14 ޖުލައި 2019 - 11:46
އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ނެގި ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ނުހިމެނޭ އިރު ޒުވާން އާ ކުޅުންތެރިންތަކަކަށް ޓީމުން ފުރުސަތުދީފި އެވެ.
އެފްއޭއެމުން ފަހިކޮށްދިން ފުރުސަތެއްގައި ޓީސީ ސްޕޯޓްސް ކްލަބުން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަން މިއަދު ފުރި ސްކޮޑުގައި އަކޫ ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އަކޫ ޓީސީގެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވާން ނިންމީ އެފްއޭއެމާ ވާހަކަ ދެއްކުމަށް ފަހު އެވެ.
މި ފަހަރުގެ ސްކޮޑުން ފުރުސަތު ދިން ކުޅުންތެރިންގެ ތެރެެއިން އެންމެ ދޮށީ އުމުރުގެ ދެ ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި ދަ ގްރާންޑޭގެ ގޯލްކީޕަރު އަދި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލް އެވެ. ދެ ކުޅުންތެރިންގެ އުމުރަކީ ވެސް 31 އަހަރެވެ.
ކެޕްޓަން އަކޫގެ އިތުރުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުން ބާކީވީ ކުޅުންތެރިންނަކީ މުހައްމަދު އާރިފް (ބަކާ)، އަހުމަދު އިމާޒް (އާއްކޮ)، މުހައްމަދު އިރުފާން (އިރޭ)، ރިހާމް އަބްދުލް ގަނީ (ބޮބީ)، އަސަދުﷲ އަބްދުﷲ އަދި ތޮލާލް ހަސަން (ތޮލާ) އެވެ. އަދި އަނިޔާގެ ސަބަބުން ޓީމުން ބާކީކުރި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.
އައިއޯއައިޖީގެ ސްކޮޑުގައި ހިމެނި ސީނިއާ ޓީމުން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް އައިސަމް އަދި ށ. ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މި ދިޔަ މާޗް މަހު ސައުދީ އަރަބިއްޔާގައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ކުޅުނު ކުޅުންތެރިންނެވެ.
ސްކޮޑު ފައިނަލް ކުރިއިރު ޓީމުން ބާކީވި ކުޅުންތެރިންނަކީ ޓީސީގެ މުހައްމަދު ސާމިރު، އައްޒާމް އަބްދުﷲ (އެޑޫ)، ގްރީން ސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ)، އީގަލްސްގެ ސޮލާހު އަލީ (ސޮލާ) އަދި ޔުނައިޓެޑް ވިކްޓްރީގެ އަލީ ޝަމާލް އަބްދުﷲ (ޝައްމު) އެވެ.
ގޯލްކީޕަރުންގެ ގޮތުގައި ސްކޮޑުގައި ހިމެނުނީ ފައިސަލްގެ އިތުރުން މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އާއި ގްރީން ސްޓްރީޓްސްގެ ލަބާން ޝަރީފް އެވެ. ފައިސަލް އަނިޔާގައި ހުރުމުން މިދިޔަ ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގޯލު ބެލެހެއްޓީ ހުސެން އެވެ. އަދި މި ފަހަރުގެ އައިއޯއައިޖީގައި ލަބާނަށް ފުރުސަތު ދިނުމުގެ ވިސްނުން އެބަހުރިކަމަށް މީގެ ކުރިން ގައުމީ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ.
ޓީސީގެ މިޑްފީލްޑަރު އައިސަމް: އޭނާ އަކީ މި ފަހަރު މުޅިން އަލަށް ޓީމުން ޖާގަ ލިބުނު ކުޅުންތެރިއެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އައިއޯއައިޖީ އަށް ސީނިއާ ޓީމެއް ފޮނުވަން އެފްއޭއެމުން ނިންމި ނަމަވެސް ކުރިމަތިވި ޗެލެންޖަކީ ޖޫން މަހު ސީޒަން ފެށުމުގެ ކުރިން، މި މުބާރާތުގައި ކުޅޭނެ ޓީމު ލިސްޓު ފޮނުވަންޖެހުމެވެ. އެހެންވެ ޓީމު ނެގުމުގައި ދަތިތަކެއް ދިމާވިކަން ގައުމީ ކޯޗު ޕީޓަ ސެގާޓާއި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވަނީ ފާހަގަކޮށްފަ އެވެ.
ގައުމީ ކޯޗު ސެގާޓް ބުނީ މި ފަހަރުގެ އައިއޯއައިޖީ ބޭނުންހިފާނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވާއިރު ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ތަޖުރިބާދިނުމުގެ ގޮތުން ކަމަށެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ސީނިއާ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށާއި އެކަމަކު އެ ކުޅުންތެރިންނަށް އަނިޔާއެއް ކުރިމަތިވެއްޖެނަމަ ރަނގަޅު ޒުވާން ކުޅުންތެރިން ތައްޔާރުގައި ބަހައްޓަންޖެހޭނެ ކަމަށް ބުންޏެވެ.
މި ފަހަރުގެ ސްކޮޑުން ފުރުސަތު ދިން އެހެން ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ. ޖާގަ ނުލިބުނު ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
މި ފަހަރުގެ އައިއޯއަައިޖީގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގަ އެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އައިއޯއައިޖީގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ބަލްގޭރިއާގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މެޔޯޓް އަތުން 3-1 އިން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން 2-1 އިން މޮޅުވި އެވެ. އެކަމަކު ފަހު މެޗުން މަޑަގަސްކަރަ އަތުން 4-0 އިން ބަލިވީ އެވެ.
އައިއޯއައިޖީ ރަސްމީކޮށް ހުކުރު ދުވަހު ފެށި ނަމަވެސް އޭގެ ކުރިން ފުޓްބޯޅަ އިވެންޓް ފަށާނެ އެވެ. ފުޓްބޯޅަ ޓީމު މޮރިޝަސް އަށް ދާން މާދަމާ ފުރާނެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު މެންދުރު ރާއްޖެ ގަޑިން 13:00 ގައި ކުޅޭނީ ރީޔޫނިއަންއާ އެވެ. އަދި ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޮރޯސްއާ ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 16:15 ގަ އެވެ. އަދި މި މަހު 22 ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި މަޔޯޓްއާ ބައްދަލުކުރާ މެޗު ވެސް އޮންނާނީ ރާއްޖެ ގަޑިން 16:15 ގަ އެވެ.
މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)
އީގަލްސް: އަހުމަދު ރިޒުވާން (ރިޒޭ)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، އަލީ ފާސިރު (ސެންޓޭ)
ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، ލަބާން ޝަރީފް، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް
ޓީސީ: އިބްރާހިމް އައިޝަމް
ދަ ގްރާންޑޭ: މުހައްމަދު ފައިސަލް
ށ. ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު އޮޑި
15 July 2019
އަޝްާފާޤު ނެތީމަ އެހާފުރިހަމައެއް ނޫން
ރަށު އޮޑި
15 July 2019
އަޝްފާޤުގެ އަގުހިފެހެއްޓުަމަށް ދަންނަވަން ޤައުމަށްރީތިނަން ހޯދައިދިނީމަ އެއްލާލާ އުސޫލް އޮންނަނަމަ ޒުާންކުޅުންތެރިން ޖޯޝްގެއްލޭނެ އަޝްފާޤަށް ހުރިފުރުސަތުތަށް ފުރިހަމައަށް ދިނުމަށް ޮވާލަން
ޒަޔާންޒަކީ
14 July 2019
ރަގަޅު ނިންމުމެއް...ޒުވާން ވިޔަސް ކޮޅަށް 15 ޖެހީމަ ކަޑަ
ކުރަފަތްބޭބެ
14 July 2019
މަރުހަބާ ހަންޕު އަދި ސެންޓޭ!
ވިސްނާލާފާ
14 July 2019
ބޮބީއާއި އަދިވެސް މިފަދަ ބައެއް ކުޅުންތެރީން އެބަތިބި ޓީމުގާ ނުހިމެނި. އެކަމަކު ވާނީވެސް އެހެންތާ. ކުޅުންތެރީންގެ ފެންވަރު ބެލުމެއްނެތި ބްރޭކުގާ ތިއްބާ ލިސްޓުފޮނުވަން މިޖެހެނީ އަހަރު ދެއަހަރު ކުރިން. ދެން މިވާގޮތަކީ ރަނގަޅުހެން ހީވާކުޅުންތެރީންގެ ނަންތައް ކޮންމެހެންވެސް ފޮނުވަންމިޖެހެނީ. އެގޮތަށް ލިސްޓު ފޮނުވާއިރު، ބައެއް ފަހަރަށް އަންހެނެއްގެ ނަންވެސް ޓީމުލިސްޓުގާ ފޮނުވުން އެއީވެސް ނުވާވަރުގެ ކަމެއްނޫން. މިއޮތީ މިފަހަރުވެސް ކޯޗު ސަލާމަތްވެފާ.
ާަައަނޫ
14 July 2019
ސާކިރުގެ ޓީމެށް ތީ