22 މެއި 2019 - 13:48
އިންޑިއާ އިން އަފްގާނިސްތާން ކްރިކެޓް ޓީމު ގެންގުޅުނު ގޮތަށް ރާއްޖޭގެ ކްރިކެޓް ޓީމު ވެސް ގެންގުޅެ، ނަތީޖާ ނެރެދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަޝްވަރާގެ މަތިން އިންޑިއާ ބޯޑުގެ މަތީ ފެންވަރުގެ ވަފުދަކުން އަންނަނީ ރާއްޖޭގެ ކްރިކެޓުގެ ހާލަތު ބަލަމުންނެވެ. އެއަށް ފަހު މަގުޗާޓެއް އެކުލަވާލައި އެއާ އެއްގޮތްވާ ގޮތުގެ މަތިން އެހީތެރިވެދޭނެ އެވެ.
އެ ވަފުދުގައި ހިމެނޭ އިންޑިއާ ކްރިކެޓް ބޯޑުގެ ޖެނެރަލް މެނޭޖަރު ސަބާ ކަރީމާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާއާ އެކު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިންޑިއަން ޕްރިމިއާ ލީގު ކިރިޔާ ނިންމާލާފައި އަދި ކްރިކެޓް ވޯލްޑް ކަޕް ވެސް ކުރިމަތީގައި އޮއްވާ އިންޑިއާ ޓީމުގެ މުހިއްމު އޮފިޝަލުންތަކެއް ރާއްޖެ އައުމަކީ، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އެ ގައުމުން ދޭ ސަމާލުކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި އިންޑިއާގެ ވެސް ބައެއް އެހެން ސަރަހައްދުތަކުގައި ކްރިކެޓް ފުޅާކުރުމަށް ރިކުއެސްޓް އޮއްވާ މި ބޭފުޅުން މިކޮޅަށް ވަޑައިގެން މިތިއްބެވީ. ހަގީގަތުގައި ވަރަށް ބޮޑަށް އެއްބާރުލުމެއް ލިބޭ. އަސްލުގައި މި ގެންގުޅޭ މޮޑެލް އަކީ އިންޑިއާ އިން ހަމަ އަފްގާނިސްތާން އެޑޮޕްޓްކޮށްގެން ގެންގުޅުނު ގޮތް. އެ ފޯމިއުލާ ގެންއުޅުނީމާ އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަން އެބައޮތް. އެހެންވީމާ އަޅުގަނޑުމެން މި އުއްމީދުކުރަނީ މި ފަހަރު އިންޑިއާ އިން އަލުން ދިވެހިރާއްޖެ ހަމަ އެގޮތަށް އެޑޮޕްޓްކޮށްގެން އެ ކްރިކެޓް އެގޮތަށް ކުރިއަށް ގެންގޮސްދޭނެ ކަމަށް،" މަހުލޫފު ވިދާލުވި އެވެ.
ހަނގުރާމައިގެ ސަބަބުން އާއްމުން ހާލުގައި ޖެހި ގައުމު ވީރާނާވެފައި އޮތް އަފްގާނިސްތާނުގައި ކްރިކެޓް ބޯޑެއް 1995 ވަނަ އަހަރު ގާއިމްކޮށް އިންޓަނޭޝަނަލް ކްރިކެޓުގެ މެމްބަރަކަށްވީ 2001 ގަ އެވެ. އަދި މަތީ ފަންތީގެ ކްރިކެޓް ކުޅޭތާ ބަރާބަރު 10 އަހަރުގެ ތެރޭގައި، 2007 ގައި އެ ގައުމަށް ޓެސްޓް ކްރިކެޓް ކުޅުމުގެ ފުރުސަތު ލިބުނެވެ. އެ ގައުމުގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބި އިރު މި އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކުޅޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު އައިޕީއެލް މެޗެއް ބައްލަވާލެއްވުމަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާތު ކޯލީއާ އެކު.
މަހުލޫފު ވިދާޅުވީ މި ސަރުކާރުން ކްރިކެޓަށް މާބޮޑަށް އަޅާލާތީ ކޮންމެވެސް ވަރަކަށް ފާޑުކިޔުން އަންނަ ކަމަށާއި އެކަމަކު ކްރިކެޓަކީ ކުރިއަށް ގޮސް ރަނގަޅު ނަތީޖާތަކެއް ހާސިލްކުރުމަށް ރާއްޖެ އަށް ފުރުސަތު ބޮޑު ކުޅިވަރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ފުޓްބޯޅައިގައި ވިދާލާފައިވާ އައިސްލެންޑަކީ ވެސް ރާއްޖެއާ ދާދި އެއްވަރެއްގެ އާބާދީއެއް އޮތް ގައުމެއް ކަމަށާއި އެ ގައުމަށް ލިބުނު ފައިދާއަކީ ފުޓްބޯޅައިގެ ވަރުގަދަ ގައުމުތަކެއް އޮތް ހިސާބެއްގައި އޮތުންކަން މަހުލޫފު ފާހަގަކުރެއްވި އެވެ.
"ރާއްޖެ މިއޮތީ އެގޮތަށް (ކްރިކެޓުގެ ބާރުތައް ކަމަށްވާ) އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ މި ހުރިހާ އެންމެންގެ މެދުގައި. އެހެންވީމާ ފުރުސަތު އަޅުގަނޑުމެންނަށް ހުޅުވިގެންދާނެ،" މަހުލޫފު ވިދާޅުވި އެވެ.
އިންޑިއާ ވަފުދުން އެނބުރި ގޮސް ރާއްޖޭގެ ޑިވެލޮޕްމަންޓަށް ރަނގަޅު ޕްރޮގްރާމެއް ތައްޔާރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ މުބާރާތްތަކުގައި ރާއްޖެ އަށް ކުޅުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާނެ އެވެ.
މި އެހީތަކުގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް ނިންމައިފަ އެވެ. ހުޅުމާލޭގައި އަޅާ އެ ސްޓޭޑިއަމާ އެކު ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ލިބުމުގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ވެސް ތަނަވަސްވާނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.
ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
23 May 2019
އިންޑިއާގެ އުނގުގައި އޮވެބަލަ.
ނެގުނުކަތީބު
23 May 2019
ތީ އިންޑިޔާގެ ގޮނޑި ކޮށކޮ މިނިސްޓަރެއް! މެމްބަރު ކަމުގަހުރެ އެމްބެސެޑަރާ ބައްދަލުކޮށް ދެއްކީ ކޮންވާހަކައެއް؟ މެމްބަރުކަމުގަ ހުރެ އަދާކުރަންޖެހޭ ކަމެއް އެކަމުގަ އޮވޭތަ؟
ހަސަންބެ.
22 May 2019
ހަމަ ތީޖަމަލު ފޮޑި. ރިސޯޓްތަކުގައި ޗުއްޓީހަދާލާފައި އެބުރި ގޮސް ހަބަރެއްނުވާނެ. .
އަލީ2
22 May 2019
ކޮން އިރަކުތޯ އިންޑިއާ އިން އަފްގާނިސްތާން ޓީމު ގެންގުޅުނީ.ޖޯކު ވާހަކަ ނުދައްކާ!
އާރީ
22 May 2019
ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ އަދަވަޅުން ސަލާމަތް ކޮށް އާ އުސްމިން ތަކަކަށް ގެންގޮސްދޭނި ޔޫރަފްގެ މަސްހޫރު ގައުމެއް ހޯދަބަލަ.
ހަސަންބެ.
22 May 2019
މިސަރަހައްދުގައި އިންޑިއާއި ފުޓްބޯޅައިގައި ފައިޓެއް ދެވޭވަރު ބަޔަކަށް ރާއްޖެ އޮތީމާ ދިވެހި ފުޓުބޯޅަ ހަލާކު ކޮށްލަން އިންޑިއާ އަޑީގައި އޮވެގެން އެމްޑީޕީ މީހުންނާއި ގުޅިގެން ހިންގާ ޖަރީމާ އެއްތީ. ޔޫރަޕްގެ ގައުމެއް ހޯދަން ރައިޔަތުން ނިކުންނަން ޖެހޭނީ
ކަނބުރު
22 May 2019
ފަހަކަށްއައިސް ރައިސުލްޖުމްހުރިއްޔާގެ ވަގުތުގެ ބޮޑުބައެއް މިދަނީ ކުރިކެޓާއިގުޅޭ ކޮންމެވެސް ކަމެއްގަ. ސުވާލަކީ ކުރިކެޓުގެ ހާލަތު އެހާ ނާޒުކު ފައްތަރަކަށް ވެއްޓިގެން ގައުމީ މައްސަލައަކަށް ވެގެން އުޅެނީތޯއޭ. ދިވެހިން ނުވެސްކުޅޭ ކުޅިވަރަކާއިގެން ވަގުތު ބޭކާރުނުކޮށް ފައިދާއެއްހުރި ކަމަކާ އުޅެބަލަ.
މަރޭ
22 May 2019
މި ޚަބަރު ކިޔާހިތްވެސް ނުވި! “ގެންއުޅުނު” އެއް ނޫން “ގެންގުޅުނު” ކިޔާނީ! ރަނގަޅަށް ދިވެހިބަސް ދަސްކޮށްދީބަލަ ހެޔޮނުވާނެ!
ސަންޕަ އަހަންމަދު
22 May 2019
ދެންމީ އެބައިމީހުންގެވެސް ގައުމެއްނު. ކިރިކެޓު ދަނޑުތައް އަޅާފައި އެމީހުން ދެން ކިރިކެޓު ކުޅެންވެސް އަންނާނީ މިތަނަށް.
ތޯ ބްރޯ
22 May 2019
"ގެންއުޅުން" މީ ކުށް ބަހެއް. ރަނގަޅު ގޮތަކީ ގެންގުޅުން. ަ
ކަރުތާ
22 May 2019
ކޯއްޗެއްތަ ގެންއުޅުމަކީ?