ރާއްޖޭގެ މުހައްމަދު މޫސާ (މ)އާ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު
19 ޖުލައި 2019 - 18:29
ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގެ 55 ކިލޯ ކެޓަގަރީން ރާއްޖޭގެ އެތުލީޓް މުޙައްމަދު މޫސާ ރަން މެޑަލް ހޯދައިފި އެވެ.
ދެކުނު އޭޝިއާގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުންނާ ވާދަކޮށް ރާއްޖޭގެ މޫސަ މި ކާމިޔާބީ ހޯދިއިރު، މިއީ މި މުބާރާތުގައި މި ފަހަރު ރާއްޖެ އަށް މިހާތަނަށް ލިބުނު ހަމައެކަނި މެޑެއްޔެވެ. އޭނާ އެއް ވަނަ މަގާމު ހޯދީ އަފްގާނިސްތާނާއި އިންޑިއާގެ ބޮޑީ ބިލްޑަރުންނާ ވާދަކޮށެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ތަފާތު ކެޓަގަރީތަކުން ހަތް އެތުލީޓުން ވާދަކުރަން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކީ މުހައްމަދު އިބްރާހިމް އެވެ.
ރާއްޖޭގެ އުމުރުން 19 އަހަރުގެ ބޮޑީ ބިލްޑަރު އަހުމަދު މާހިލް ސައީދު ވަނީ ސީނިއާ ކެޓަގަރީއެއް ކަމަށްވާ 65 ކިލޯގެ ކެޓަގަރީން ހަތަރު ވަނަ ހޯދައިފަ އެވެ. މާދަމާ ޖޫނިއާ ކެޓަގަރީގައި މާހިލް ވާދަކުރާއިރު، މި ބައިން ރާއްޖެ އަށް މެޑަލް ލިބުމުގެ ފުރުސަތު ބޮޑެވެ.
މީގެ ކުރިން 2017 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރާއްޖޭގެ އެތުލީޓު ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ. އޭގެ އިތުރުން ވެސް ދެކުނު އޭޝިއާގެ މުބާރާތްތަކުން ރާއްޖޭން ވަނީ މީގެ ކުރިން ރަނގަޅު ވަނަތަކެއް ހޯދައިފަ އެވެ.
ކަތުމަންޑޫގައި މިއަދު ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޓްނަސް ފެޑެރޭޝަނުގެ އާންމު ޖަލްސާއެއް ވެސް ވަނީ ކުރިއަށް ގޮސްފަ އެވެ. އެ ޖަލްސާގައި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދު ވަނީ ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފަ އެވެ. އަދި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އަލީ ރިފާއު ވަނީ ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ އެކްސްކޯ އަށް އައްޔަްކޮށްފަ އެވެ.
އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ރާއްޖޭން މި މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފައިވާއިރު، ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޔރ4
20 July 2019
ކޮބާތަ މިސްޓަރ މޯލްޑިވްސް
މާރަނގާ - އައްޑޫ ސިޓީ
20 July 2019
ވިހި20ގައި އައްޑޫގައި ބާއްވާނެކަމަށްލަފާކުރެވޭ މުބާރާތުގެ ހުރިހާކެޓަގަރީއަކުން ރަންމެޑަލް ރާއްޖެއަށް ހޯދާދިނުމަށް މިހާރުއްސުރެން މަސައްކަތް ފައްޓާންޖެހޭ. * * ބޮޑީބިލްޑިންގ ލޯކަލް އަދި އިންޓަރނޭޝަނަލް މުބާރާތްތަކުގެ އެންމެގިނަ މެޑަލިސްޓުންތިބި އައްޑޫސިޓީގައި ބައިނަލް އަޤުވާމީ ބޮޑީބިލްޑިންގ މުބާރާތް ހޮސްޓްކުރާއިރު މިކަން ކާމިޔާބު ނުވާންޖެހޭ ހަމައެއްވެސް ސަބަބެއްނެތް. “މަރޭ ޔޫ “ ތައްޔާރުތޯ؟
ޞަނީނ
19 July 2019
ދިވެހިން އެންމެ ބަލާހިއްނުވާ ކުޅިވަރު ބޮޑީ ބިލްޑިލްޑިންނާ ސޯފިން.. އެންމެ ގިނަ މެޑެލި ގެންނަ ދެކުޅިވަރު...
ބަބުރަންޖީ ހާޖީ
19 July 2019
ފުޓުބޯޅަ ދޫކޮށްލާފާ މިކަމާ ދިވެހިން އުޅެންވީ.