އިންޑިއާގެ ޗެންނާއީން އާއި އަބަހާނީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްސީ
27 ޖޫން 2019 - 11:08
އިތުރު ވަގުތުގައި އަފްގާނިސްތާނުގެ މަސީހު ސައިގާނީ ވައްދާލި ގޯލުން އިންޑިއާގެ މިނެރްވާ ޕަންޖާބް 1-0 އިން ބަލިކޮށް އޭއެފްސީ ކަޕްގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގެ ޖާގަ ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ހޯދައިފި އެވެ.
މި ފަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބަކަށް ފުރުސަތު ނުލިބުނީ އޭއެފްސީ ކްލަބް ލައިސަންސް ނުލިބުމުންނެވެ. ރާއްޖޭގެ ޓީމެއް ނެތި ފުރަތަމަ ފަހަރަށް ކުރިއަށްދާ އޭއެފްސީ ކަޕްގައި، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ޑާކާ އަބަހާނީ ފިޔަވައި ދެން އޮތީ ނޭޕާލުގެ މަނަންގް މަޝިއަންގްޑީ، އިންޑިއާގެ ޗެއްނާއީ އަދި އައި ލީގުގެ ޗެމްޕިއަން މިނެރްވާ ޕަންޖާބް އެވެ.
މީގެ ދެ އަހަރު ކުރިން އޭއެފްސީ ކަޕްގައި ކުޅެން ފެށި އަބަހާނީ ވަނީ މިދިޔަ ދެ އަހަރު ގްރޫޕް ސްޓޭޖުގައި ވާދަކޮށް ކަޓައިފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު ރާއްޖޭގެ މާޒިޔާ އަތުން ދެ ލެގުގައި ވެސް ބަލިވިއިރު، މިދިޔަ އަހަރު ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ވެސް ދެ ލެގުގައި ބަލިވެފަ އެވެ.
މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ މި މުބާރާތުގެ ސެމީ ފައިނަލާއި ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެއީ ކުރީގެ ފޯމެޓަށް ކުޅުނުއިރު އެވެ. އޭއެފްސީން މީގެ ދެ އަހަރު ކުރިން ޒޯންތަކަށް ބަހާލައި މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލަށް ފަހު ރާއްޖޭގެ ޓީމަކަށް ގްރޫޕް ސްޓޭޖު ފަހަނަޅައި ނުދެވެ އެވެ. ގްރޫޕްގެ އެއް ވަަނަ ޓީމަށް އެކަނި އަނެއް ބުރުން ފުރުސަތު ލިބޭއިރު ދެ ފަހަރު ވެސް އެ ޖާގަ ހޯދީ އިންޑިއާގެ ބެންގަލޫރުންނެވެ.
މިދިޔަ އަހަރު ނިއު ރޭޑިއަންޓާއި އަބަހާނީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަހަރު އަބަހާނީން ފުރުސަތު ހޯދުމާ އެކު މިއީ ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ތާރީހީ ކާމިޔާބެކެވެ. އެއީ އެ ގައުމުގެ ކްލަބެއް ފުރަތަމަ ފަހަރަށް އޭއެފްސީގެ ގްރޫޕް ސްޓޭޖު ފަހަނަޅައި ދިއުމުންނެވެ. ގްރޫޕްގެ އެއް ވަނައިގައި އަބަހާނީން ނިންމާލީ 13 ޕޮއިންޓާ އެކު އެވެ. އިންޑިއާގެ ސުޕަ ލީގުގައި ވާދަކުރަމުން އަންނަ ޗެއްނާއީ ދެ ވަނަ އަށް ދިޔައިރު އެ ޓީމަށް ލިބުނީ 11 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މިނެރްވާ އަށް ލިބުނީ ފަސް ޕޮއިންޓެވެ. އެންމެ ފުލަށް ދިޔަ މަނަންގަށް ލިބުނީ ދެ ޕޮއިންޓެވެ.
މީގެ ކުރިން އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރި އަބަހާނީން މި ފަހަރުގެ އޭއެފްސީ ކަޕަށް ކުރިމަތިލީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ މެލޭޝިއާ ލީގުގައި މަސައްކަތްކުރި އަދި ކުރިން ބަންގްލަދޭޝްގެ ގައުމީ ޓީމުގެ އެސިސްޓެންޓަކަށް ހުރި ޕޯޗުގަލްގެ މާރިއޯ ލެމޯސް އެވެ. އެ ޓީމުން ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ޖަހާފައި ވަނީ އިންޑިއާގެ އައިޒޯލަށް މީގެ ކުރިން ކުޅުނު އަފްގާނިސްތާނުގެ ސައިގާނީ އާއި އިންޑިއާގެ ވަރުގަދަ ޓީމުތަކަށް ކުޅުނު ހައިޓީ ގައުމީ ޓީމުގެ ފޯވާޑް ބެލްފޯޓްގެ އިތުރުން ބްރެޒިލްގެ ބޮޓަފޯގޯ އަށް ކުޅުނު ވެލިންޓަން އެވެ. އަދި ކުރިން ވެސް ކުޅުނު ނައިޖީރިއާގެ ސަންޑޭ ޗިޒޯބާ ވެސް ހިމެނެ އެވެ.
އިންޓަ ޒޯން ސެމީގައި އަބަހާނީ ވާދަކުރާނީ ތުރުކުމެނިސްތާން އަލްތީން އާއި ނޯތު ކޮރެއާގެ އޭޕްރީލް 25 އަދި އާސިއާން ޒޯން ފައިނަލުން މޮޅުވާ ޓީމެކެވެ. މި ޒޯނުން އެއް ވަނަ ހޯދާ ޓީމެއް ފައިނަލުގައި ކުޅޭނީ ހުޅުނގު އޭޝިއާގެ ޒޯނުން އެއް ވަނަ ހޯދާ ޓީމަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސޭ
27 June 2019
ހަގީގަތުގަ މިއަހަރަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގަ އެއްވަނަ ހޯދުމަށްފަހު ނޮކައުޓަށް ދިއުމަށް ރަނުގެ ފުރުސަތެއް. ސަބަބަކީ، އިންޑިއާގެ 2 ޓީމްވެސް ފެނުނީ ވަރަށް ބަލިކަށިކޮށް. އަންނަ ސީޒަނުގަ އަނެއްކާވެސް އުނދަގޫވާނެ. ސަބަބަކީ ބަންގްލަދޭޝްގެ ބަސަންދުރަ ކިންގސްގެ އިތުރުން ބެންގަލޫރު އެފްސީވެސް ކުޅޭނެ. މާޒިޔާއަށް ޕްރިލިމިނަރީބުރުން ބެންގަލޫރު ބަލިކުރެވިއްޖެނަމަ ގްރޫޕުގަ ދިވެހި 2 ޓީމް ހިމެނިގެންދާނެ.
ާަަތަހޫ
27 June 2019
ފުރަތަމަޓީމަކީ ކޮބާ؟
އިއްސޭ
27 June 2019
ފުރަތަމަ ޓީމަކީ ޓީސީ. 2018 ވަނަ އަހަރުގެ ޗެމްޕިއަން ޓީމަށްވުމުން އެޓީމަށް ސީދާ ގްރޫޕް ސްޓޭޖަށްދެވޭނެ. މާޒިޔާއަށް ޖެހޭނީ ޕްލޭއޮފް ކުޅެން. އިންޑިއާއިން އައިލީގް ޗެމްޕިއަން ޗެންނާއި ސިޓީ އެފްސީވަނީ ސީދާ ގްރޫޕް ސްޓޭޖް ޔަގީންކޮށްފަ.
ހަގީގަތް
27 June 2019
މާޒިޔާޔަށް ބެންގަލޫރު އެފްސީ ބަލިކުރަން އުނދަގޫވާނެ. އެމީހުންނަކީ އިންޑިޔާގެ އަދި މި ސަރަހައްދުގެވެސް އެންމެ ވަރުގަދަ ޓީމް.
ޚުރާ
27 June 2019
ދިވެހި ފުޓުބޯޅަ ހަލާކު ވެއްޖެ ސިޔާސީ ވެގެން ގޮސް
ޗާދުނި
27 June 2019
އެފްއޭއެމްގެ ރައިީސް ބަސްއާމް އަދީލް ޖަލީލު އިސްތިއުފާ ދެއްވާ
ބޭރު
28 June 2019
ބަލަ ޓީމުތަކުގެ ފުރިހަމަ ތާއީދާއެކު ބައްސާމު އެހުރީ! ކޮން ބޭރެއް ކުރާއްކައްތޯ ؟
ހަގީގަތް
27 June 2019
ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގު މިހާރު ވަރަށް ބޮޑަށް ކުރިއަރައިފި. ޑާކާ އަބަހާނީ ތިއީ އަދި ލީގުގެ ދެވަނަ. އޮސްކާ ބުރުޒަންގެ ޓީމް އަންނަ ސީޒަނުގެ އޭއެފްސީ ކަޕްގައި ކުޅޭނެ. އެމީހުންގެ އެބަހުރި އޭއެފްސީ ކަޕް ކާމިޔާބު ކުރެވޭ ފެންވަރު. އަދި އޭއެފްސީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ރަނގަޅު ފައިޓެއްދެވޭ ފެންވަރުވެސް އެބަހުރި. ޑާކާ އަބަހާނީވެސް އެމީހުން އަތުން ދަނީ ބަލިވަމުން.
އައިޝަތު ރަދީފާ
27 June 2019
އެއްކަލަ ބަންގާޅު ޓީމް ވެސް މޮޅު ލިވަޕޫލް ބާސާ އަދި ޗެލްސީއަށްވުރެ.