01 ސެޕްޓެމްބަރ 2019 - 11:34
ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ރަށުން ބޭރުގައި ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ޓީމު ނުކުންނާނީ އެކުވެރިކަމުގެ އެއްވެސް މެޗެއް ނުކުޅެ އެވެ.
ގުއާމަށް ދިއުމަށް ޔޫއެސް ވިސާ ނަގަން ސްރީ ލަންކާގައި ދިގު މުއްދަތަކަށް ތިބެން ޖެހޭތީ ގައުމީ ޓީމު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮތީ އެ ގައުމުގައި ކޭމްޕްކޮށްފަ އެވެ. ބެލެވިފައި އޮތީ އެ ގައުމުގައި ތިބޭ އިރު މެޗެއް ނުވަތަ މެޗުތަކެއް ކުޅޭނެ ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެ ޓީމުން އެދުނީ، ރާއްޖޭން ޕްރެކްޓިސް ފެށިތާ ދެ ވަނަ ދުވަހު ކުޅެން ކަމަށްވުމުން އެ ފުރުސަތު ދޫކޮށްލީ ކަމަށެވެ. އެއީ އެކަށީގެންވާ ޕްރެކްޓިހެއް ނުކޮށް މެޗެއް ކުޅެގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ކޯޗު ޕީޓާ ސެގާޓަށް ފެނުމުންނެވެ.
އޭގެ ފަހުން ލަންކާ އިން ވަނީ ބަހުރޭނުގައި ކޭމްޕްކޮށް، ރޭ ޔޫއޭއީއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ލަންކާ 5-1 އިން ބަލިވީ އެވެ. ލަންކާ ތައްޔާރުވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހު އަމިއްލަ ގައުމުގައި، ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތް ޗައިނާ އިން ވަނީ މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެއް ތައްޔާރުވާން ހުކުރު ދުވަހު މިޔަންމާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޗައިނާ 4-1 އިން ވަނީ މޮޅުވެފަ އެވެ.
ފުރަތަމަ ޑިވިޝަނުގެ ކޯޗަކު ނަން ނުޖަހާ ގޮތަށް ބުނީ ޕްރެކްޓިސް މެޗެއް ނުކުޅެ ވަރުގަދަ ދެ މެޗާ ރާއްޖެ ކުރިމަތިލާއިރު ކޯޗު ބޭނުންވާ ކުޅުން ނެރެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
"ގާތްގަނޑަށް 22 ދުވަހުގެ ޕްރެކްޓިސްތަކަށް ފަހު ގުއާމް މެޗާ އެ ކުރިމަތިލަނީ. އެއްވެސް މެޗެއް ނުކުޅެ ހަމައެކަނި ޕްރެކްޓިސްކޮށްލައިގެން ކިހިނެއް ކޯޗު ބޭނުންވާ އެއްޗެއް ނެރެވޭނީ؟،" އޭނާ ސުވާލު އުފެއްދި އެވެ.
އެކުވެރިކަމުގެ މެޗެއް ނުކުޅޭތީއާ އަދި ގުއާމާއި ޗައިނާ މެޗުގައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ނުދެވޭނެތީ، ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން އެނބުރި ކްލަބްތަކާ ގުޅޭއިރު ތިބޭނީ މެޗެއް ނުކުޅެ ސާޅީހަކަށް ދުވަސްވެފަ އެވެ. އެއީ ވެސް އެ ކޯޗުގެ ކަންބޮޑުވުމެކެވެ.
"ކްލަބްތަކުން ގައުމީ ޓީމަށް އިސްކަންދޭން ވެގެން ކުޅުންތެރިން ވީއްލީ ވަރަށް ކުރިން. އެކަމަކު ބައެއް ކުޅުންތެރިން އެނބުރި އަންނައިރު މެޗެއް ނުކުޅެ ވަރަށް ގިނަ ދުވަސްވެފައި ތިބޭނީ. އެއީ ކްލަބްތަކަށް ލިބޭނެ ގެއްލުމެއް،" އޭނާ ބުންޏެވެ.
ގައުމީ ކޯޗު ސެގާޓް ވަނީ ދިގު މުއްދަތަކަށް ފަހު ލީގު ފެށުމުން ކުޅުންތެރިންގެ ފިޓްނަސް ދަށް ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. އެކަމަކު އެ ކޯޗު ބުނީ، ޕްރީ ސީޒަނާއި ލީގާއި އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ އެކު، ގައުމީ ޓީމުގެ ކުޅުންތެރިން ގާތްގަނޑަކަށް ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެފައިވާނެ ކަމަށާއި ފިޓްނަސް ނެތް ނަމަ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ފިޓްނަސް ނެތި އެއް މެޗު ކުޅެވިދަނެ. އެކަމަކު އެ ކުޅުންތެރިން މި ސީޒަނުގައި ޖުމްލަ ވިއްސަކަށް މެޗު ކުޅެފި ޕްރީ ސީޒަނާއި ލީގާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ އެކު. އެހެންވީމާ ފިޓްނަސް ނެތުމުގެ އުޒުރެއް ދެއްކޭނެ ޖާގައެއް ނޯންނާނެ،" އެ ކޯޗު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަވާްއު
02 September 2019
މީނަ މަށަށް ޖަހަނީ ބޮޑަށް ސައިންޓިސްޓަކާ. ފިސާރި އެކްސްފެރިމަންޓް އެބަ ހަދާތާ! އޮޅިގެން ގެނެވިފަ ހުރީ ސައިންޓިސްޓެއް. ރޮކެޓް ސައިންސް ތަ؟ ހެހެ.
ޙަމްދާ
02 September 2019
ސެގޯޓް ރަށަށް. ބަންސާނު ވެމްކޯޔަށް
އަތަ
01 September 2019
ނޫސްވެރިންނާއި، ދިވެހި ކޯޗުން ތިހެން ފާޑުކިޔަކިޔަ ތިއްބާ އެންމެފަހުންވެސް ތަށި ނެގީ
ލޮލް ލޮްލް
02 September 2019
ގުރުއަތުން
ނޯޑާ
02 September 2019
ޓަށިނެގީ ކޮން މުބާރާތަކުން އިންޑިއާގެންދިޔަޢީ 19 އަހަރުން ދަށުގެޓީމެއް
އަބްދުލްމާރިކް
01 September 2019
އެކުވެރިކަމުގެ މެޗެއް ކުޅުނަސް ނުކުޅުނަސް ވާނީ ބަލި... ރަނގަޅު އަހަރެމެން ޓެކްސް ޕޭޔަރުންގެ މުސާރަކޮޅު ސަލާމތްކޮށްދީ މެޗުނުކުޅުނުކަން...
ކަލޯ ޕިސްޓަނާ
01 September 2019
ބައްސާމު މިހާވަރުން ލީގު މެދުކަނޑާލައިން އުޅުނީ މިގަޑު ގަންނަން. ޕްރެކްޓިސް އެންމެ މެޗުގަޑެއް ނުކުޅެ. މީނަ ބޭރު ކުރޭ މިތަނުން.
ބާބާ
01 September 2019
ލީގު އެތަކެއް ދުވަހަށް މެދުކަނޑައިގެން ދުރާލާ ތައްޔާރުވާން އުޅުމުން އަހަރެމެން އެންމެން ހީކުރީ އޯއައިޖީގެ ހިތި ހަނދާންތަށް ފުހެލާ ރަގަޅު ފެށުމަކުން ފަށާ ޓީމު ވީއެންމެ ފުރިހަމައަށް ތައްޔާރު ކުރަނީކަމަށް. މިހާރު މިކިޔަނީ ޕްރެކްޓިސް އެއްވެސް މެޗެއް ނުކުޅެއޭ މިދަނީ. ހެޔޮނުވާނެ ގައުމީޓީމަށް ކިހިނެއް ހަދަން ކަމަށް ހަދަންތަށް އެފްއޭއެމްއިން ވިސްނަނީ؟ ދެން ބަލިވާ ހެދީމާ ކުއްވެރި ކުރާނީ ވިސާ ވިސާނަގަން އުނދަގުވީމައޭ.
ނަދޫ
01 September 2019
ވޯލްޑްކަޕަށް ކޮލިފައިވެ އެއްކޮޅުން ފައިނަލެ 100އަހަރުވިޔަސް ތިކަމެއްނުވާނެ މިއުޅެނީ ބަންގާޅުންނާ ކުލިގެން މޮޅުނުވެވިގެން މީފައިގަ ބޯޅަ ގިނަފަހަރަށް ލައްވާނުލާބައެއްވެސް ނޫން
ޔާގޫތު
01 September 2019
ތިހާވަރުން ތިހެން އުޅެނިކޮށް ވޯލްޑްކަޕަށް ކޮލިފައިވެ އެއްކޮޅުން ފައިނަލަށް ގޮއްސިއްޔާ އޮންނާނީ ރީތިވެފަ. އޭރުން ތިޔަކަމަކަށް ހަރަދުކޮށްކޮށް ގައުމު އޮންނާނީ ބަނގުރޫޓުވެފަ.
އައްމި
01 September 2019
ދަނގަޑޭ ނުލާ ކުޅޭ މެޗު ބަލަން ނުދާނަށް
ކޯބެ
01 September 2019
ގުރޫޕްގަ އޮތް އެންމެ ބަލިކަށި ޓީމް އަތުން ވާނީ ބަލި