ކުޅިވަރު

އެންމެ ފަހުގެ ޗެމްޕިއަންކަމަކީ ހަމައެކަނި ނަމެއް: އާތީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ ސްޕޯޓްސް ކްލަބަކީ އެންމެ ފަހުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވުމުން އެއީ މި ފަހަރުގެ ލީގުގައި އެ ޓީމުން ކުޅޭ މެޗުތަކުގައި މާ ބޮޑު އަސަރެއްކުރާނެ ކަމެއް ނޫން ކަމަށާއި ނަތީޖާ ނެރެން ކުރަންޖެހޭނީ މަސައްކަތް ކަމަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ޓީސީން މިދިޔަ އަހަރު ލީގު ކާމިޔާބުކުރީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުންނެވެ. ނިޒާމްބެ ޓީސީއާ ވަކިވުމުން މި ސީޒަނުގައި އެ ޓީމާ ހަވާލުވެ އާތީ ވަނީ އެ ޓީމަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދީފަ އެވެ.

އާތީ ބުނީ ޓީސީގައި މިހާރު އޮތީ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި ޓީމާ އަޅާ ބަލާއިރު ގިނަ ބަދަލުތަކެއް ގެނެސްފައިވާ ޓީމެއް ކަމަށާއި އެހެން ކަމުން މިދިޔަ އަހަރު އެ ހުރި ލެވެލަށް ބަލައިގެން ވާހަކަ ނުދެއްކޭނެ ކަމަށެވެ.

"ޑިފެންޑިން ޗެމްޕިއަން ކިޔާއިރު ބަލަންވީ އަންނަ އަހަރު އެ ޓީމެއް އޮތްތޯ. އެ ޓީމުގެ މިދިޔަ އަހަރު ތިބި ކުޅުންތެރިން ތިބިތޯ. އަލުން ޓީސީ ޖެހުނީ ޓީމެއް ތައްޔާރުކުރަންތޯ. މި ހުންނަނީ ސުވާލުތަކެއް. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް ޓީސީ އަށް މިދިޔަ އަހަރު ކުޅުންތެރިންގެ ތެރެއިން ދަނޑުމަތީގައި ތިބީ ހަތަރު ކުޅުންތެރިން. ނަމެއް ނޫން މި ފޯމް ކުރަނީ. ޕްލޭޔަރުން ގެނެސް ޓީމެއް މި ހަދަނީ. ޑިފެންޑިން ޗެމްޕިއަން އަކީ ނަމެއް، އެ އަށް ބަލައިގެން ނުތިބެވޭނެ، ޖެހޭނީ މަސައްކަތްކުރަން،" އާތީ ބުންޏެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އާތީ އެންމެ ފަހުން ކޯޗުކޮށްދިން ކްލަބަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ކުރީގެ ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ޔުނައިޓެޑް ވިކްޓްރީ އޮތީ ބިދޭސީ ކުޅުންތެރިންނާ އެކު ވަރުގަދަކޮށްފައި ކަމަށެވެ.

ޔުނައިޓެޑް ވިކްޓަރީ މީގެ ކުރިން ތިން ބިދޭސީ ކުޅުންތެރިން ލައިގެން ކުޅުނީ. އެކަމަކު މި މެޗުގައި ހަތަރު ވަނަ ކުޅުންތެރިޔާ ވެސް ކުޅޭނެ. ކުޑަކޮށް ބަލާލިއިރު ވަރަށް ރަނގަޅު. މި ފަހަރު ލީގު ކޮންމެ ޓީމަކަށް ވެސް ވަރަށް ޓަފްވާނެ، އެއީ ހަމަ ގެރެންޓީ ކަމެއް. ބިދޭސީ ކުޅުންތެރިންނަށް ބެލިޔަސް ކޮލިޓީ ރަނގަޅު. ޔުނައިޓެޑް ވިކްޓަރީ ވެސް ނުކުންނާނީ މޮޅުވާން. އަޅުގަނޑުމެންގެ އުއްމީދަކީ ވެސް މޮޅުވުން،" ޔުނައިޓެޑް ވިކްޓްރީ އަށް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީފައިވާ އާތީ ބުންޏެވެ.

ޓީސީގެ ފަރިތަކުރުންތަކުގެ ތެރެއިން އީސަ (ކ) އާއި އަކޫ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީމުތަކުގެ ފެންވަރަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ ކޮންމެ ޓީމެއް ވެސް އޮތީ ރަނގަޅަށް ކަމަށާއި އޭގެ ސަބަބުތަކެއް ވެސް އެބަހުރިކަމަށް އާތީ ފާހަގަކުރި އެވެ. އޭގެ އެއް ސަބަބަކީ މިދިޔަ އަހަރު ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކަކާ އެކު ނުކުތް ނިއު ރޭޑިއަންޓަށް ކުޅުނު ކުޅުންތެރިން އެކި ޓީމުތަކަށް ބެހިފައިވުމެވެ.

"މިދިޔަ އަހަރު ނިއު ރޭޑިއަންޓުގައި ތިބީ ރާއްޖޭގެ އެންމެ ރަނގަޅު 15 ކުޅުންތެރިން. މިހާރު މި 15 ކުޅުންތެރިން މި ތިބީ ޓީމުތަކަށް ބެހިފައި. ކޮންމެ ގޮތެއް ވިޔަސް މާ ބޮޑަށް ވަރުގަދަވެފައި މިއޮތީ. އެއްވެސް ޓީމަކަށް ފަސޭހަ ލީގަކަަށް ނުވާނެ. އެ ދުވަހެއްގައި ފޯކަސް ކޮށްގެން މަސައްކަތްކުރި ޓީމެއް އެ ދުވަހެއްގައި މޮޅުވާނީ،" އާތީ ބުންޏެވެ.

ޓީސީ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ޓީމުތަކަށް ވުރެން ގިނަ މެޗު ކުޅެން ޖެހުނުއިރު، ޓީމަށް ދިމާވަމުން އަންނަ ރިކަވަރީގެ މައްސަލަ އެވެ. އެ ގޮތުން 19 ދުވަސް ތެރޭ ފަސް މެޗު ކުޅެން ޖެހުމަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން އެންމެ ރަނގަޅު ޕްރީ ސީޒަނެއް ނުހެދި ފަސޭހަކަމަކަށް ނުވާނެކަމަށް އާތީ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ކޮންމެ ހާލަތެއްގައި ވެސް އޭނާގެ ފޯކަސް އަކީ ކުރެވުނުކަމެއް ކޮށްގެން ވިޔަސް ނަތީޖާ ނެރެވޭތޯ މަސައްކަތްކުރުން ކަމަށެވެ.

ޓީސީން މި ފަހަރު ޓީމު ވަރުގަދަކުރިއިރު ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދު އާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ލިބުމުން އެ ޓީމު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އާތީ ބުނީ ތަޖުރިބާކާރު ކުޅުންތެރިން ލައިގެން ކުޅޭއިރު އެޑްވާންޓޭޖްތަކެއް ހުރިއިރު، އޭގެ އިދިކޮޅަށް ވެސް ވާހަަކަ ދައްކަންޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"އެކްސްޕީރިއަންސް ޕްލޭޔަރުންނަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަނެއްކޮޅަކީ ގިނަ ޓިމުތަކުގައި އެބަތިބި ޒުވާން ކުޅުންތެރިން އެ ކުޅުންތެރިން އެބަ ބޭނުންވޭ އެކްސްޕީރިއަންސް ކުޅުންތެރިންނަށް ފެންވަރު ދައްކާލަން. އިމްރާނަކީ ނަމްބަރު ވަން ގޯލްކީޕަރު. އެންމެ އެކްސްޕީރިއަންސް އެއް ޕްލޭޔަރު. އަކުރަމް އަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކެޕްޓަން. އެޑްވާންޓޭޖްތަކެއް އެބަހުރި،" އާތީ ބުންޏެވެ.

ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން ވިކްޓްރީ އަތުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ އީގަލްސްއާ އެއްވަރުވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ މެޗުން ށ.ފޯކައިދޫ އަތުން ބަލިވިިއިރު، ދެ ވަނަ މެޗުން ވަނީ ވިކްޓްރީ އަތުން މޮޅުވެފަ އެވެ. ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދުރުއްދީން

25 June 2019

ބްރޯ ލީގެއް ލިބުމަކީ ޓީމުގެ ވިނިން ހިސްޓްރީއެއް އޮތުން. އެއީ ކޮންފިޑެން ބޫސްޓާއެއް. ނަސީބެއް ތިބޭފުޅާއަކީ ބްރެޒިލްގެ ކޯޗު ނުންކަން. ހަތަރުފަހަރު ވޯލްޑްކަޕް ހޯދިޔަސް އެއީ ނަމެކޭ ބުނެފިއްޔާ ގައުމުންކަންނޭގޭ ބޭރުކޮށްލާނީ.

The name is already taken The name is available. Register?

ނިއްޓެ

26 June 2019

5 ފަހަރު. ނޮޓް 4

The name is already taken The name is available. Register?

ހަގީގަތް

26 June 2019

އާތި އެބުނީ ރަނގަޅު ވާހަކޔެއް. ބްރެޒިލް 5 ފަަހަރު ވާރލްޑް ކަޕް ހޯދިޔޭ ކިޔާފަ މަސައްކަތްނުކޮށް ހުންނަނަަމަ މެޗުތަކުން މޮޅުވާނެތަ؟ ޗެމްޕިއަނަކަށްވުމަކީ ޝަރަފަކަށްވިޔަސް އަލުން އެކަން ތަކުރާރުކުރުމަށް ގިނަ މަސައްކަތްކުރަންޖެހޭނެ. ކޮން ކޯޗެއްތަ ބުނީ އަހަރުމެންނަކީ ޗެމްޕިއަނުންނޭ އެހެންވީމާ މިފަހަރުވެސް އެކަން ވާނެޔޭ. ޗެމްޕިއަން ޓެގަކީ ޕްރެޝާރ ބޮޑު ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454