މާލެ: އޭޕްރީލް 25، 2018- އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް އަދި ބެންގަލޫރޫ ވާދަކުރި މެޗަށްފަހު ނިއުރޭޑިއަންޓުގެ ކުޅުންތެރިން އުފާފާޅުކުރަނީ: ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ގްރޫޕް އީގެ އެއް ވަނަ އަށް ވަނީ އަރާފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
15 މެއި 2019 - 12:47
މީގެ ހަ އަހަރު ކުރިން މިއަދަކީ، ކްލަބް ފުޓްބޯޅަ މެޗަކަށް ގަލޮޅު ދަނޑު އެންމެ ފަހުން ފުރުނު ދުވަހެވެ. އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގައި މެލޭޝިއާގެ ސެލަންގޯ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވެ ކުއާޓާ ފައިނަލަށް ދިޔަ މެޗަށް ގަލޮޅު ދަނޑަށް 8600 މީހުން ވަން ފަހުން ކްލަބް މެޗަކަށް ހާހެއްހާ މީހުން ވަނީ ވެސް އަތުން ގުނާލެވޭހާ މަދު މެޗެއްގަ އެވެ.
އެ ދުވަހަށް ހަ އަހަރު ފުރުނުއިރު، ނިއު އޮތީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. އަންނަ މަހު ފަށާ އާ ސީޒަނުގައި ސަޕޯޓަރުން ދަނޑަށް ވައްދަން އެފްއޭއެމުން ތަފާތު ވިސްނުންތައް އެބަގެންއުޅެ އެވެ. އެކަމަކު އެންމެ ސަޕޯޓަރުން ގިނަ ކްލަބް ސަސްޕެންޑްކުރުމަށް ފަހު، އެކަން ކުރުމަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަމަށް ބެލެވިދާނެ އެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. ފަހުން އެފްއޭއެމްގެ ކޮންގްރެސް އިން ވަނީ އެ ނިންމުން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ދަމަހައްޓައިފަ އެވެ.
ނިއު އިން ތަކުރާރުކޮށް ބުނަމުން އައީ، އެތައް ކްލަބެއްގެ މާލީ މައްސަލަ ދިމާވެ މުސާރަ ނުދެވި އޮއްވާ ހަމައެކަނި އެ ކްލަބަށް އަދަބު ދިނީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ ކަމަށެވެ. އެފްއޭއެމުން އެކަން ކަނޑައެޅިގެން ދޮގުކުރެ އެވެ.
ނިއުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގޮސް އާ ސީޒަން ފަށަން އުޅޭތީ ކްލަބުގެ ސަޕޯޓަރުން ވަނީ މި މައްސަލައިގައި ތެދުވާން ނިންމައިފަ އެވެ. ސަޕޯޓަރުންގެ ފަރާތުން މިކަމުގައި އިސްކޮށް އުޅޭ، އެ ކްލަބުގެ މަޝްހޫރު ސަޕޯޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ބުނީ މިކަމުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ދާން ތިބީ ތައްޔާރަށް ކަމަށެވެ.
"އެފްއޭއެމްއާ ވާހަކަ ދެއްކުނަސް ޖެހުނަސް، ކުޅުންތެރިންނާ ވާހަކަދައްކަން ޖެހުނަސް އަދި ބައިނަލްއަގްވާމީ ކޯޓަކަށް ދާން ޖެހުނަސް ތައްޔާރަށް މިތިބީ. ނިއު ރޭޑިއަންޓް ނެތި ފުޓްބޯޅަ ސީޒަން ފެށުން ގަބޫލެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ. "ގާތްގަނޑަކަށް ހުރިހާ ސަޕޯޓަރުން އެއްވެ މިކަމުގައި ތެދުވާން ނިންމާފައިވަނީ. ކްލަބުގެ މިހާރުގެ މެނޭޖްމަންޓާއި ކުރީގެ ޗެއާމަނުންނާއި ކްލަބުގެ އިސް ސަޕޯޓަރުން ވެސް، އެންމެން އެކަތިގަނޑަކަށް ވެގެން މި މަސައްކަތްކުރަނީ."
ނިއު އިން 2015 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރި މެޗަށް އޭރުގެ ޗެއާމަން އަލީ ވަހީދު (ކ) އާއި އެ ކްލަބުގެ އިސް ސަޕޯޓަރުން މުހައްމަދު ނަޝީދު އަބްދުﷲ ފޮޓޯއަކަށް ހުއްޓިގެން: ކްލަބުގެ ހައްގުގައި ސަޕޯޓަރުން ތެދުވެފައިވާއިރު އެކަމުގައި އިސްކޮށް އުޅެނީ ނަޝީދު.
އޭނާ ބުނި މި ކަމުގައި ކުޅުންތެރިންނާ އެއްވެސް މައްސަލައެއް ނެތެވެ. އަދި ކުޅުންތެރިންނަށް ލިބެން ޖެހޭ މުސާރަ ވެސް ލިބެން ޖެހޭ ކަމަށް ގަބޫލުކުރެ އެވެ. އެކަމަކު ކްލަބަކަށް މާލީ މައްސަލައެއް ދިމާވުމުން، ޕޮއިންޓް އުނިކުރުން ނުވަތަ ރެލިގޭޓްކުރުން ފަދަ އަދަބެއްގެ ބަދަލުގައި އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކުރުމަކީ، ފުޓްބޯޅައިގެ ރޫހާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް ނިއުގެ ސަޕޯޓާސް ގްރޫޕުން ދެކެ އެވެ. އަދި ރާއްޖޭގެ އެތައް ކްލަބަކަށް އެ މައްސަލަ ދިމާވެފައިވަނިކޮށް ހަމައެކަނި ނިއު އަށް އަދަބު ދިނުން ވެސް އިންސާފުވެރި ނޫން ކަމަށް ވެސް ދެކެ އެވެ.
"ވިކްޓްރީ ސްޕޯޓްސް ކްލަބް ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހުނު ދުވަހު އަޅުގަނޑުމެން ވަރަށް ދެރަވި. ރާއްޖޭގެ ޒަމާންވީ ވަރުގަދަ ކްލަބެއް ރެލިގޭޓްވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވި ކިތަންމެ ވާދަވެރި ކްލަބަކަށް ވީ ނަމަވެސް. އެހެންވެ މިކަމުގައި ވެސް ވަކި ނިއު ރޭޑިއަން ވެގެނެއް ނޫން. ދިވެހި ފުޓްބޯޅައިގެ ފޯރި ދަށްވެފައި އޮއްވާ، ފުޓްބޯޅަ އަށް ދެރައެއް ލިބޭ ގޮތަށް ކްލަބަކާ ދެކޮޅަށް މިގޮތަށް ފިޔަވަޅު އެޅުން މައްސަލައަކީ،" ނަޝީދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ރާއްޖޭގައި ފުޓްބޯޅަ އެސޯސިއޭޝަނެއް ވެސް އުފެދުމުގެ ވެސް ކުރިން، 1979 ވަނަ އަހަރުން ފެށިގެން ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަޑީގައި އޮވެ ބައިނަލްއަގްވާމީ މައިދާނުގައި ވެސް ރާއްޖެ އަށް ރީތި ނަން ހޯދައިދީފައިވާ އަދި އެތައް ހާސް ސަޕޯޓަރުން ތިބި ކްލަބެއް ނެތި ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިއުމަކީ ފުޓްބޯޅަ އަށް ދެވޭ ގެއްލުމެކެވެ.
ނިއު އިން ބުނެފައިވާ ގޮތުގައި އެފްއޭއެމްގެ ކޮންގްރެސް އިން އެ ކްލަބުގެ ސަސްޕެންޝަން ދަމަހައްޓަން ފާސްކޮށްފައިވަނީ، ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށެވެ.
އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން ކްލަބްތައް ސަސްޕެންޑްކުރުމުގެ ބާރު ކޮންގްރެސް އަށް އަދި ބައެއް ހާލަތްތަކުގައި އެގްޒެކެޓިވް ކޮމިޓީއަށް ލިބިފައިވީ ނަމަވެސް ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ކްލަބަށް މުއްދަތެއް ދީފައި އޮއްވާ އެ މުއްދަތު ހަމަނުވަނީސް ސަސްޕެންޝަން ދަމަހައްޓަން ކޮންގްރެސްގައި އެޖެންޑާކޮށް ނިންމާފައިވާ ނަމަ އެއީ ވަރަށް ނާއިންސާފުން ހިންގާފައިވާ އަމަލެއް ކަމަށް ދެކޭ ކަމަށް ނިއު އިން ބުނެ އެވެ.
"ޕްލޭޔާސް ސްޓޭޓާސް ކޮމިޓީއަކީ އަކީ މިނިވަން އަދި ކްލަބްތަކުގެ މެދުގައި އިންސާފުން ވަކި ފަރާތަކަށް ނުޖެހި ކަންކަން ނިންމުމަށް އޮންނަ ގުނަވަނަކަށް ވީހިނދު، އެ ކޮމިޓީގެ ބާރުކަނޑުވާލެވިގެން އެއްވެސް އުސޫލެއް ނެތި މި ކްލަބް ކޮށްފައިވާ ސަސްޕެންޝަން ދެމެހެއްޓުމަށް ކޮންގްރެސްގެ އެޖެންޑާ ކުރުމުގެ ބޭނުމަކީ ވެސް ޕްރިމިއާ ލީގުގައި ވަކި ކްލަބަކަށް ފުރުސަތު ހޯދައިދިނުމަށްޓަކައި ބޭނުންކޮށްފައިވާ ނުފޫޒެއް ކަމަށް ވެސް މި ކްލަބުން ދެކެމެވެ،" ނިއުގެ ސިޓީގައި ވެ އެވެ.
އެހެންވެ ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ކްލަބުން މުސާރަދީ ހަލާސްކުރި ނަމަވެސް މި އަހަރުގެ ސީޒަނުގައި ކުޅުމުގެ ފުރުސަތު އޮތްތޯ އާއި އަދި ފުރުސަތު ނެތް ނަމަ އެ ސަބަބު ބަޔާންކޮށް އޭޕްރިލް 3 ވަނަ ދުވަހުގެ ކުރިން ޖަވާބެއްދޭން ނިއުގެ ސިޓީގައި އެދިފައިވެ އެވެ. އެކަމަކު އަދިވެސް އެފްއޭއެމުން ޖަވާބެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކޮ
18 May 2019
ބައްސާމު އިސްތިއުފާ...!!! ކަލޯގެ ދުވަސް ނުދަނީސް ނިއު އަށް އެމީހުންގެ ހައްގު މަގާމު ދީ...!!!
ނާބެ
16 May 2019
ޓެޑް އާއި ޒިޔާދުގެ ނުކުޅެދުން ތެރިކަމުގެ ވާހަކަ ދައްކަން ނުކެރިގެން ތިއުޅެނީ ކީއްވެ..ހަޤީގަތާ ކުރިމަތިލާ
އައްޔ
16 May 2019
ބައްސާމް ކުރިކަމެއް ތީ
ޒައިން
16 May 2019
ވެލެންސިޔާއަށް ބެކް ގޭޓުން ފަސްޓް ޑިވިޜަނަށް އަރަން މަގު ކޮށަންވެގެން އަނބުރާ ގޭސްގަނޑެއް..ކުރިންވެސް ރެލިގޭޓުވީމަ އެކަހަލަ ރޮކެޓެއް ޖެހީ..ވިކްޓަރީގެ ޑރ ނާޝިދު ވިދާޅުވި ތިމަންމެން ވެސް މުސާރަ ނުދެމޭ ކިއްވެހޭ ނިއު އެކަނި ސަސްޕެންޑް ކުރަންވީ؟ މި ޒާތީ ހަސަދައެއް. ޓިސީ، މާޒިޔާ ވެލެންސިޔާ ފުޓު ބޯޅަ ހަލާކު ކުރަނީ..ޑރ ނާޝް އަދި ވިކްޓަރީއަށް ވަރަށް ޝުކުރު ނިއުއަށް އާއެކު މި ދަނޑިވަޅުގަ ތިބީމަ. އަހަރެމެންވެސް ތިބޭނަން ވިކްޓަރީއަށް ކަމެއްވާ ދުވަހު ގާތުގަ
ޅޮސް އުނދޯލި
15 May 2019
ދިވެހިން އަބަދުވެސް މި އުޅެނީ ދަށުން ދަމާ ނުކުޅެވިގެން. ބަލަ ކުޅުންތެރިންނަށް ދޭން ޖެޙޭ މުސާރަ ދިނުމުން ތިކަން ނިމުނީއޭ. އެމީހުންވެސް ކާންބޯން ކުރާ މަސައްކަތޭ އެއީ. މުސާރަ ނުދީ ގެން ވިލާ ބޮލަށް އަރާ މީހުންވެސް މި މީހުންނާ ޖެހުނީމަ މުސާރަ ނުދިނަސް އޯކޭ... ކުލަބު ހަމަ ކުޅެ މަޖާ ނަގަންޖެހޭ.
މޫސަ
15 May 2019
ހަލޯ އެފްއޭއެމް މުށްޒަފުންގެ ރަމަލޯންއިނާޔަތް ކޮޅު ދީބަ. ފާޑްފާޑް ކުރަށްޏާ ސަސްފެންޑް ކުރާނި. ކަލޭމެންނަށް އެކަނި ސަސްފެންޑް ކުރެވޭނި.
ޕަޑާ
15 May 2019
ކުރީގެ ކެޕަޓަން ޖަނާހް ވެސް ނިކުންނާނެ...ކުޑަ މޫސަ އާއި އަންދަރޭ އާއި އެކު
ޤާދިރު
15 May 2019
މީ ޓީ.ސީ އާއި މާޒިޔާ އަޑީގަ ތިބެގެން ކޮއްފަ އޮތް ކަމެއް
ނިއުދަކުންގް
15 May 2019
ޕުލަސް ވެލެންސިޔާ އަޑީގަ އޮވެ ފަސްޓް ޑިވިޜަނަށް ވަލު ދޮރުއަށިން ވަންނަން ޖަހާ ރޮކެޓެއް މިއޮއްފަދަ 21ވަނަ ޤަރުނުގަ.. ނިއުއާއެކު އިހުލާސްތެރިކޮށް އޮތީ މައި ބާދަވެރިޔާ ވިކްޓަރީ.. ވާދަވެރިއެކޭ މިހާރު އަހަރެމެން ނިއު ސަޕޯޓަރުން ނުކިޔަން އެއީ ދުވަސްވީ އެކުވެރިޔާ. ފުޓު ބޯޅަ ދަނޑު މަތީގެ ވާދަވެރިކަމަކީ ތަފާތުކަމެއް. ފުޓު ބޯޅައަށް އޮތް ހަޤީޤީ ލޯބި ދައްކައިދިން ވިކްޓަރީން މިފަހަރު. ދެން އެއުޅެނީ ބައިބަލާ ގޭންގުތަކެއް ފުޓުބޯޅަ ހަލާކު ކުރަން މާފަހުން ވަތް
އަޙްމަދު ޒަކީ
15 May 2019
ސަޕޯޓަރުން ތެދުވެގެން ކުރި ކަމަކީ ކޮބާ؟ ތި މަޖިލީސްއައުމުގެ ކުރިން ޖައްސާ ޕީއާރު ސްޓަންޓެއް. 2012 ވަނަ އަހަރު ކަންވީ ގޮތް ދާއިރާގެ ރައްޔިތުން ހަނދާން އެބަހުރި.
ސަފޯޓަރ
15 May 2019
އަދިވެސް ނިއުއަށް ފުރުސަތު ލިބިންޖިންޔާ ރަގަޅު ޓީމެއް ނެރެވިދާނެ. ސެންޓޭ އަދިވެސް ހުރީ ނިއުއަށް އިންތިޒާރު ކޮށްގެން އެއްމެފަހު ވަގުތާ ޖެހެންދެންވެސް އަދިވެސް ކުޅުންތެރިން އެބަތިބި. ކޮމެހެން މާ މަޝްހޫރު ކުޅުންތެރިން ނެތަސް ރަގަޅު ޓީމެއް ނެރެވިދާނެ. އެކަމަށް ބޭނުންވަނި ނިޒާމްބެ ކަހަލަ ކޯޗެއް.