މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ޓީސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މެއި 2019 - 10:58
އެފްއޭއެމުން ކްލަބްތަކަށް ދޭން ބުނި ފައިސާ ލިބުން ލަސްވާތީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބައެއް ކްލަބްތަކުން ބުނެފި އެވެ.
ކުރީގެ ސަރުކާރުން ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯއީ) ޕްރޮގްރާމުގެ ދަށުން ސަރުކާރު ކުންފުނިތަކުން މި އަހަރު ކްލަބްތަކަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން ކްލަބްތަކަށް ފައިސާ ދޭން ނިންމީ ސީދާ އެފްއޭއެމުންނެވެ.
އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ބެލެވެ އެެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ގާތްގަނޑަކަށް ހުރިހާ ކްލަބަކުން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. ގިނަ ޓީމުތަކަށް މި ވަގުތު މާލީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ތައްޔާރީތަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި އެފްއޭއެމުން ފައިސާ ހަމަޖައްސައިދޭން ފުރަތަމަ ބުނި ތާރީހު ފަހަނައަޅައި ގޮސްފައިވާ ކަމަށް ބައެއް ކްލަބްތަކުން ބުނެ އެވެ.
އެގޮތުން ބައެއް ކްލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ކަންތައްތައް ހަމަނުޖެހުމުގެ އިތުރުން ކުޅުންތެރިންނަށް މުސާރަ އާއި އެޑްވާންސް ހަމަޖެއްސުމުގައި ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށްވެ އެވެ.
"ޕްރެކްޓިސް ކުރަމުން މިދަނީ އެކަމަކު އަދި ބޭނުންވާ ވަރަކަށް ޕްރެކްޓިސް ކުރިއަށް ނުދޭ. އެއީ މުޅި ޓީމު އެއްކޮށް ޕްރެކްޓިސް ކޮށްގެން ބޭނުން ހިފެނީ. ބިދޭސީ ކުޅުންތެރިން ނުގެނެވިގެން މި އުޅެނީ އެފްއޭއެމުން ލިބެންޖެހޭ ފައިސާ ނުލިބޭތީ. އެ ބައި ހަމަޖެހިގެން ޓީމުގެ ކަންތައްތައް ރަނގަޅަށް ފަށައިގަނެވޭނީ،" ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކްލަބްތަކަށް ދޭ ފައިސާ ހުރީ ހަމަޖެހިފައިކަމަށާއި ލަސްތަކެއް އަންނަނީ އިދާރީ ގޮތުން ނިންމަން ހުރި ކަންތައްތަކެއްގެ ސަަބަބުން ކަމަށެވެ.
"ފައިސާ ހުރީ ހަމަޖެހިފައި. ބޭންކް ކްލިއަރެންސާއި އެހެން ހުރި ކަންތައްތަކެއް މި އުޅެނީ. ކުރިއަށް އޮތް ދެތިން ދުވަސްތަކުގެ ތެރޭގައި ކްލަބްތަކާއި ފައިސާ ހަވާލުކުރެވޭވަރުވާނެ،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން ބައްސާމް ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކްލަބްތަކަށް ފައިސާ ދޭނެ އުސޫލެއް ކަނޑައަޅާނީ މަޝްވަރާކުރުމަށް ފަހު ކަމަށާއި ބަހާލައިގެން ފައިސާދޭއިރު، ކޮންމެ ފަހަރަކު ވެސް ފައިސާ ދޫކުރާނީ ހަރަދުތަކުގެ ތަފްސީލު ހުށަހެޅުމުން ކަމަށެވެ.
މީގެ ކުރިން އެސްއޯއީ މެދުވެރިކޮށް ކުންފުނިތަކުން ކްލަބްތަކަށް ފައިސާދިންއިރު، އެކަމުގައި އެފްއޭއެމްގެ ދައުރު ކުޑަަކަމަށާއި އޭގެ ސަބަބުން ގިނަ ކަންތައްތަކެއް ހިނގާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެ ގޮތުން ކަންތައްތައް ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ކްލަބްތަކަށް ދޭ މި ފައިސާއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރެވޭނެ ކަމަކީ ކްލަބްތައް ހަރުދަނާގޮތެއްގައި ބިނާކުރުމުގެ މަސައްކަތްތަކެއް. ހަމައެކަނި މުސާރަދޭން ދެވޭ ފައިސާއެއް ނޫން މިއީ. އޭގެ ތެރޭގައި އެކެޑަމީތައް ހިންގުމާއި ޔޫތު ޕްރޮގްރާމް ހިންގުމާއި މި ކަހަަލަ ގިނަ ޕްރޮގްރާމްތަކެއް އޮންނާނެ. އޮފީހެއް ވެސް ހުންނަން ޖެހޭނެ،" ބައްސާމް ވިދާޅުވި އެވެ.
މިދިޔަ އަހަރުތަކުގައި ބަރާބަރަށް ފައިސާ ލިބި ބައެއް ކްލަބްތަކުން ގޯސްކޮށް އޭގެ ބޭނުންހިފުމުން އެ ޓީމުތައް އަދަވަޅަކަށްވެއްޓިފައިވާ ކަމަށާއި މި އަހަރު އެކަން އެ ގޮތަށް ވިޔަ ނުދިނުމަށް އެފްއޭއެމްގެ ދައުރު ބޮޑުކޮށް ވަރަށް ރަނގަޅަށް ފާރަވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވެސް ކްލަބްތަކަށް މާލީ އެހިތެރިކަން ފޯރުކޮށްދޭން ނިންމައިފިނަމަ މިއީ ކްލަބްތަށް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގައި ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވުމުން، މި ވަގުތަށް ބަލާއިރު މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން އޮތީ ނުވަ ކްލަބެކެވެ. އެއީ ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ނިއުގެ ޖާގައާ މެދު އަދި ގޮތެއް ނިމިފައިނުވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު ހަތް ވަނަ ދުވަހު ޓީސީ އާއި ފޯކައިދޫ ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުންނެވެ. ދެ ވަނަ ލެގު އޮންނާނީ 10 ވަނަ ދުވަހުގަ އެވެ. ލީގު ފަށަން ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސްޕެންޑޭ
15 May 2019
ސަސްޕެންޑްކުރަންޖެހުނީ އަނެއްކާވެސް. މިފަހަރު އެފް.އޭ.އެމް. ކުޅުންތެރިންނަށް މުސާރަނުދެވޭ ސަބަބު މިއޮތްފެންނަނީ. ކިތައްއަހަރު، ކުލަބުތަކަށް ދޭންޖެހޭ އިނާމްގެ ފައިސާ ނުދީ އެލާރި ބޭކާރު ދަތުރު ފުޅުތަކަށް ޚަރަދުކޮށް ހެދީ. އޭގެ އިތުރުން، ގައުމީ ޓީމުގެ ކުޅުންތެރީންނަށްވެސް މުސާރަނުދީހުރި ކަމަަށްވަނީ. ދެން ސަސްޕެންޑު ކުރަންވީ ސޮރު އެބައެގޭތާ!
ހަސަން ނުވަވަނަ
15 May 2019
ރައްޔިތުންގެ ލާރިންތަ ކްލަބްތައް ހިންގަން ޖެހެނީ؟ އަޖައިބެއްނު މިއީ
ސޫމޯ
15 May 2019
ބްރޯ.. އެއީ ދައލަތުގެ ޓެކްސް ފައިސާއެއްނޫން.. އެއީ ކޮންމެ އެހެރަކުވެސް ފީފާ ގަވާއިދުން ކްލަބްތަކަށް އެފް އޭ އެމްއިން ދޭންޖަހޭ ފައސާ
ބާރު
15 May 2019
މިދިޔަ އަހަރުތަކުގައި ބަރާބަރަށް ފައިސާ ލިބި ބައެއް ކްލަބްތަކުން ގޯސްކޮށް އޭގެ ބޭނުންހިފުމުން އެ ޓީމުތައް އަދަވަޅަކަށްވެއްޓިފައިވާ ކަމަށާއި މި އަހަރު އެކަން އެ ގޮތަށް ވިޔަ ނުދިނުމަށް އެފްއޭއެމްގެ ދައުރު ބޮޑުކޮށް ވަރަށް ރަނގަޅަށް ފާރަވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮންޓީމެއްގެ ވާހަކައެއްބާ؟ ޒާތީ ޓީމެއް އޮތީބާ؟
ހަވީރު
15 May 2019
ހެހެހެހެ އިންޓަރ ސްކޫލުގަ ބައިވެރިވި ސްކޫލުތަކަށް ވޭތުވެދިޔަ 3 އަހަރު ދޭން ބުނި ފައިސާ، އެތައް ދުވަހަކަށްފަހު ޗެކަކުން ދީފަ، ޗެކް ބޭންކަށް ފޮނުވުމުން އައީ ރިޓާން ވެގެން. ފައިސާއެއް ނެތޯ އެކައުންޓަކު. މީ ވާވަރަކީ
އާރީ
15 May 2019
ތީ ހުސްދޮގު އެއްވެސް ކުލަބެއް ނޫޅެ ފައިސާނުލިބިގެންނެއް ހަމަ ފައިސާ މަތީ އުދުހެނީ. ފައިސާ ނުލިބޭ ޓީމް އެ އޮތީ ސަސްފެންޑްކޮށްފަ.
ބުލޫސް
15 May 2019
ބަންސާމް އޭ. އަދި އެއްފަހަރު ވިސްނާލާށެވެ. ނިއުއަަށް ވެސް އެހީތެރިކަމުގެ އަތެއް ދިށްކޮލާށެވެ.
މޯޑް
15 May 2019
ތަނުގެ މުއަށްޒަފުންނަށް މުސާރަނުދެވޭ ބަޔަކަށް ކުލަބުތަކަށް ފައިސާ ދެވޭނެތަ?