ޒަބީރު (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިދަ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
14 ޖުލައި 2019 - 18:33
އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަހުމަދު ޒަބީރަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.
ގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓުގެ މެމްބަރުންނާ ރައީސް އިބްރާހިމް ސޯލިހު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޒަބީރަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސެވެ.
މިއީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ބާސްކެޓްބޯޅަ ކުޅުންތެރިޔަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މި ޝަރަފް ލިބުނީ އެ ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދަށެވެ.
ޒަބީރު "މިހާރަ"ށް ބުނީ ހީވެސްނުކޮށް ހުއްޓާ މި ލިބުނީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މިއީ އޭނާގެ އިތުރުން ބާސްކެޓްބޯޅަ އަށް ވެސް ލިބުނު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބުމަކީ ކުޅުންތެރިޔަކަށް ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ޝަރަފް. މިއީ ކެރިއަރުގައި އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ޒަބީރު ބުންޏެވެ.
ބައިނަލްއަގްވާމީ ގޭމްސްތަކަކީ އާއްމުކޮށް ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުން ކާމިޔާބު ހޯދާ މުބާރާތެކެވެ. އެކަމަކު ދިދަ އުފުލުން ފަދަ ބޮޑު ޝަރަފެއް ޓީމު ކުޅިވަރަކަށް ލިބުމަކީ ވެސް، ޓީމު ކުޅިވަރު އެތުލީޓުންނަށް ވެސް ލިބޭނެ ބޮޑު ހިތްވަރެކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު ޒިލާލްގެ ކޮއްކޮ ޒަބީރު ވަނީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި އޭނާ ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ފެށިގެން މިހާތަނަށް ރާއްޖޭން ވާދަކުރި ބައިނަލްއަގްވާމީ ހުރިހާ ބާސްކެޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ޓީމުގައި ހިމެނިގެން މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
16 July 2019
މިއީ މިސަރުކާގެ ކޫލް ކަމަކީ، މުޅި އުމުރު ޔާމީނާ ޕީޕީއެމަށް ސަޕޯޓުކުރުމުގަ އުޅުނަސް އެއްވެސް ތާފަތު ކުރުމެއް ނެތް
ޢަސްލަމް އަލީ
14 July 2019
ނަފީ މެން ތިއްބާ ވޯޓަކަށްވެސް ނުގޮސް ޑިސިސަން ނިންމުން ބަލައެށް ނުގަނެވެ.
ޢަސްލަމް އަލީ
14 July 2019
ތިޔަ ދިދަ އުފުލަން އެންމެ ހައްގީ ނަފީ. ބާސްކެޓް ކުޅެމުން ކޯޗުކަންވެސް ހުއްޓުމެށްނެތި އެބަކުރޭ. ރަނގަޅު ކުރަން އެދެން.
ރަޒީނާ
14 July 2019
ތީ މިހާރު ރާއްޖޭގެ ދިދައެއްނޫން.. ތީ އިންޑިޔާގެ ސުޓޭޓެއްގެ ދިދައެއް..
އަލީ އަދުހަމް
14 July 2019
ޑިޒާރވް އެއް ނޫވޭ
ހާދީ
14 July 2019
ރަނގަޅަށް ވިއްޔާ ކޮމެޓގައި ތިބީ ބޭބެ ގެ ރަހުމަތްތެރިން...
ޙަސަން ބަޑޭ
14 July 2019
ޒަބީރު ގެ އާއިލާ އައް ވުރެ ބޮޑައް އުފާވާނީ ސުޕުން ބައްޕަ ، ޔަގީނުން ވެސް