ވޮލީ ޓީމަށް ލިބުނު ސަޕޯޓުން ކޯޗަށް ހިތްހަމަޖެހުން

އެކުވެރިކަމުގެ މެޗުގައި ރޭ ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމު އަތުން ރާއްޖޭގެ ގައުމީ ޓީމު 3-1 ސެޓުން ބަލިވި ނަމަވެސް މެޗު ބޭއްވުމުގެ މަގުސަދުތަކުގެ ތެރެއިން އެއް ކަމެއް ހާސިލްވާނެ ކަމުގެ އިހުސާސްކުރެވުނު ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.


ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ލަންކާ ގައުމީ ޓީމު މާލެ އައިސް ކުޅެމުންދާ މި މެޗުތަކުން ކޯޗު ކާއްޓޭގެ ނަޒަރުގައި މިއީ ދެ ކަމެއް ހާސިލްކުރެވޭނެ މެޗެކެވެ. އެއީ އަންނަ ހަފްތާގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ އިތުރުން ގެއްލިފައި އޮތް ވޮލީގެ ފޯރި އަލުން ގެންނަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ރޭގެ މެޗަށް ފަހު ކާއްޓޭ ބުނީ އޭނާ އަށް ސަޕޯޓަރުންނާއި ވޮލީ އާއިލާގެ ތެރެއިން ފެނުނީ އުއްމީދީ މަންޒަރުތަކެއް ކަމަށެވެ.

"ވޮލީގައި ގެއްލިފައި އޮތް ފޯރި އާއި ވޮލީގެ ނުފެނި ހުރި މޫނުތަކާ އެއްޗެހި މިތަނުންް ފެނިއްޖެ. ހަމަ އާ ރޫހެއްގައި ވޮލީ ފަށައިގަނެވުނު ވަރުގެ ފީލް އެއް މުޅި ޓީމަށާއި އަޅުގަނޑުމެންނަށް ވެސް ކުރެވުނު،" ރޭގެ މެޗަށް ފަހު ކާއްޓޭ ބުންޏެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭން ތިން މެެޗެއް ކުޅެން ރާވާފައި އޮތްއިރު ފުރަތަމަ މެޗުން ހޯމަ ދުވަހު ވަނީ ތިން ސެޓުން ބަލިވެފަ އެވެ. ރަސްމީ މެޗެއްގެ ގޮތުގައި ހާއްސަވެފައި އޮތް ރޭގެ މެޗުން ރާއްޖެ ކުޅުން ރަނގަޅުކުރި ނަމަވެސް ބަލިވީ އެވެ. ކާއްޓޭ ބުނީ މި މެޗުން ބަލިވި ނަމަވެސް ޓީމުން ނެރުނު ހިތްވަރާއި ކުރި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ބަދަލެއް އައިސްފި. ޓީމުގައި މިހާރު އެ ކުޅެނީ ފުދޭ ވަރަކަށް މި ލެވަލަށް ޔަންގް (ޒުވާން) ކުޅުންތެރިން ގިނަވާނެ. ޓީމުގެ 70 ޕަސެންޓަކީ ޖޫނިއާ ކުދިން އެ ކުޅެނީ މި ލެވެލަށް. ވިޝާމަކީ ވެސް މި ލެވެލަށް ބަލާއިރު މާ ބޮޑު އެކްސްޕީރިއަންސެއް ލިބިފައިވާ ސެޓަރެއް ނޫން. ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" ކާއްޓެ ބުންޏެވެ.

ރޭގެ މެޗު ނިމިގެންދިޔައީ ވޮލީ އަށް ހިތާމަވެރި އެހެން ހަބަރަކާ އެކު އެވެ. އަންނަ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ރިޓަޔާކުރާ ހަބަރެވެ. މެދުނުކެނޑި 15 އަހަރު ގައުމީ ޓީމަށް ކުޅުނު ލޯންގޭ ދިއުމުން އެ މަގާމަށް ކުޅުންތެރިއަކު އުފައްދަން ޖެހޭއިރު، ކާއްޓޭގެ ނަޒަރުގައި އެ ކަމުގައި ލޯންގޭ ވެސް ބައިވެރިވާނެ އެވެ.

"ލޯންގޭ އަކީ 12 ނޫނީ 15 ވަރަކަށް އަހަރު ތެރޭގައި ރާއްޖެ އަށް ވޮލީގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެކަކު. ހަގީގަތަކީ އެއްގޮތަކުން ބަލާއިރު ވަރަށް ދެރަވެސްވޭ. އަނެއް ގޮތަކުން ބަލާއިރު އުފާވަނީ އޭނާ މުޅިން ވޮލީއާ ދުރެއް ނުވާނެ. ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ނުފެނުނަސް އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް ކޯޗިން ސްޓާފެއްގެ ގޮތުގައި ފެންނާނެ ކަމުގެ،" ކާއްޓެ ބުންޏެވެ.

ކާއްޓޭ ބުނީ ލަންކާއާ ދެކޮޅަށް ވެސް ފެނުނު އެންމެ ބޮޑު މައްސަލަ އަކީ ސެޓުތައް ނިންމާލަންޖެހޭ ހިސާބުގައި ހެދޭ ގޯސްތައް ކަމަށެވެ. އަދި އެކަން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުންޏެވެ.

މިރޭގެ މެޗު އިތުރަށް ފޯރިގަދަކުރަނީ

މީގެ ކުރިން ރޭވިފައި އޮތީ ލަންކާއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ ތެރެއިން ރޭގެ މެޗު ރަސްމީ މެޗެއްގެ ގޮތުގައި ގެންދާށެވެ. އޭގެ ކުރީ ރޭގެ މެޗާއި މިރޭގެ މެޗު ޓްރެއިނިން މެޗެއްގެ ގޮތުގައި ބާއްވާށެވެ. އެކަމަކު މިހާރު މިރޭ ކުޅޭ މެޗު އިތުރަށް ފޯރިގަދަކުރަން ވަނީ ރާވައިފަ އެވެ. ރޭގެ މެޗަށް ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ވ. އަތޮޅާއި މާލެ އަތޮޅުން އަދި ރިސޯޓްތަކުން އަންނަން ހަމަޖެހިފައި އޮތް ސަޕޯޓަރުންނަށް ނާދެވުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު ވަނީ މިރޭ އެ ސަޕޯޓަރުންނާ އެކު ފޯރިގަދަ މެޗެއް ކުރިއަށްގެންދިއުމަށް ރާވަމުންނެވެ.

ރޭގެ މެޗަށް ފަހު ސްޕޯޓްސް މިނިސްޓަރު މަހުލޫފް އިންޓަވިއުދެނީ.-- ފޮޓޯ: ނިޝާން އަަލީ/ މިހާރު

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ރޭގެ މެޗުގައި ނުފެނުނު ވަރުގެ ސަޕޯޓެއް މިރޭ ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ މަސައްކަތް މި ކުރަނީ ހަމަ އެ ފޯރިގައި ފަހު މެޗަށް. މި މެޗުގައި ވީހާވެސް ގިނަ ރައްޔިތުން އައިސް އަޅުގަނޑުމެން ޓީމަށް މި ކިކުގައި ސަޕޯޓް ކޮށްދިނުން އެދެން. ކުޅިވަރަކީ މޮޅާ ބައްޔާ އޮންނާނެ އެއްޗެއް. ކުރިން ވެސް ބުނަމުން މިއައީ ރާއްޖޭގައި ވޮލީގައި ނެތް ލަންކާ އަތުން މޮޅުވެފައެއް. ފުރަތަމަ މެޗުން ތިން ސެޓުން ބަލިވީ. ދެ ވަނަ މެޗުން އެއް ސެޓު ހޯދައިފި. މެޗު ވާންކޮށް ގޮސްފި. މި އިނގެނީ މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެކަން. މި ހިސާބުން ނުނިންމައި ދެން ވެސް މަސައްކަތްކުރަންވީ،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު އިސްވެ މިހާތަނަށް ވަނީ ވޮލީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އެ ގޮތުން ދާދި ފަހުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުސަތު ދިނެވެ. މިއީ ރާއްޖޭގެ ޓީމެއް ޔޫރަޕްގައި ތަމްރީންތަކެއް ހެދި ފުރަތަމަ ފަހަރެވެ. ސެންޓްރަލް ޒޯނުން ރަން މެޑެއްޔަކަށް ވޮލީ ޓީމު ޓާގެޓްކޮށްފައިވާއިރު، މަހުލޫފް ވިދާޅުވީ އެ މުބާރާތަށް ފަހު ވެސް ވޮލީ ޓީމަށް އެހީތެރިވުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށެވެ.

"ސެންޓްރަލް ޒޯނަށް ފަހު ވަގުތު އޮތް ވަރުން ސާފް ގޭމްސް އަށް ވެސް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދޭނަން. ކުރަން ހުރި ކަންތައްތައް ވަރަށް ގިނަ ރާވަން ހުރި ކަންތައްތައް ވެސް ހިމެނޭ. ވަރަށް މަސައްކަތްކުރާނަން ސެންޓްރަލް ޒޯން ނިންމާފައި ރަނގަޅު ކޭމްޕެއް ދިނުން ނުނީ އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުން މިއީ ވެސް ވިސްނުމުގައި ހުރި ކަންތައްތައް. އެންމެންގެ މަޝްވަރާއާ އެކު ކުރިއަށްދާނީ،" މަހުލޫފް ވިދާޅުވި އެވެ.

ގައުމީ ޓީމު ސެންޓްރަލް ޒޯނަށް ފުރާނީ މާދަމާރޭ އެވެ. މުބާރާތުގައި ހަތް ޓީމު ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ނޭޕާލާއި ކިރްގިސްތާނާ އެކު ތިން ޓީމު ވާދަކުރާ ގްރޫޕުގަ އެވެ.