19 ސެޕްޓެމްބަރ 2019 - 15:59
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިހުސާން އަބްދުލްޣަނީ (ސާންތީ) އިސްތިއުފާ ދީފި އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވަނީ އެކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދިނީ މަގާމުން ވަކިކުރަން ނޯޓިސް ދިނުމުންނެވެ.
އެނގިފައިވާ ގޮތުގައި އެފްއޭއެމުން ނޯޓިސް ދިނީ ފުރަތަމަ ޑިވިޝަނުގެ ވަރަށް ގިނަ ކްލަބްތަކުން ވަނީ އޭނާ ވަކިކޮށްދޭން އެދުމުންނެވެ. ކްލަބްތަކުން ހިތްހަމަނުޖެހުނީ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ރޭވުމުގައި ކްލަބްތަކުގެ މެދުގައި ތަފާތުކުރުންތައް ގެންއުޅޭ ކަމަށް ބުނެ އެވެ. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ ގުޅޭ ގިނަ މަސައްކަތްތަކެއްގައި ފުޓްބޯޅައިގައި ކްލަބްތަކާ ގުޅުން ކުޑަ ގޮތަކަށް ސާންތީ އަމަލުކުރާ ކަމަށް ވެސް ކްލަބްތަކުން ތުހުމަތުކުރެ އެވެ.
މިކަމާ ބެހޭގޮތުން ސާންތީގެ ބަހެއް ހޯދަން މިއަދު ހެނދުނުން ފެށިގެން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ސާންތީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ 2017 ވަނަ އަހަރުގެ މެދުތެރޭގައި ގުޅުނީ އޭރު އޭނާ ކޯޗުކޮށްދިން ކްލަބް އީގަލްސް އަށް ލީގުން ފުރުސަތު ނުލިބުމުންނެވެ. އެންމެ ފުރަތަމަ އެފްއޭއެމުގައި ކުރި މަސައްކަތަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމެވެ. އޭގެ ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް އަދާކުރުމަށް ފަހު، ފަހުން ޓެކްނިކަލް ޑިރެކްޓަރުކަމާ ހަވާލުވީ އެވެ.
އެ މަގާމުގައި އޭނާ ވަނީ ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ. އެފްއޭއެމުން ޒުވާން ކުޅުންތެރިން ކުރިއަރުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަކީ ވެސް އޭނާގެ ބެލުމުގެ ދަށުން ތައާރަފްކުރި ޕްރޮގްރާމެކެވެ. މީގެ އިތުރުން ޔޫތު ލީގާއި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފަށާއި ހިންގީ ވެސް ސާންތީ އެވެ. މިހާރުގެ ގައުމީ ކޯޗު ޕީޓާ ސެގާޓް އެ މަގާމަށް ހަމަޖެއްސީ ސާންތީގެ ޓެކްނިކަލް ޑިރެކްޓަރުކަމުގަ އެވެ. ސެގާޓުގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިއެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
19 September 2019
ފޮނިބޮޑާމީހެއް ސާންތިއަކީ މަކާމު ލިބުނީމް ފެންންކަމަކަށްނުވޭ ކޮންމެމީހަކަށްވެސްވަގުތު އަންނާނެ
ރަދީފު ބިން ރަފައިދާ
19 September 2019
ކޮންއިރަކުން ގައުމީ ބޯޅަޓީމުގެ ކޯޗު ވަކިކުރަނީ. އޭނާއާ ދެކޮޅަށް މައްސަލަޖައްސާނެމީހަކު ނެތްތަ؟
ސިމާޒް
19 September 2019
މާ ލަސް ވެއްޖެ! ބައްސާމު ކަލޭ އަޅެ ކޮން ދުވަހަކުން ތަ އިސްތިއުފާ ދޭނީ! އިންތިހާބަށް ވަރަށް ރެޑީ ވާ ކަން ފާހަގަ ކުރެވޭ!