25 ޖޫން 2019 - 09:22
އޭނާގެ ކޯޗިން ފިލޯސަފީގައި އެންމެ މުހިއްމީ ދަނޑުމަތީގައި އެ ދުވަހެއްގައި ކުރާ މަސައްކަތްކަމަށާއި ކޮންމެ ޓީމަކާ ކުޅެން ޖެހުނު ނަމަވެސް މާޒިޔާ އިން ފަސޭހަ ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މަރްޖާން ސެކެލޮސްކީ ބުނެފި އެވެ.
ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވަނީ ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވެފަ އެވެ. މާޒިޔާއާ ދެކޮޅަށް މިރޭގެ މެޗުގައި ނުކުންނަ ނިލަންދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ ދަ ގްރާންޑޭ އަތުން 2-0 އިން ބަލިވެފަ އެވެ.
މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އިދިކޮޅަށް ކޮންމެ ޓީމެއް ނުކުތް ނަމަވެސް މާޒިޔާގެ އިހުތިރާމް އޮންނާނެ ކަމަށާއި އެއީ ޓީމެއް ބޮޑުވުމަކުން ނޫނީ ކުޑަވުމަކުން އޮންނަ ގޮތެއް ނޫން ކަމަށެވެ.
"އަހަރެމެންގެ މަސައްކަތަކީ އަބަދެވެސް ދަނޑުމަތީގައި އެންމެ ފުރިހަމަ އަށް މަސައްކަތްކޮށް މެޗުން މޮޅުވުން. ނިލަންދޫގައި އެބަތިބި ތަޖުރިބާކާރު ކުޅުންތެރިން ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު. އެހެންވެ އަހަރެމެން 100 ޕަސެންޓް ދޭންޖެހޭނެ،" ސެކުލޮސްކީ ބުންޏެވެ.
"ނިލަންދޫގެ ފުރަތަމަ މެޗުގެ ނަތީޖާ ގޯހެއް ނޫން. ނަތީޖާ އަކީ 2-0. މެޗު ފެށުނުއިރު ގޯލެއް ވަނީ ދެން އެންމެ ފަހު ވަގުުތުގައި. މެޗެއްގެ ކުރިން ބަލި ޓީމެއް ނިންމައިގެން ނުވާނެ. އަހަރެމެންގެ މޮޅު ކުޅުން ދައްކަންޖެހޭނީ ދަނޑުމަތީގައި،"
މާޒިޔާ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ފުރަތަމަ އެގާރައިގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށާއި މިއީ ދިގު ސީޒަނަކަށްވާއިރު ހުރިހާ ކުޅުންތެރިންނަށް ވެސް އެކަށީގެންވާވަރަށް ފުރުސަތުދޭނެކަމަށް ސެކުލޮސްކީ ބުންޏެވެ.
"މާޒިޔާގައި އެބަތިބި 16 ނޫނީ 17 ރަނގަޅު ކުޅުންތެރިން. މުޅި ސީޒަނުގައި އެ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ. އެކަމަކު އެއީ ކޮން މެޗެއްގައިކަން މިހާރު ބުނަން އުނދަގޫ އަދި އެންމެ މެޗެއް މި ކުޅެވުނީ،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ކުޅުންތެރިޔަކަށް ޓީމުގެ ފުރަތަމަ އެގާރައިގައި ޖާގަ ޔަގީންނުވާނެ ކަމަށާއި އަދި ވަކި ކުޅުންތެރިން ޓީމުގައި މުހިއްމުވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"އަހަރެންގެ ފުޓްބޯޅަ ފިލޯސަފީގައި އެއްވެސް ކުޅުންތެރިޔެއް ވަކިން މުހިއްމެއް ނުވާނެ. މުޅި ޓީމު އަހަންނަށް މުހިއްމުވާނީ. ޓީމުވޯކް އެންމެ މުހިއްމީ. މެޗު ފަށާއިރު ތިބޭ ކުޅުންތެރިންނެއް ނޫން މުހިއްމީ ނިމޭއިރު ރަނގަޅު ނަތީޖާއަކާ އެކު މުޅި ޓީމަށް ލިބޭ ހިތްހަމަޖެހުން،" ކުރިން މިޔަންމާ ލީގުގައި މަސައްކަތްކުރި ސެކުލޮސްކީ ބުންޏެވެ.
މާޒިޔާ އިން ވަނީ މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވެސް ޓީމުގައި ޖަހައިފަ އެވެ. އޭނާ ވަރަށް އަވަހަށް ޓީމާ ގުޅޭއިރު، އެ ޓީމު އެޓޭކް ފުރިހަމަ އަށް ވަރުގަދަވެގެންދާނެ އެވެ. ސެކުލޮސްކީ ބުނީ އެޓޭކިން ކުޅުންތެރިންނަށް ބަލާއިރު މާޒިޔާ އަށް އެޑްވާންޓޭޖެއް އޮތް ކަމަށެވެ.
"ކޯނޭ އައީމަ އެޓޭކުގައި ބޭލް (ސަހާއު)އާ އެކު ހަ ކުޅުންތެރިން ތިބޭނެ ކުރީގެ ހަތަރު މަގާމަށް ކުޅެވޭނެ އެ ކުޅުންތެރިންނަށް. އެހެންވެ ކޮންމެ ހާލަތެއްގައި ވެސް ޓީމު ބަދަލުކޮށްލެވޭނެ އަހަރެމެންނަށް،" އޭނާ ބުންޏެވެ.
މާޒިޔާގެ ގޯލު މިދިޔަ އަހަރު ބެލެހެއްޓި ގައުމީ ޓީމުގެ ގޯލްކީޕަރު ހުސެން ޝަރީފެވެ. މާޒިޔާ އިން މި ސީޒަނަށް އަފްގާނިސްތާންގެ ކީޕަރު އޮވޭސް އަޒީޒީ ގެނައި ނަމަވެސް މި ސީޒަނުގައި ފުރުސަތު ލިބޭނެ ކަމަށް ސެކުލޮސްކީ ބުންޏެވެ. އަދި މާޒިޔާގައި ތިބި ދިވެހި ކުޅުންތެރިންނާ މެދު ހިތްހަމަޖެހޭ ކަމަށާއި އިތުރު ބިދޭސީ ކުޅުންތެރިއަކު ބޭނުންވޭތޯ އެކަމާ މެދު ވިސްނާނީ ފަސް ވަރަކަށް މެޗު ނިމުމުން ކަމަށް ވެސް ސެކުލޮސްކީ ބުންޏެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފެސްކޯ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިލަންދޫ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އޭނާގެ ޓީމުން ނުކުންނަން ޖެހިފައި ވަނީ މި ސަރަހައްދަށް ބެލިޔަސް ވަރުގަދަ ޓީމަކާ އެކު ކަމަށާއި ތައްޔާރީގެ ގޮތުން ވެސް އެ ޓީމު އޮތީ ކުރީގައި ކަމަށެވެ.
"މި ނުކުންނަން ޖެހެނީ އެންމެ ރަނގަޅަށް ތައްޔާރުވި ޓީމާ ދެކޮޅަށް. ޓީމުގެ ފެންވަރާ މެދު ވިސްނާލަންޏާ މި ސަރަހައްދުގައި ވެސް ނަން ހިނގާވަރުގެ ޓީމަކާ ދެކޮޅަށް ކުޅެން މި ޖެހެނީ ހުރިހާ ޑިޕާޓްމަންޓެއް ފުރިހަމަކޮށް އޮތީ. މިދިޔަ އަހަރު ދިމާވި ކަންތައްތަކާ އެކު ލެކްވި ހުރިހާ ޑިޕާޓްމަންޓްތައް ރިކަވާކޮށްފި،" ފެސްކޯ ބުންޏެވެ.
މި ފަހަރު ލީގުގައި ކުޅެވުމާ މެދު އެތަކެއް ސުވާލު އުފެދުނު ފަހުން ނިލަންދޫ އަށް ފުރުސަތު ލިބިގެންދިޔައިރު ފުރަތަމަ މެޗުގައި ނިލަންދޫން ވަނީ ނިސްބަތުން ބަލާއިރު ދަ ގްރާންޑޭއާ ދެކޮޅަށް ރަނގަޅަށް ކުޅެފަ އެވެ. ފެސްކޯ ބުނީ ތައްޔާރީތަކަށް ބަލާއިރު ނިލަންދޫ ފަހަތުގައި އޮތް ނަމަވެސް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޓީމުގެ ޕްރެކްޓިސްތަކުގައި އެންމެ އެކަށީގެންވާ ވަރަށް ކުޅުންތެރިން ބައިވެރިނުވާ ކަމަށާއި އެހެން ނަމަވެސް ބައިވެރިވި ކުޅުންތެރިންގެ ފަރާތުން ފެނުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ފެސްކޯ ބުންޏެވެ.
ނިލަންދޫ ޓީމުގައި މިދިޔަ އަހަރު އެ ޓީމަށް ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު ކުޅުންތެރިން އެބަތިބި ކަމަށާއި އަދި ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުމުން އިތުރަށް ރަނގަޅުވާނެ ކަމަށް ފެސްކޯ ބުންޏެވެ.
ލީގުގެ ދެ ވަނަ ބުރަށް ފަހު އެންމެ ފުލަށްދާ ޓީމަށް ތިން ވަނަ ބުރުގައި ނުކުޅެވޭއިރު، ފެސްކޯ ބުނީ އޭނާގެ ޓީމަށް ތިން ބުރުގައި ވެސް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އޭނާގެ ޓީމު ވާދަކުރާނެ ވަކި ޓީމުތަކެއް ނެތް ކަމަށް ފެސްކޯ ބުންޏެވެ.
"އުއްމީދަކީ އެންމެ ފުލަށް ނުދިއުން. އަޅުގަނޑު ކްލަބްތަކެއް ރޭންކެއް ނުކުރަން. އަޅުގަނޑު އެއްވެސް ޓީމެއް އަންޑައެސްޓިމޭޓެއް ނުކުރަން. ކޮންމެ ޓީމެއް ވެސް މޮޅު ޓީމެއްގެ ގޮތުގައި އަޅުގަނޑު ދެކޭނީ،" ފެސްކޯ ބުންޏެވެ.
ނިލަންދޫ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy