މާލެ: މާޗް 4، 2017: ޓީސީ ސްޕޯޓްސް ކުލަބުން "ޝެއިހް ކަމާލް ކަޕް" ކާމިޔާބު ކުރުމަށްފަހު ރާއްޖެ އައުމަށްފަހު، އިއްޒުއްދީން ފާލަމުގައި ތައްޓާއެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އޯގަސްޓް 2019 - 08:43
ބަންގްލަދޭޝްގައި ބާއްވާ ބައިނަލްއަގްވާމީ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޝެއިޚް ކަމާލް ކަޕުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވާން އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ޗިޓަގޮންގުގައި އޮކްޓޫބަރު 18-30 އަށް ބާއްވަން ތާވަލުކޮށްފައިވާ މުބާރާތުގެ ކޮމިޓީ ކޯޑިނޭޓަރު ޝަކީލް މުހައްމަދު ޗައުދަރީ ބަންގްލަދޭޝްގެ ޑާކާ ޓްރިބިއުން އަށް ބުނެފައިވާ ގޮތުގައި ޓީސީން ވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނޯ އޮބްޖެކްޝަން ލިޔުމާ އެކު މުބާރާތުގައި ވާދަކުރަން ލިޔެކިޔުންތައް ހުށަހަޅައިފަ އެވެ.
ޓީސީގެ އިތުރުން މުބާރާތުގައި ދެން ވާދަކުރާނީ ބަންގްލަދޭޝާއި އިންޑިއާ އިން ކޮންމެ ގައުމަކުން ތިން ކްލަބް އަދި ތައިލެންޑް ކްލަބެކެވެ. ބަންގްލަދޭޝުން ވާދަކުރާނެ ކަމަށް ބެލެވެނީ ބަންގްލަދޭޝް ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ޑާކާ އަބަހާނީ ލިމިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި ޗިޓަގޮންގް އަބަހާނީ އެވެ. މީގެ ތެރެއިން ބަޝުންދުރާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓާ އެކު ކާމިޔާބު ހޯދި ސްޕެއިނުގެ އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ޓީމެވެ.
އިންޑިއާ އިން ވާދަކުރާނެ ކަން ކަށަވަރުވެފައިވަނީ ވެސްޓް ބެންގާލަށް ނިސްބަތްވާ މޯހަން ބަގާން އާއި ކަލްކަތާ މުހައްމަދީން އެވެ. އީސްޓް ބެންގޯލުން ވެސް އަނގަ ބަހުން އެއްބަސްވެފައިވާއިރު ވަރަށް އަވަހަށް ފައިނަލް ޖަވާބް ދޭނެ ކަމަށް ޝަކީލް ބުނެފައިވެ އެވެ. ތައިލެންޑުން ފުރުސަތު ދީފައިވާ ބެންކޮކް ޔުނައިޓެޑުން ވެސް ދެ ތިން ދުވަހެއްގެ ތެރޭ ޖަވާބު ދޭނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތް ފެށި އަހަރު ކަމަށްވާ 2015 ގައި ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އީސްޓް ބެންގާލް ބަލިކޮށް ބަންގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ ލިމިޓެޑެވެ. ޓީސީން ޗެމްޕިއަންކަން ހޯދީ 2017 ވަނަ އަހަރު ދެކުނު ކޮރެއާގެ އެފްސީ ޕޮޗެއޮން ބަލިކުރުމަށް ފަހު އެވެ. އޭގެ ފަހުން އެ ކްލަބުން މިދިޔަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ނަމަވެސް މި އަހަރު ޓީމު އޮތީ ބަދަލުވެފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) ފަދަ ކުޅުންތެރިން ކްލަބް ދޫކޮށްލާފައިވީ ނަމަވެސް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި ތަކުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ހުރީ އެ ކްލަބުގަ އެވެ. އަދި ޝެއިޚް ކަމާލް ކަޕް ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ބަދަލުގައި ކޯޗުކޮށްދެނީ މުހައްމަދު އާތިފް (އާތީ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑޭ
16 August 2019
އެފްއޭއެމަށް ނުކެރެއެ މިފަދަ މުބާރާތެއް ވެސް ބާންވާލަށް. ބޮންދުންވެސް މާ މޮޅު މި އެފްއޭއެމްގަ ތިބޭ ރޯނު އެދުރުންނަށް ވުރެ
ރަދީފް
17 August 2019
މަނިކްފާނަށް ހީވަނީތަ ބަންގްލަދޭޝްއެއީ އާދައިގެ ގައުމެއް ކަމަށް؟؟؟ ރާއްޖެއަށް އައިސްތިބި ބަންގްލަދޭޝް މަސައްކަތު މީހުން ޕޯޓްރެއި އެކުރަނީ މުޅި ބަންގްލަދޭޝްގެ އަސްލު މަންޒަރެއް ނޫން.
އާމިރު
16 August 2019
އެނެއްކަ ލީގު މެދު ކަޑާލަށް ޖެހެނީ ދޯ