07 ސެޕްޓެމްބަރ 2019 - 14:10
އަހުމަދު ޝަރަފަކީ މި ޖީލުގެ ދުވުންތެރިންގެ ތެރެއިން ވަރަށް ހާއްސަ ދުވުންތެރިޔެކެވެ. މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާލީ އޭނާ އެވެ. އޭގެ ފަހުން ހާފް މެރެތަން ރެކޯޑް ވެސް މުގުރާލި އެވެ. އެކަމަކު ރާއްޖޭން ބޭރުން ތަމްރީން ފުރުސަތުތައް ލިބިމެ، ފަހަކަށް އައިސް އެކަށީގެންވާ ނަތީޖާއެއް އޭނާ އަށް ނުނެރެވޭތީ ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ހާފް މެރެތަން އިވެންޓުގައި މެޑެއްޔަކަށް ވާދަކުރެވޭ ވަރަށް ވުރެ ފަހަތުގައި އޮތުމާއި އަދި ރޭސް ހުއްޓާލަން ޖެހުމެވެ. އަދި ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރު ދުވުމުގައި ވާދަކުރުމަށް ފަހު ވަކި ހިސާބަކުން ރޭސް ދޫކޮށްލުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. އިއްޔެ އޭނާ ޓްރެކުން ފޭބީ ހޫނު ގަދަވުމުން ކަމަށް ބުނެ އެވެ. ރިކްރިއޭޝަނަލް ވަރަށް ގިނަ ދުވުންތެރިން ވެސް ރޭސް ފުރިހަމަކުރި އިރު ޝަރަފަށް އެވަރު ނުވުމުން ސޯޝަލް މީޑިއާގައި އޭނާ އަށް ވަނީ ފާޑުކިޔައިފަ އެވެ. ވަނައެއް ނުލިބިދާނެތީ އޭނާ ރޭސް ދޫކޮށްލީ ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ.
އެ ފާޑުކިޔުންތަކަށް ޝަރަފް ވަނީ މިއަދު ޖަވާބުދީފަ އެވެ. ޝަރަފް "މިހާރު"އަށް ބުނީ އޭނާ ތައްޔާރުވާ އިވެންޓްތަކަކީ މެރެތަން އާއި ހާފް މެރެތަން ކަމަށް ވުމުން މިޑްލް ޑިސްޓެންސް އިވެންޓްތަކުން ކާމިޔާބު ހޯދުން އެއްކިބައިގައި އޮއްވާ، ވާދަކުރުމަކީ ވެސް ލާޒިމް ކަމެއް ނޫން ކަމަށެވެ.
އެކަމަކު މާލޭގައި ހުރި ދުވަސްކޮޅަކާ މުބާރާތާ ދިމާވުމުން ވާދަކުރީ ކަމަށާއި ހުއްޓާލީ މިދިޔަ ހަތަރު އަހަރު ތަމްރީން ހެދި މޮރޮކޯގެ ފިނިހޫނުމިން ހުރި ވަރާ ބަލާއިރު އިއްޔެ ހޫނު ގަދަވުމުން އެއަށް ހަށިގަނޑު ނުހޭނި ދަތިތަކެއް ދިމާވުމުން ކަމަށް ޝަރަފް ބުންޏެވެ.
"އަޅުގަނޑު މިޑްލް ޑިސްޓެންސް އިވެންޓެއްގައި ވާދަނުކުރާތާ ހަތަރު އަހަރު ވެދާނެ. ޓްރެކަކަށް ނާރާތާ ވެސް އެހާ ދުވަސް ވެދާނެ. އަނެއްކާ މިދިޔަ ހަތަރު އަހަރު ތަމްރީން ހެދީ މޮރޮކޯގައި. އެތަނުގެ މާހައުލާ ރާއްޖޭގެ މާހައުލު ވެސް ތަފާތު. މިދުވަސްކޮޅު މާލޭގައި މި ދުވަނީ ވެސް ފަތިހާއި އިރުއޮއްސޭ ގަޑީގައި. އެހެންވެ އިއްޔެ ހޫނުގައި ދުވަން ދަތިވި،" ޝަރަފް ބުންޏެވެ.
ގައުމީ ހާފް މެރެތަން ޗެމްޕިއަންޝިޕުން 2014 ގައި ދެ ވަނަ ހޯދި ޝަރަފް ބުނީ އޭނާ އަމިއްލަ އަށް ސަބަބެއް ނެތި ރޭސް ދޫނުކުރާނެ ކަމަށާއި އައިއޯއައިޖީގައި ވެސް ހުއްޓާލަން ޖެހުނީ ބޭރަށް ހިންގުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތަކެއް ދިމާވުމުން ކަމަށެވެ.
"އެތުލީޓުން ބަލި ވެސް ވާނެ. އެތުލީޓުންނަށް ނާކާމިޔާބު ދުވަސްތައް ވެސް އަންނާނެ. ދުނިޔޭގެ މަޝްހޫރު ދުވުންތެރިން ވެސް އެބަހުރި ރޭހުގެ މެދުތެރެއިން ހުއްޓާލާފައި. ބެކެލޭ ދުނިޔޭގެ ރެކޯޑް ހަދަން ދެ ފަހަރު ނުކުމެ ފެއިލްވި،" މާޔޫސްވެފައި ހުރެ ޝަރަފް ބުންޏެވެ.
"އެފަދަ ހާލަތްތަކުގައި ހިތްވަރު ދިނުމުގެ ބަދަލުގައި ރާއްޖޭގެ ކުޅިވަރުގެ ބައެއް މީހުންގެ ފަރާތުން ފެންނަނީ މަލާމާތްކުރާތަން."
އޭނާ ތުހުމަތުކުރާ ގޮތުގައި ރާއްޖެ އިން ފެންނަ އަނެއް މަންޒަރަކީ ވަކި ބަޔަކު ޕްރޮމޯޓްކުރަން އުޅޭ ތަނެވެ. އަދި ދެން ތިބޭ އެތުލީޓުންނާ އެކި ގޮތްގޮތަށް ދިމާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރިކްރިއޭޝަނަލް ކްލަބެއް ކަމަށްވާ މޭޑް ރަނާސްގެ ތެރެއިން 2010 ވަނަ އަހަރު ދުވުމުގެ ތެރެއަށް ނުކުތް ޝަރަފުގެ ފެންވަރު ފެނި އޭނާ އަށް ރާއްޖޭން ބޭރުން އެންމެ ފުރަތަމަ ފުރުސަތު ހޯދައިދިނީ އޮލިމްޕިކް ކޮމިޓީންނެވެ. އެ ފުރުސަތުގައި މޮރޮކޯ އާއި އިތިއޯޕިއާގައި ތަމްރީން ހަދައި މާޗު 2017 ގައި އޭނާ ވަނީ ރާއްޖޭގެ ޒަމާންވީ މެރެތަން ރެކޯޑް މުގުރާލައިފަ އެވެ. އަދި ފަހުން ހާފް މެރެތަން ރެކޯޑް ވެސް މުގުރާލި އެވެ.
މިވަގުތު އެ ދެ ރެކޯޑް ވެސް އޮތީ ޝިފާޒް މުހައްމަދުގެ އަތުގަ އެވެ.
ޑިސެމްބަރު މަހު އޮންނަ ސައުތު އޭޝިއަން ގޭމްސް އިން ޝަރަފަށް ފުރުސަތު ނުލިބިދާނެ އެވެ. އެކަމަކު އައިއޯއައިޖީ އަށް ތައްޔާރުވަން ޖެނުއަރީން ޖުލައި އަށް ސްޕޯޓްސް މިނިސްޓްރީން މޮރޮކޯ އިން ފަހިކޮށްދިން ތަމްރީން ފުރުސަތު އިތުރަށް ކުރިއަށް ގެންގޮސްދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ޝަރަފް ބުންޏެވެ. އޭގެ ފަހުން މިނިސްޓްރީން ޖަވާބެއް ނުދޭތީ ޝަރަފް މިވަގުތު ތަމްރީން ހަދަނީ މާލޭގައި އަމިއްލަ އަށެވެ.
"އިއްޔެ ގައުމީ މުބާރާތުގައި ދުވެލީ ވެސް މާލޭގައި މިވަގުތު ހުރީމާ. އަޅުގަނޑުގެ ހުރިހާ ފޯކަސްއެއް ހުރީ މެރެތަން އާއި ހާފް މެރެތަން އަށް،" ޕުކެޓް މެރެތަންގެ އުމުރުފުރާގެ ކެޓަގަރީން 2013 ގައި ތިން ވަނަ ހޯދި ޝަރަފް ބުންޏެވެ.
"މިނިސްޓްރީގެ ޖަވާބެއްގެ އިންތިޒާރުގައި މިހުރީ."
އޭނާ ބުނީ އެއްވެސް ފަރާތެއްގެ އެހީ ނުލިބުނަސް ޑިސެމްބަރު މަހު އަމިއްލަ ގޮތުން ވެސް ފުލް މެރެތަންއެއް ޖަހާނެ ކަމަށެވެ. އަދި ކިތަންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިޔަސް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.
ޝަރަފާ މެދު 2015 ގައި އޮލިމްޕިކް ކޮމިޓީން ކޮށްފައިވަނީ ތިން އުއްމީދެކެވެ. އެއީ މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައިވުމާއި މި އަހަރުގެ އައިއޯއައިޖީން މެޑަލެއް ހޯދުމަށް ފަހު އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެ ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތެއް ނުލިބުނެވެ. ދެ ވަނަ އަމާޒު ކަމަށް ވާ އައިއޯއައިޖީން މެޑަލްއާ ހަމައަކަށް ވާސިލެއް ނުވެވުނެވެ. އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު ނެތުމާ އެކު، މި ވަގުތު ޝަރަފަށް އޮތީ އަނެއްކާވެސް އާ އަމާޒުތަކާ އެކު މަސައްކަތް ކުރިއަށް ގެންދިއުމެވެ.
"މި ހިސާބަށް އައުމަށް ވެސް އަމިއްލަ އަށް ވަރަށް ގިނަ މަސައްކަތްކުރިން. އަމިއްލަ ޖީބުން ހަރަދުކޮށްފައި ވެސް ހުންނާނެ. ކޮންމެ ގޮތެއް ވިޔަސް ކުރިއަށްދާން މިހިރީ،" ޝަރަފް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސޭ
07 September 2019
އަމެޗާ ދިގު ދުވުންތެރިއެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ، ވާނުވާނޭނގޭ ދިވެހިންގެ ބަހެއް އަހާނެކަމެއްނެތޭ، ހިތްވަރާއެކު ކުރިއަށް ގެންދާށޭ. އެމީހުން ކޮފީމޭޒަށްއަރާ ދައްކާ ބޭކާރު ވާހަކަތަކަކީ އެއްވެސް އަގެއްނެތް އެއްޗެއް، ހުސް ހަޅޭއްލެވުންތަކެއް.
ބޮންދު
07 September 2019
ބަންގާލިމީހާއަށް އަސަރެއްކޮއްފިދޯ.. ދިވެހިންނާ ނުބެހެއްޗޭ.
ސައީ
07 September 2019
ފުލީ ސަޕޯޓް ޔޫ ޝަރަފް.. ތަނެއްގަ މުބާރާތެއް އޮތެކޭ ކިޔާފަ ނުޖެހޭ ދުވާކަށް އަދި ކޮންމެ އަހަރަަކު މެޑަލް ދިފާއު ކުރާކަށްވެސް ނުޖެހޭނެ.. ތިމާގެ ސިއްހަތާއި ކަންކަމަށް އިސްކަންދީގެން ކަންކަން ރަނގަޅުކުރަން ވިސްނައިގެން ނޫނީ ކޮންމެހެން ބައިވެރި ވާނެ ކަމެއް ނެތް.. އަމިއްލަ ހާލަތު އެގޭނީ ތިމާއަށް.. އެތްލީޓަކަށްވިޔަސް އަމިއްލަ މިނިވަންކަންވެސް އޮންނަންވާނެ.. އަބަދު ކޮންމެހެން މޮޅުވާކަށްވެސް ނުޖެހޭ...
ޙޖގޗ
07 September 2019
ބޮޑާކަމުގެ ނަތީޖާ