ޗެއްނާއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މާޒިޔާ ކުޅުންތެރިއަކު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ޝައްމޫން ހަލީލް
04 އޯގަސްޓް 2019 - 12:20
އިންޑިއާގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާގެ ސުޕަ ލީގުގެ ޓީމު ޗެންނާއީންގެ ޔޫތު ޓީމުގެ މައްޗަށް 2-1 އިން ކުރިހޯދައި މާޒިޔާ 14 އަހަރުން ދަށުގެ ޓީމު މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މާޒިޔާ އަކީ މި ފަދަ މުބާރާތެއްގައި ބައިވެރިވި ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ފުރަތަމަ ކްލަބް އެވެ. ޗެންނާއީންގެ މައްޗަށް މާޒިޔާ އިން ހޯދި މި ކާމިޔާބީ އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން ބައިނަލްއަގުވާމީ ޔޫތު ފުޓްބޯޅަ މުބާރާތެއްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.
ޗެންނާއީގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ ސެމީގައި ފުރަތަމަ ލަނޑު ޖެހީ ވެސް ޗެންނާއީން އެފްސީންނެވެ. މާޒިޔާ މޮޅުވީ ފަހަތުން އަރަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު އިޔާން އާއި ޔޫޝައު ބިން އަލީ ނަޝީދު އެވެ.
މިއަދު ހަވީރު ކުޅޭ ފައިނަލުގައި މާޒިޔާ ދެކޮޅަށް ކުޅޭނީ އެފްއޭ ބެންގަލޫރާ ދެކޮޅަށެވެ. އެ ޓީމުން ފައިނަލުގެ ޖާގަ ހޯދީ އަނެއް ސެމީގައި ރިލަޔަންސް އެފްސީ އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެގެންނެވެ.
މާޒިޔާ ޔޫތު ޓީމުގެ ކޯޗަކީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ. އެ ޓީމުން މި މުބާރާތުގައި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މާޒިޔާ އިން މި މުބާރާތުގައި ބައިވެރިވެ ފުރުސަތުގެ ބޭނުންހިފީ ޒުވާން ކުޅުންތެރިން އުފެއްދުމާއި ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ކުޅުންތެރިންނަށް ހޯދައިދިނުމުގެ ގޮތުންނެވެ. ޓީމުގެ ކޯޗު އާރިއްޕެ ގަބޫލުކުރާގޮތުގައި މިއީ ކުރިއަށް އޮތް އެފްއޭއެމް ޔޫތު ލީގަށް ތައްޔާރުވުމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އިންޑިއާ އިން ފުޓްބޯޅައިގެ އެންމެ އުހަށް ދިއުމުގެ އަމާޒުގައި އެ ގައުމުގެ ފުޓްބޯޅައިގެ ގްރާސްރޫޓް ވަރުގަދަ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ނަން މަޝްހޫރު ގިނަ ފުޓްބޯޅަ ޓީމުތަކަކާ ގުޅިގެން އިންޑިއާގައި އެކެޑަމީ ހިންގަ އެވެ. މީގެ ތެރޭގައި އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކާ ގުޅިގެން ހިންގާ އެކެޑަމީތަކެއް ހިމެނެ އެވެ. އަދި ދާދި ފަހުން ޖަރުމަނުގެ ތަޖުރިބާކާރު ގޯލްކީޕަރު އޮލިވާ ހާންގެ ގޯލްކީޕިން އެކެޑަމީ އެއް ވެސް ވަނީ ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީފު
04 August 2019
ތީ ވަރަށް ވަރުގަދަ މުބާރާތެއްހެން ހީވޭ. ދަނޑުގެ ވިނަގަނޑުގެ ދިގު ކަމުންވެސް އެނގޭ . ހީ ހީ ހަލާކު ވެދާނެ
ފުންއަސަރު
04 August 2019
މަރްހަބާ މާޒިޔާ ޔޫތުޓީމު. ރާއްޖޭގެ ޔަންގް ހީރޯއިން. ފެންނަމުން މިދަނީ ޖޯޝުންފުރި އާއުންމީދެއްގެ ކޮޅުމަތި. އިރާދަކުރެއްވިއްޔާ ފައިނަލްގާ ބައްދަލުކުރާ އެފްއޭ ބެންގަލޫރުގެ މައްޗަށް ރާއްޖޭ ޓީމުން ރަނގަޅު ފައިޓެއްދީ މެޗް ކާމިޔާބު ކުރާނެ. ބޭނުންވަނީ ކުރީފަހަރުގޮތަށް މިފަހަރުވެސް ރަންމެޑެލްއާއެކު ރާއްޖޭ ފަސްގަނޑަށް އެނބުރި އައުން. މާﷲ ގެ ހެޔޮ ރަހްމަތާއެކު ރާއްޖޭގެ ޓީމަށް ފުރިހަމަ ބާރުވެރިކަންދެއްވާ، ހިތްވަރާ ޖޯޝާއެކު ކުޅުމުގެ ނަސީބު ދެއްވާށި. އާމީން.!
ޢަހުރެން
04 August 2019
ޢާނނ.. އެބަ އުފާވޭ.. ފުޓުބޯޅަ ޗޮކުހުން ދަނޔާ ދެރަވާނެ
މޮޅުމީހާ
04 August 2019
މަރުހަބާ މާޒިޔާ އެންޑް ގުޑް ލަކް
ރަދީފް
04 August 2019
މަރުހަބާ ދިވެހި ދަރީން.ގުޑް ލަކް.
އަލީ ރާޖާ
04 August 2019
މަރުހަބާ ކުދިންނޭ.