ކުޅިވަރު / އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް

އޭޝިއާގެ ބޮޑު މުބާރާތް: ރާއްޖޭގެ ބޮޑީބިލްޑަރުން ތައްޔާރު

އޭޝިއާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީބިލްޑަރުންނާއި ޓީމުގެ ކޯޗު އަނުރާގް (ވ).-- ފޮޓޯ: އަބްދުﷲ އަބީދު/ ހާފްކޯޓް.އެމްވީ.

28 ސެޕްޓެމްބަރ 2019 - 09:50

1 comments

އިންޑޮނީޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ 53 ވަނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް މި ފަހަރު ރާއްޖޭން ތައްޔާރުވީ އެހެން ފަހަރުތަކާ ހިލާފަށް ބިދޭސީ ކޯޗެއްގެ އެހީގަ އެވެ. ދާދި ފަހުން ނޭޕާލުގައި ނިމިގެން ދިޔަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭން ހޯދި ކާމިޔާބީ އަށް ފަހު ސްޕޯޓްސް މިނިސްޓްރީން ވަނީ ގައުމީ ބޮޑީބިލްޑިން ޓީމަށް ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗެއް ހަމަޖައްސައިދީފަ އެވެ.

އިންޑިއާގެ ކޯޗު އަނުރާގް އަނިލްކުމާރްގެ އެހީތެރިކަމުގައި މަހަކަށް ވުރެ ގިނަ ދުވަހު ތައްޔާރުވުމަށް ފަހު ގައުމީ ބޮޑީބިލްޑިން ޓީމުގެ ފަސް އެތުލީޓަކު މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ. އެއީ ދެކުނު އޭޝިއާގެ މުބާރާތުން ދާދި ފަހުން ރަން މެޑަލް ހާސިލްކުރި އަޒްނީން ރަޝާދާއި މުހައްމަދު މޫސާގެ އިތުރުން މަހުމޫދު ޒިޔާދާއި ފަތުހުﷲ މުހައްމަދު އަދި އަލީ ސަލީމް އިބްރާހިމް އެވެ. ފަތުހުﷲ ވަނީ ދެކުނު އޭޝިއާގެ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.

ކޯޗު އަނުރާގް ބުނީ އެތުލީޓުންނާ އެކު ފަރިތަކުރަން ލިބިގެންދިޔަ 45 ވަރަކަށް ދުވަހުގެ ބޭނުންވީ އެންމެ ފުރިހަމަ އަށް ހިފުނު ކަމަށާއި ބޮޑީބިލްޑަރުންގެ ފަރާތުން އޭނާ އުއްމީދުކުރި ވަރަށް ވުރެ މާ ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށެވެ. އަދި އެތުލީޓުންގެ ވެސް އެންމެ ބޮޑު އަމާޒަކީ ރާއްޖެ އަށް ރަން ވަނަ ތަކެއް ހޯދުން ކަމަށްވާއިރު އެކަމުގައި އޭނާ އަށް ވީ އެންމެ ބޮޑަކަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

"އަހަރެން މިހުރީ މި އެތުލީޓުންގެ ފަހަތުގައި. އެ މީހުން ބޭނުންވި އެއްބާރުލުމެއް ދީގެން ވަނަތަކާ ހަމަ އަށް ދާންވީ. ފެނުނީ ވަރަށް ރަނގަޅު ޖޯޝެއްގައި މި އެތުލީޓުން މަސައްކަތްކުރިތަން. އެ އެތުލީޓުން ވެސް ތިބީ ކާމިޔާބު ހޯދުމުގެ އުއްމީދުގައި،" އަނުރާގް ބުންޏެވެ.

އެކި ވަޒީފާތަކުގައި މަސައްކަތްކުރަމުން ވެސް ބޮޑީބިލްޑަރުން ކުރަން ޖެހޭ މަސައްކަތަށް ވަގުތު ދީގެން އެ ކުރާ ހިތްވަރު ފާހަގަކުރަންޖެހޭ ކަމަށާއި އެކަން ކުރެވެނީ އެންމެ ރަނގަޅަށް އެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އަދާކުރާ ދައުރު ރަނގަޅުވުން ކަމަށް ކޯޗު ފާހަގަކުރި އެވެ.

މެލޭޝިއާގެ އެތުލީޓަކާ އެކު ބީބީއޭއެމްގެ ރައީސް އިބްރާހިމް (މ) އާއި ބީބީއޭއެމްގެ ނައިބު ރައީސް ރިފާއު ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: އަބްދުﷲ އަބީދު/ ހާފްކޯޓް އެމްވީ.

އޭޝިއާގެ މުބާރާތެއްގައި ރާއްޖެ އަށް ކުޅިވަރުން މިހާތަނަށް ލިބިގެންދިޔަ ޝަރަފްވެރި ކާމިޔާބީގެ ލިސްޓުގައި ބޮޑީބިލްޑިން އޮތީ ކުރީގަ އެވެ. އޭޝިއާގެ މުބާރާތުން ރާއްޖެ އަށް ބޮޑީބިލްޑިން އިން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެއީ 2017 ވަނަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ބޮޑީބިލްޑަރު ޝާހީން އިބްރާހިމް ދީދީ އެވެ. އެ މުބާރާތުން ޝާހީން ރަން މެޑަލް ހޯދީ އޭޝިއާގެ އަށް ގައުމެއްގެ ނުވަ އެތުލީޓުންނާ ވާދަކޮށްގެންނެވެ. އޭނާގެ ފަހަތުން ރިހި މެޑަލް މޮންގޯލިއާ އިން ހޯދިއިރު ލޯ މެޑަލް ހާސިލްކުރީ ނޭޕާލުގެ އެތުލީޓެކެވެ. ތައިލެންޑް ހަތަރު ވަނަ އަށް ދިޔައިރު ފަސް ވަނަ އަކީ އިންޑިއާ އެވެ.

ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން މިހާރު ބޮޑީބިލްޑިން އަށާއި އެ ނޫން ވެސް ކުޅިވަރުތަކަށް ފޯރުކޮށްދޭ އެހީތެރިކަން ބީބީއެމް އިން ފާހަގަކުރެ އެވެ. އަދި މި ސަރުކާރުގެ އެހީގައި ރާއްޖޭގެ ބޮޑީބިލްޑިން އެހެން ހަރުފަތަކަށް ގެންދިއުމަކީ އެންމެ ބޮޑު ޓާގެޓް ކަމަށް މީގެ ކުރިން ބީބީއެމް އިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ބޮޑީބިލްޑިންގެ ކަންތައްތައް ކުރިއަރުވަން ބައިނަލްއަަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ވެސް ގިނަ މަސައްކަތްކަތެއް ބީބީއެމް އިން ކުރެ އެވެ. އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ބީބީއެމްގެ ރައީސް އަދި ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ދާދިފަހުން އިންތިހާބުވި އިބްރާހިމް ހަމީދު އާއި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ ނައިބު ރައީސް އަދި ދެކުނު އޭޝިއާ ފެޑެރޭޝަނުގެ އެކްސްކޯ މެމްބަރު އަލީ ރިފާއު (ރިފާ) އެވެ.

ޖުމްލަ 28 ގައުމަކުން ވާދަކުރާ މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ ބުދަ ދުވަހާ ހަމަ އަށެވެ. މިއަދު އޮތީ ޓީމުތަކުގެ މެނޭޖަރުންގެ ބައްދަލުވުމާއި ޖަޖުންގެ ބައްދަލުވުމުގެ އިތުރުން އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަނު (އޭބީބީއެފް)ގެ ކައުންސިލް ބައްދަލުވުމެވެ. އެ އަށް ފަހު މާދަމާ އޭބީބީއެފްގެ އިލެކްޓޯރިއަލް ކޮންގްރެސް ބޭއްވުމަށް ފަހު ހުރިހާ އެތުލީޓުންގެ ބަރުދަން ބަލައި ކެޓަގަރީތަަކަށް ބެހުން އޮންނާނެ އެވެ. އެ އަށް ފަހު އިވެންޓް އޮންނާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ގާތްގަނޑަކަށް 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަންނަ އަހަރުގެ މުބާރާރަށް ތައްޔާރުވުމަށް ބީބީއޭއެމް އިން ވަނީ ރަނގަޅު ޕްލޭނަކާ އެކު މަސައްކަތްކުރަން ފަށައިފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިއްލިބާޝާ

28 September 2019

މަހީކުރީ ކޯޗުކަންދޭނީ ސުނިލް ސެޓީއަށްކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454