އިންޑިއާ މުބާރާތުގައި ކުޅޭ ރާއްޖޭގެ މާޒިޔާ ޓީމު.-- ފޮޓޯ: މާޒިޔާ
30 ޖުލައި 2019 - 13:58
އަންނަ ބުރާސްފަތި ދުވަހު އިންޑިއާގައި ފަށާ އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު އެ ގައުމަށް ފުރައިފި އެވެ.
މި މުބާރާތަކީ މީގެ ތިން އަހަރު ކުރިން އިންޑިއާގައި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން ފެށި މުބާރާތެކެވެ. މީގެ ކުރިން އިންޑިއާގެ ސުޕަ ލީގުގެ ބެންގަލޫރު އެފްސީ އާއި ނޯތް އީސްޓް ޔުނައިޓެޑް ފަދަ ޓީމުތަށް ކުޅުނު މި މުބާރާތުގައި އިންޑިއާގެ ސުޕަ ލީގުގެ އިތުރުން އައި ލީގާއި އިންޑިއާގައި ހިމެނޭ ބައިނަލްއަގުވާމީ އެކެޑަމީތަކުގެ ޓީމުތައް ވެސް ވާދަކުރެ އެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ ސުޕަ ލީގުގެ ޗެއްނާއިންގެ ޓީމު ކުޅޭނެ އެވެ.
މާޒިޔާ އަކީ މި ފަދަ މުބާރާތެއްގައި ބައިވެރިވި ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ފުރަތަމަ ކްލަބް އެވެ. މި މުބާރާތުގައި ކުޅޭ މާޒިޔާގެ ސްކޮޑުގައި 19 ކުޅުންތެރިން ހިމެނޭއިރު، އެ ޓީމަށް ކޯޗުކޮށްދޭނީ މުހައްމަދު އަރީފް (އާރިއްޕެ) އެވެ.
އާރިއްޕެ ބުނީ މިއީ ޒުވާން ކުޅުންތެރިންނަށް މި އުމުރުގައި ތަޖުރިބާ ކޮށްލަން ލިބޭނެ ރަނގަޅު މުބާރާތެއް ކަމަށާއި މީގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.
"ރަނގަޅު ޓީމެއް މާޒިޔާގައި އޮތީ. ރަނގަޅު މެޗުތަކެއް ކުޅެލަން ވެސް ލިބޭނެ. މިއީ ކުޅުންތެރިން ކުރިއަށްދާން ބަލާއިރު ލިބިގެންދާނެ ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް،" އޭނާ ބުންޏެވެ.
އެފްއޭއެމުން 14 އަހަރުން ދަށުގެ ޔޫތު ލީގު ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު، އިންޑިއާގައި މި ކުޅޭ މުބާރާތުގެ ސަބަބުން ޔޫތު ލީގަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އާރިއްޕެ ގަބޫލުކުރެ އެވެ.
އިންޑިއާ އަކީ މި ސަރަހައްދަށް ބަލާއިރު ފެންވަރު ރަނގަޅު ގިނަ އެކެޑަމީތަކެއް އޮތް ގައުމެކެވެ. މީގެ ތެރޭގައި އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކާ ގުޅިގެން ހިންގާ އެކެޑަމީތަކެއް ހިމެނެ އެވެ.
މާޒިޔާ އެކެޑަމީ ފެށިފަހުން އެ ކްލަބުން އަންނަނީ އެ ޓީމުގެ ބައެއް ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމާ އެކު ފަރިތަކުރުމަށް ވެސް ފުރުސަތު ދެމުންނެވެ. އަދި މި މުބާާރާތުގައި ބައިވެރިވާ މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމަށް ވެސް ސީނިއާ ޓީމުގެ ކޯޗިން ސްޓާފުން ވަނީ ތަމްރީންތަކެއް ފުރިހަމަކޮށްދީފަ އެވެ.
ރާއްޖޭގައި ގިނަ ފުޓްބޯޅަ އެކެޑަމީތައް މިހާރު ހިންގަމުން އަންނައިރު، ދާދި ފަހުން ބީޖީ ސްޕޯޓްސް ކްލަބުގެ އެކެޑަމީން ވަނީ އެ ކްލަބްގެ 12 އަހަރާއި 13 އަހަރު އަދި 14 އަހަރުން ދަށުގެ ޓީމަށް ރާއްޖޭން ބޭރުން ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
30 July 2019
ފުޓުބޯޅައިގެ ފޯރި ކެނޑިގެން މިއުޅެނީ ކަންމަތީ ގްރޫޕްތަކުން ކްލަބް ހަދައިގެން ފުޓުބޯޅަކުޅެންފެށިފަހުން. ދެން ހިޔެއްނުވޭ ކުރިން ފުޓުބޯޅަޔަށް އެލިބުނު ތަރުހީބާ ފޯރި އަލުން ލިބިދާނެހެނެއް.
ބޯގަޅިމުހައްމަދުކަލޭފާނު
30 July 2019
ކާމިޔާބަށް އެދެން. ބަސްއަހައިގެން ކުޅޭތި.