މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުގެ ފައިނަލަށް ފަހު ކޯޗު ޕީޓާ ސެގާޓް (ކ) އާއި މެނޭޖަރު މޯ އުފާފާޅުކުރަނީ. --ފޮޓޯ: އިމޭޖަސް އެމްވީ
09 އެޕްރީލް 2019 - 15:08
ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމުން މުހައްމަދު އީސާ (މޯ) އިސްތިއުފާ ދީފި އެވެ.
ގައުމީ ޓީމުން މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު މުހިއްމު މަސައްކަތްތަކެއް ކުރި މޯ ދެ އަހަރަށް ފަހު ގައުމީ ޓީމުން ވަކިވީ، އޭނާ ބުނި ގޮތުގައި މި މަގާމުގައި ހުންނައިރު ފުޓްބޯޅައިގެ އެހެން ކަންކަމުގައި އުޅެން ހުރަސްތަކެއް ހުރުމުންނެވެ. ގައުމީ ޓީމުގެ މެނޭޖަރަކަށް ކްލަބެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ އެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު މޯ އަކީ ފެށުނީއްސުރެ ޓީސީ ސްޕޯޓްސް ކްލަބުގެ އިސް ހަރަކާތްތެރިއެކެވެ. އޭނާ ވަނީ އެ ކްލަބުގެ މެނޭޖަރުކަން ވެސް ކޮށްފަ އެވެ.
"ގައުމީ ޓީމުގެ މަގާމެއްގައި ހުންނައިރު ފުޓްބޯޅައިގެ އެހެން ކަންކަން ކުރަން ހުރަސްތަކެއް އެބަދިމާވާ. ބޭނުންވާ ވަރަކަށް ފުޓްބޯޅައިގެ އެހެން ކަންތައްތަކުގެ ތެރޭގައި ނުޅެވޭ. އަބަދު އެކަމަށް ހުސްވެގެން ހުންނަން ޖެހޭއިރު، އެ މަސައްކަތުގައި އުޅެވެނީ ވަކި ދުވަސްވަރެއްގައި. އެހެންވީމަ ބޭނުންވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅައިގެ ކަންތައްތަކުގައި އިތުރަށް މަސައްކަތްކުރަންވެގެން އަމިއްލަ އަށް ހުސްވެލަން،" މޯ ބުންޏެވެ.
އޭނާ ބުނީ މަގާމާ ހަވާލުވިއިރު ވެސް، މާގިނަ ދުވަހު މަގާމުގައި ދެމި ހުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުންވީ ކާމިޔާބެއް ހޯދައިދޭން ކަމަށެވެ.
"އިންޝާﷲ އެކަން ކުރެވިއްޖެ. ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު ނިންމީ އެހެން މީހަކަށް ވެސް އެ ފުރުސަތު ދޭންޖެހޭތީ ޓީމާ ވަކިވެލަން،" މޯ ބުންޏެވެ.
ގައުމީ ޓީމުގެ މެނޭޖަރަކަށް 2017 ވަނަ އަހަރުގެ މާޗު މަހު މޯ ހަމަޖެއްސީ އެ މަގާމް ވަގުތީ ގޮތުން އުވާލާފައި އޮތުމަށް ފަހު އެވެ. މެނޭޖަރުގެ ޒިންމާ ގައުމީ ކޯޗާ ހަވާލުކުރުމަށް އެފްއޭއެމުން ނިންމީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަހު އޭރުގެ މެނޭޖަރު އަދި މިހާރު ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިސްތިއުފާ ދިން ހިސާބުންނެވެ. އޭނާ ވެސް އޭރު އެފްއޭއެމަށް ލަފާ ދިނީ މެނޭޖަރުގެ ޒިންމާ ކޯޗާ ހަވާލުކުރާށެވެ.
ޓީމު މެނޭޖަރުގެ މަގާމަކީ ރާއްޖޭގެ ފުޓްބޯޅައިގައި އިސް އަދި ނުފޫޒު ގަދަ މަގާމެކެވެ. އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކުގައި އެއީ ހަމައެކަނި އޮޕަރޭޝަނަލް މަގާމެކެވެ. މުހިއްމު ހުރިހާ ކަމެއްގައި އެންމެ ފަހު ބަސް ބުނާނީ ކޯޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
11 April 2019
އިބްރާހިމް އިސްމާއިލްމެން އައްޑޯމެންގެ ޒަމާނަށްފަހު ތިޔަ އެފްއޭއެމް ހިންގަން ރަގަޅު މީހަކު އައިތަ؟
ނޫވިލު
09 April 2019
އެންމެންވެސް އިސްތިއުފާ ދޭނެ. ބައްސާމަކަށްވެސް ކެތްކޮށް ނުލެވޭނެ. އެވަރަށް އަދި ޕްރެޝާ ކުރާނަން. މުޅި ގައުމުގެ ފުޓުބޯޅައިގެ ހަލާކަކަށް ތިޔަ ބުނާ މީހަކު މިހާރު ވެއްޖެ.
ނިއްޓެ
09 April 2019
ބައްސާމު ގެ ހިންގުން ކަޑަ ކަމުން ނޭ ބުނެބަލަ.