25 ސެޕްޓެމްބަރ 2019 - 20:39
ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ ގެ އަހަރީ އާއްމު ޖަލްސާގެ ހަވާސާގެ ތެރެއިން ނޫސްވެރިންގެ ސުވާލުތައް ލީޑަރުންނަށް އަމާޒުވަނީ ހާރިޖީ ސިޔާސަތުތަކާއި މޫސުމީ ބަދަލުތަކާއި އިގްތިސާދީ ދާއިރާ އިންނެވެ. އެ ބައްދަލުވުމަށް ވަޑައިގެންހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވިއޮން ޓީވީ އަށް މިއަދު ދެއްވި އިންޓަވިއު ތައާރަފްކުރަމުން ޕްރެޒެންޓަރު ވެސް އަލިއަޅުވާލީ އެކަންކަމަށެވެ. ދެ ގައުމުގެ ގުޅުންތަކާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކުރެވޭ އިންޓަވިއުއެއް ކަމަށެވެ.
ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން ވާހަކަދެއްކުމަށް ފަހު ނޫސްވެރިޔާ ސިދާންތު ޝިބާލް ދެން ސުވާލުކުރީ ކްރިކެޓާ ގުޅޭ ގޮތުންނެވެ. ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ހާރިޖީ ގުޅުންތައް ގާއިމްކޮށް އާލާކުރުމަށް އިންޑިއާ އިން ބޭނުންކުރާ އެއް ހަތިޔާރަކީ ކްރިކެޓް ޑިޕްލޮމެސީ އެވެ. އާ ސަރުކާރާ އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ، އެ ގުޅުން ވަރުގަދަކުރުމަށް ޖަހާފައިވާ އެއް އިއްޔަކީ ކްރިކެޓެވެ. އިންޑިއާ ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދީ ރާއްޖޭގެ ކްރިކެޓް ޓީމު ތަމްރީންކޮށްދޭން ނިންމައިފަ އެވެ.
އިންޓަވިއުގައި ޝާހިދު ވިދާޅުވީ ކްރިކެޓަށް ލޯބިކުރާ އާބާދީއެއް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށާއި އިންޑިއާ އަކީ ކްރިކެޓުގައި ދުނިޔޭގެ އެންމެ ވަރުގަދަ ގައުމަށް ވުމާ އެކު އެ ގައުމުން ފޯރުކޮށްދޭ އެހީއާ އެކު ދުނިޔޭގެ ފެންވަރުގެ ޓީމަކަށް ރާއްޖެ ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ތި ގައުމުގެ ކްރިކެޓް ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު. ދުނިޔޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިން ވެސް (އިންޑިއާ ޓީމުގައި) ހިމެނޭ. އަދި އެންމެ ފެންވަރު ރަނގަޅު ކްރިކެޓުގެ ތަމްރީން ފުރުސަތުތައް ވެސް ލިބެން ހުރި އެއް ގައުމަކީ ތިއީ،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި އޮތް އަފްގާނިސްތާނުގައި ކްރިކެޓް ދިރުވައި އެ ގައުމު ކްރިކެޓް ޓީމު ދުނިޔޭގެ ފެންވަރުގެ ގައުމަކަށް ހެދުމަށް އިންޑިއާ އިން ކުރި މަސައްކަތް ފާހަގަކުރައްވައިފަ އެވެ. އަދި އެ މަގުން ރާއްޖޭގެ ކްރިކެޓް ޓީމަށް ހިނގޭނެ ކަމަށް އެމަނިކުފާނު އުއްމީދުކުރައްވަ އެވެ.
"ދުނިޔޭގެ އިސްޓޭޖަށް އަފްގާނިސްތާން އައުމަށް އިންޑިއާ އިން އެހީވި ގޮތް އަހަރެމެން ދުށީމު. ދިވެހިރާއްޖޭގެ ކުޅުންތެރިންނަށް (އިންޑިއާ އިން) ދޭނެ ތަމްރީން ފުރުސަތުތަކާ އެކު، އަހަރެމެންނަށް ހަމަ އެ މަގުން ދަތުރުކުރެވުމަކީ ކުރެވޭ އުއްމީދު. (ހަމައެއާ އެކު) އެއް ދުވަހު ނުކުމެ ތި ޓީމު ބަލިކޮށްލުމަކީ ވެސް (އުއްމީދެއް)،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރި ވަރަށް ގަދަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެ ދުވަސްވަރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުއްވި ކުޅުންތެރިޔެކެވެ. އޭރު މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ހިނދިފައި އޮތް ކްރިކެޓުގެ ފޯރި އަލުން ގެންނަން މަސައްކަތް ފެށުނީ މި ސަރުކާރު އައިސް އިންޑިއާ އިން ފޯރުކޮށްދޭން ފެށި އެހީތަކާ އެކު އެވެ. އެންމެ ބޮޑު އެހީއަކީ ހުޅުމާލޭގައި އަޅާ ކްރިކެޓް ސްޓޭޑިއަމެވެ. ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމާ އެކު، ކްރިކެޓަށް ހާއްސަ، ޒަމާނީ ސްޓޭޑިއަމެއް ލިބިއްޖެ ނަމަ ކުޅުންތެރިން ކުރިއަރަން ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް ކޯޗުން ބުނެ އެވެ. އަދި ރާއްޖެ ވަށައިގެން އޮތީ ކްރިކެޓުގެ ދުނިޔޭގެ ވަރުގަދަ ގައުމުތައް ކަމަށްވުމުން، ރާއްޖޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް އޮވެއްޖެ ނަމަ ބައިނަލްއަގްވާމީ މެޗުތައް ބާއްވަން ވެސް ފަހިވެގެންދާނެ އެވެ. އެއީ މާލީ ގޮތުން ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށްވާނެ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާ އެކު ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ކްރިކެޓް ސިލްސިލާއެއް ބާއްވަން އެއްބަސްވެ އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.
މީގެ އިތުރުން ރައީސް ވަނީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް ބެންގަލޫރަށް މިދިޔަ އޭޕްރިލް މަހު ވަޑައިގެން އެ އެސޯސިއޭޝަނުގެ ސީއީއޯ ރާހުލް ޖޯހްރީއާ ބައްދަލުކުރައްވައި ރައީސް ވަނީ ރާއްޖޭގައި ކްރިކެޓް ފުޅާކުރުމާ ބެހޭގޮތުންނާއި ގައުމީ ކްރިކެޓް ޓީމުގެ ތަމްރީންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި އެއާ ވިދިގެން އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމާއި ންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށް ކްރިކެޓް ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި އެސެސްމަންޓް ހަދައި ވަސީލަތްތައް ބަލައި އަދި ކުޅުންތެރިންގެ ފެންވަރު ވެސް ވަޒަންކޮށްފަ އެވެ. އެ ހޯދުންތަކުގެ މައްޗަށް ބަލައި، ރާއްޖޭން ކުރިއަށް ދިއުމަށް މަގުޗާޓެއް އެކުލަވާލައި ވަރަށް އަވަހަށް ރާއްޖޭގެ ކްރިކެޓް ބޯޑާ ހިއްސާކޮށް އެންމެން ގުޅިގެން ކްރިކެޓް ކުރިއެރުވަމަށް މަސައްކަތް ފަށާނެ ކަމަށް ބީސީސީއައި އިން ބުނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯލްޑް ކަޕުގައި އޭރު ވާދަކުރަމުން އައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްމީ ބެޓެއް ހަދިޔާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯމާފާނު
26 September 2019
5 އަހަރު ނިމޭ އިރުވެސް ކްރިކެޓް ސްޓޭޑިއަމް އަޅައިދޭނެ ވާހަކަ ކިޔާނީ. ޢަޅާނެ ތަނެއްނުފެންނާނެ