އަންހެން ޓީމު އިވެންޓުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ނަބީހާ (ކ) އާއި ނީލާ.-- ފޮޓޯ: އެމްއޯސީ/ މުހައްމަދު ޝަރުހާން
21 ޖުލައި 2019 - 10:33
އެންމެ ފަހު ދެ ފަހަރު ވެސް އަންހެން ބެޑްމިންޓަން ޓީމު އިވެންޓުން ރަން މެޑަލް ހާސިލްކުރި މޮރިޝަސް އަތުން މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ޓީމު މޮޅުވެއްޖެ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު މި ގޭމްސްގައި އެއްވެސް ބަޔަކަށް މޮރިޝަސް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
މޮރިޝަސް އަތުން ރާއްޖޭގެ ބެޑްމިންޓަން ޓީމު މޮޅުވީ 3-2 އިންނެވެ. ރާއްޖޭން ކާމިޔާބުކުރީ ފާތިމަތު ނަބާހާ އާއި ނީލާ ނަޖީބުގެ ސިންގަލްސް މެޗުންނާއި ނަބާހާ އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޑަބަލްސް މެޗުންނެވެ.
އަންހެން ޓީމު އިވެންޓުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން ވަނީ ރީޔޫނިއަން އަތުން ސީދާ ފަސް ގޭމުން ބަލިވެފަ އެވެ. ރާއްޖޭގެ ފިރިހެން ޓީމު ވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުން 4-1 ގޭމުން ބަލިވެފަ އެވެ. ފިިރިހެން ޓީމު ކުޅުނު ދެ ވަނަ މެޗުން ވަނީ މޮރިޝަސް އަތުން 4-1 އިން ބަލިވެފަ އެވެ.
އިއްޔެ ފިރިހެން ޓީމަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިދިނީ މުހައްމަދު އަޖުފާން އެވެ. އަޖުފާން ވަނީ އެންމެ ފަހުން 2015 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ފިރިހެން ސިންގަލްސް ބައިން ރަން މެޑަލް ހާސިލްކުރި މޮރިޝަސް ކުޅުންތެރިޔާ އަތުން މޮޅުވެފަ އެވެ. އެހެންކަމުން އޯޕަން ބައިގައި މެޑަލެއް ހޯދުމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.
ޓީމު އިވެންޓުގައި އަންހެން ޓީމަށް ރަން މެޑަލް ހޯދުމުގެ ދޮރު ބަންދުވެފައިވީ ނަމަވެސް ރިހި ނޫނީ ލޯ މެޑަލް ހޯދަން މަސައްކަތްކުރާނެ އެވެ. ޓީމު އިވެންޓުގައި މިއަަދު ރާއްޖޭގެ ފިރިހެން ޓީމުގެ ހުރިހާ މެޗެއް ނިމޭނެ އެވެ.
އެންމެ ފަހުން 2015 ވަނަ އަހަރުގެ އައިއޯއައިޖީގެ ޓީމު އިވެންޓުގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. މި ފަހަރުގެ އައިއޯއައިޖީ އަށް ބެޑްމިންޓަން ޓީމުން ވަނީ ރަނގަޅު ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
21 July 2019
މަރުހަބާ ބެޑްމިންޓަން ޓީމް.މަރޭގެ މެތެމެޓިކްސް ދިމާވޭތަ!!؟؟؟ ވ.ވެދުން
ނަޖީބާ
21 July 2019
މަރޭގެ ހިސާބު މިކަހަލަ ކުޑަ މުބާރާތެއްގައި ދިމާވެދާނެ. މީދެން ރޭންކިންގ އަށް ކައުންޓް ކުރާ މުބާރާތެއްވެސް ނޫން. މަރޭ މޮޅީޔާ ކޮމަންވެލްތް ގޭމްސް ކަހަލަ މުބާރާތެއްގައި އެއްޗެއް ހޯދަބަލަ. ޢަލުން ކޮމަންވެލްތް ގައި ރާއްޖެ ބައިވެރިވެގެން ވިޔަސް. ބައެއް ކުޅިވަރުގައި އެބަތިބި ކޮފީއަށް ދާ ގުރޫޕް ވެސް ނަގާފައި. ދެން ކޮންމޮޅެއް؟