރުގެ ސީޒަނުގައި ކުޅުމުގެ ފުރުސަތު އޮތްތޯ އާއި އަދި ފުރުސަތު ނެތް ނަމަ އެ ސަބަބު ބަޔާންކޮށް އޭޕްރިލް 3 ވަނަ ދުވަހުގެ ކުރިން ޖަވާބެއްދޭން ނިއުގެ ސިޓީގައި އެދިފައިވެ އެވެ. އެކަމަކު ނިއު އިން ބުނީ އިއްޔެ އެ މުއްދަތު ހަމަވިއިރު ޖަވާބެއް ދީފައިނުވާ ކަމަށެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިއު ސަސްޕެންޑްކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެދެން ނިއު ތައްޔާރުވަނިކޮށެވެ. އެހެންވެ ރާއްޖޭގެ ވަރަށް ގިނަ ކްލަބްތަކެއްގައި މުސާރައިގެ މައްސަލަ އޮއްވާ ހަމައެކަނި ނިއު އަށް އެ އަދަބު ދިނީ އެ މައްސަލައިގައި ޒާތީވެގެން ކަމަށް ނިއު އިން ދެކެ އެވެ.

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވެސް ވަނީ އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ބަދަލުގައި ފުރަތަމަ ޑިވިޝަނަށް އަންނާނެ ކަމަށް ބެލެވެނީ، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ކްލަބް ވެލެންސިއާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައިވެ އެވެ. އޭނާ ކުރިން ވައިސް ޗެއާމަންކަން ކުރެއްވި އެ ކްލަބަކީ ވެސް މާލީ މައްސަލަތައް ވަރަށް ބޮޑަށް ޖެހުނު ކްލަބެކެވެ. ވެލެންސިއާ އިން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން އެ މައްސަލަ ފީފާ އިން ބަލައި މުސާރަ ދޭން އެންގުމުން ވެސް ނުދީގެން ޖޫރިމަނާ ވެސް އެރި އެވެ