އޭޝިއާގެ ބާސްކެޓްބޯޅަ ބޮޑު މުބާރާތެއް ރާއްޖޭގައި

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތް 32 ޓީމާ އެކު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.


އޭޝިއާ ކުއެސްޓް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން އިއުލާނުކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގަ އެވެ. މި މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 6-8 އަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވާދަކުރާނީ ހޯސްޓްގެ ގޮތުގަ އެވެ. މި މުބާރާތުގައި އަންހެން އަދި ފިިރިހެން ކޮންމެ ބަޔަކުން 16 ޓީމު ވާދަކުރާނެ އެވެ. ދެން ވާދަކުރާނީ އޭޝިއާގެ ބާސްކެޓްބޯޅައިގެ ވަރުގަދަ ބާރުތަކެވެ. މި މުބާރާތުން ކޮލިފައިވާ ޓީމުތައް ދުނިޔޭގެ މުބާރާތަށް ކޮލިފައިވާނެ އެވެ.

މިއީ ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖޭގައި ބޭއްވޭ ބާސްކެޓްބޯޅައިގެ ދެ ވަނަ ބައިނަލްއަގުވާމީ މުބާރާތެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތަކީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) އެވެ.

ތުރީ އޮން ތުރީ ބާސްކެޓްބޯޅައިގެ ގިނަ މުބާރާތްތަކެއް ފަހަކަށް އައިސް ރާއްޖޭގައި ވަނީ ބާއްވައިފަ އެވެ. އަދި ގިނަ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ޓީމުން ވެސް ވަނީ ކުޅެފަ އެވެ. އެހެންކަމުން މި ފަހަރު ރާއްޖޭގައި ބޭއްވޭ މި މުބާރާތަކީ ރާއްޖޭގެ ތުރީ އޮން ތުރީ ކުޅޭ ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތަކަށެވެ.

ރާއްޖޭގައި މި އަހަރު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން ބެޑްމިންޓަނުން ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކާއި ފުޓްބޯޅަ މުބާރާތްތައް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. ބެޑްމިންޓަނުން ވަނީ ދެކުނު އޭޝިއާ އަށް ހާއްސަ 21 އަހަރުން ދަށުގެ މުބާރާތެއް އައްޑޫގައި ބާއްވަން ނިންމައިފަ އެވެ. އަދި އޭގެ އިތުރުން މާލޭގައި ވެސް ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ކުރިއަށްދާނެ އެވެ. އަދި ފުޓްބޯޅައިން މި މަހު 20 ވަނަ ދުވަހު އައްޑޫގައި 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް ކުރިއަށްދާނެ އެވެ. މިއީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ އެހީގައި ބާއްވާ މުބާރާތެކެވެ.

ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ގޮތުން ރާއްޖޭން ވަނީ ބިޑް ކާމިޔާބު ކޮށްގެން އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމައިފަ އެވެ. މި މުބާރާތް މާލޭން ބޭރުގައި ބޭއްވުމަށް މަސައްކަތްކުރާއިރު، މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ބިޑްކޮށްގެން ރާއްޖޭން އަންނަނީ އެކަން ކާމިޔާބުކުރަން އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.