ގައުމީ ޓީމަށް އިސްކަންދޭންޖެހޭ: ސުޒޭން

ގަތަރުގައި 2022 ބާއްވާ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އޮތީ އުއްމީދީ ގްރޫޕެއް ކަމަށާއި އެހެންވެ ގައުމީ ޓީމަށް އިސްކަންދޭންޖެހޭ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ކޮލިފައިންގައި ރާއްޖެ ހިމެނެނީ ޗައިނާ، ސީރިއާ، ފިލިޕީންސް އަދި ގުއާމްއާ އެއް ގްރޫޕެއްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިން އަންނަ މަހު ފަސް ވަނަ ދުވަހު ފަށާނެ އެވެ. މިދިޔަ މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު މެދުކަނޑާލުމަށް ފަހު ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން އަލުން ލީގު ފަށާނީ މިއަދު ހަވީރު އެވެ. އެކަމަކު ލީގުގައި މަދު މެޗެއް ކުޅުމަށް ފަހު އަލުން ލީގު ބްރޭކެއް ނަގަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅެން ތައްޔާރުވުމަށެވެ.

ސުޒޭން ބުނީ ވޯލްޑް ކަޕްގެ ކޮލިފައިންގެ މުހިއްމު މެޗަކަށް ރާއްޖެ ދާއިރު ލީގު ބްރޭކް ކޮށްގެން ނަމަވެސް ގައުމީ ކޯޗު ޕީޓަ ސެގާޓް ބޭނުންވާ ވަގުތު ދޭން ޖެހޭ ކަމަށެވެ.

"ފުޓްބޯޅައިގެ ތެރެއިން ގައުމީ ކޯޗަށް އެހީތެރިވުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއްގައި އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ. ހުރިހާ އިރެއްގައި ވެސް ތައްޔާރަށް މިހުރީ. މިސާލަކަށް އަޅުގަނޑުމެންގެ ކީޕަރު ލަބާން މާދަމާ އިން ފެށިގެން އޭނާ ޓްރެއިނިން އަށް ނެރުނަސް އެއްވެސް ޝަކުވާއެއް ނެތް. މެޗު ކުޅެން އެއް ދުވަހަށް ވެފައި ވަނިކޮށް ލަބާން ދޫކޮށްލަދެނިކޮށް މައްސަލައެއް ނެތް،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ އެޓޭކުގައި ހިމެނޭ ގައުމީ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އުމެއިރު ފަދަ ކުޅުންތެރިން ނެގުމަކީ ކޯޗުގެ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް ސުޒޭން ބުންޏެވެ.

"އަޅުގަނޑަށް މުހިއްމެއް ނުން އަޝްފާގެއް ނޫން އެހެން މީހެއް ނުނެގިޔަސް ވެސް. މި ވަގުތު މުހިއްމީ ގައުމީ ޓީމަށް ނަތީޖާ ނެރުން. ނަތީޖާ ނެރެން އަޝްފާގަކީ މުހިއްމު ކުޅުންތެރިއަކަށް ވިއްޔާ އަޝްފާގު ވެސް ބައިވެރިކުރަންވީ. އުމެއިރަކީ މުހިއްމު ކުޅުންތެރިއަކަށްވިއްޔާ އޭނަ ވެސް ބައިވެރިކުރަންވީ. ތައްޔާރުވުން ރަނގަޅު ކުރެވިއްޖިއްޔާ ރާއްޖެ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފަށް ގައުމީ ޓީމާ ހަމައަށް އަލުން ދެވުނީ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ޓްރޭނަރު އަހުމަދު ސަލީމް (މެޓާ) ވަރަށް ބޮޑު ދައުރެއް އަދާކޮށްގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މެޓާ އަށް ކަމަށް ސުޒޭން ބުންޏެވެ.

"އަޅުގަނޑު ބޭނުންވާ ކްރެޑިޓެއް މި ވަގުތު ނެތް ފުޓްބޯޅަ އަކު. ފުޓްބޯޅަ އަށް އަޅުގަނޑުގެ ބައި މި އޮތީ ނިމިފައި. އަޅުގަނޑުގެ ހުވަފެނެއް ވެސް ނެތް އާންމު ހިދުމަތުގެ އިނާމެއް އެއްޗެއް ވެސް ހޯދުމުގެ. ފުޓްބޯޅައިގައި ކުޑައިރުގައި ހުވަފެން ދެކުނު ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހާސިލްކުރެވިއްޖެ. އެކަމަކު މަަސައްކަތެއް ކުރާ މީހަކަށް އިންސާފު ހޯދައިދިނުމަކީ ކުރަން ޖެހޭނެ ކަމެއް،" ސުޒޭން ބުންޏެވެ.

ލީގުގައި މިހާތަނަށް ގްރީން ސްޓްރީޓްސް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. ސުޒޭން ބުނީ ލިބުނު ބްރޭކު ތެރޭގައި ޓީމު ކުޅޭގޮތް ބަދަލުކުރަން ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލުކުރާ ކަމަށާއި ޓީމުގައި ޖަހާފައިވާ މިސްރު މިޑްފީލްޑަރު ވަރަށް އަވަހަށް ގުޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ނުވަ ޓީމުގެ މެދުގައި ކުރިއަށްދާ ލީގުގެ އެންމެ ފުލުގައި އޮތް ފ. ނިލަންދޫއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭއިރު، ސުޒޭން ބުނީ މިއީ އޭނާގެ ޓީމުން ފަސޭހަކޮށް ދެކޭނެ މެޗެއް ނޫން ކަމަށެވެ.

"އެ މީހުންނަށް ވެސް (ނިލަންދޫ) ލަދުގަންނަންޖެހޭ ވަރުގެ ނަތީޖާތަކަށް ނުވާވަރަށް އެ މީހުންގެ މަސައްކަތް ބައްޓަންކުރެވެމުންދާކަން ފާހަގަވޭ ހަމަ. އެ ހުރިހާ ކަމަކަށް ބަލާއިރު ނިލަންދޫ މިދިޔަ މެޗުތަކަށް ވުރެ ރަނގަޅުވާނެ. ނިލަންދޫގެ ކުރިއެރުމަކީ ގްރީން އަށް އޮތް ކަންބޮޑުވުމެއް ނޫން. އެއީ ލީގަށް އަންނަ ކޮންމެ ކުރިއެރުމަކީ ގްރީން އަށް ވެސް އަންނަ ކުރިއެރުމެއް،" ސުޒޭން ބުންޏެވެ.

ލީގުގައި މި ފަހަރު ވާދަކުރުމުގެ ފުރުސަތު އެންމެ ފަހުން ލިބުނު ނިލަންދޫ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އަށް އަދިވެސް ދިމާވާ މައްސަލަ އަކީ ބޭނުންވާ ވަރަށް ޓީމު ތައްޔާރު ނުކުރެވުމެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓީމުގެ ޕްރެކްޓިހުގައި ހުރިހާ ކުޅުންތެރިން ބައިވެރިނުވުމެވެ. އަދި ޕްރެކްޓިސްގައި ބައިިވެރިވާ ކުޅުންތެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ނަމަވެސް މުޅި ޓީމުން އެކަން ނައުމަކީ ފެސްކޯ އަށް އޮތް ބޮލުގެ ރިހުމެކެވެ.

"މި ފަހަރު ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު ލިބިއްޖެ. ދެން ހުރި ކަންތައްތަކުގެ ވާހަކަ މި ވަގުތު ދައްކާކަށް ނެތިން. އެ ވަގުތު ލިބިގެން ކަންތައްތަކެއް ނުކުރެވުމަކީ ކޮންމެވެސް ބަޔަކު ޒިންމާވާންޖެހޭނެ ކަމެއް. އަޅުގަނޑު ވިޔަސް އެހެން ބަޔަކު ވިޔަސް،" ފެސްކޯ ބުންޏެވެ.

ނިލަންދޫގެ ލިސްޓުގައި ބޭރު ހަތަރު ކުޅުންތެރިންގެ ނަން ޖަހާފައިވާއިރު، މިހާތަނަށް އެ ޓީމާ ގުޅުނު ކުޅުންތެރިއަކީ ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ކިންގްސްލީ އެވެ. ފެސްކޯ ބުނީ ކިންގްސްލީގެ ފިޒިކަލް ހާލަތާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ރަނގަޅު ޕްރެކްޓިސްތަކެއް ނުކުރެވޭތީ ކުރެވެން އޮތް ހަމައެކަނި އިތުބާރަކީ އޭނާގެ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ އާއި ފިޓްނަސް ރަނގަޅުވުން ކަމަށެވެ.

"ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު މި ވަގުތު އަޅުގަނޑުމެން ވިސްނަންވީ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ތައްޔާރުވުން. ޓްރެއިނިން ރަނގަޅު މެޗުތަކެއް ލިބުނުނަމަ ފަސޭހަވީސް. އެކަމަކު އަނެއްކާ ވެސް މި ޖެހުނީ އޮފިޝަލް މެޗުން ފަށަން. އުއްމީދުކުރަނީ ރަނގަޅު މެޗަކަށް. ނަތީޖާ އަކަށް ވެސް އުއްމީދުގައި މި ތިބީ،" ފެސްކޯ ބުންޏެވެ.

ނިލަންދޫ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.