އެތުލެޓިކްސް ގްރޯން ޕްރީ: ހަފުތާ ބަންދުގައި ވަރުގަދަ ރޭސްތަކެއް

ރާއްޖޭގައި މިވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ދައުވަތުދީގެން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތް މާދަމާ އާއި ހޮނިހިރު ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮންނާނެ އެވެ.


ޓްރެކަށް ވަދެ ކުޅިބެލުމުގެ ފުރުސަތު އާއްމުންނަށް ވެސް ހުޅުވާލާފައިވާތީ، ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުންގެ ވާދަވެރި ރޭސްތައް ބަލާލުމުގެ ފުރުސަތު މި ހަފުތާ ބަންދުގައި ލިބިގެންދާނެ އެވެ. މުބާރާތުގައި އޮންނާނީ ދުވުމުގެ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު އަދި 3000 މީޓަރު ރޭހާއި ލޯންގް ޖަމްޕެވެ. ކޮންމެ އިވެންޓެއްގައި ދެ ޖިންސުން ވަކިވަކިން ރޭސްތައް އޮންނާނެ އެވެ.

މާދަމާ ހަވީރު 4:30 ގައި ފަށާ ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކުރާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ގައުމީ މުބާރާތުން ދެ ވަނަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އާއި ޖޫނިއާ ރަން މެޑަލް ހޯދާފައިވާ އިބްރާހިމް ރާފިލް ވާފިރާއި މުހައްމަދު ޖަލާއިލް ފަޔާޒާއި ރިހި މެޑަލް ހޯދި މުހައްމަދު ހިސާމާއި ސްކޫލް މުބާރާތުގެ ތިން ވަނަ އަހުމަދު ނަޖުދާން އަދި ރާއްޖޭން ބޭރުގެ މުބާރަތްތަކުގައި ވާދަކޮށްފައިވާ އިބާދުﷲ އާދަމާއި ނުޖޫމް ހަސަނެވެ.

މާދަމާ 4:45 ފަށާ އަންހެނުންގެ 100 މީޓަރު ރޭސް ވެސް ފޯރިގަދަވާނެ އެވެ. ގައުމީ މުބާރާތުގެ އެއް ވަނަ އައިޝަތު ހިމްނާ ހަސަން އާއި ރިހި މެޑަލް ހޯދި ނަޝާ ނިޒާރާއި ލޯ މެޑަލް ހޯދި މަރިޔަމް އަލްހާ ހުސެއިނާ އެކު ވާދަކުރާނީ ސްކޫލް މުބާރާތުން ރިހި މެޑަލް ހޯދާފައިވާ އައިމިނަތު އިމާނީ އަބްދުލްވާހިދާއި ހައްވާ ސުލައިމާނާއި ސްކޫލް ލޯ މެޑަލް ހޯދި އައިޝަތު ރީމް ވަލީދާއި ޖޫނިއާ ލޯ މެޑަލް ހޯދާފައިވާ މަރިޔަމް ރުޔާ އަލީ އާއި ރިފާ މުހައްމަދެވެ.

ގްރޯން ޕްރީގެ ޝެޑިއުލް.

ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ރޭހުގައި ސާއިދާއި ގައުމީ މުބާރާތުން ރިހި މެޑަލް ހޯދި އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި މުހައްމަދު ނާއިލް ދުވާނެ އެވެ. ފިރިހެނުންގެ 1500 މީޓަރު ދުވުން ވެސް ފޯރިގަދަވާނެ އެވެ. ގައުމީ މުބާރާތުގައި އެ ރޭސް ކާމިޔާބުކުރި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި ދެ ވަނަ ހޯދި ހުސެއިން ރިޒާ (ކުޑަރިޒާ) އަދި މުހައްމަދު ރަޝީދު (މޯޑް) ގެ އިތުރުން ދެން ތިބީ ޖޫނިއާ މެޑަލް ހޯލްޑަރުންނެވެ.

ފިރިހެނުންގެ 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދަން ފްލޭޝް ނުކުންނައިރު އޭނާއާ ވާދަކުރާނީ ގައުމީ މުބާރާތުގައި 10،000 މީޓަރު އަދި 5000 މީޓަރު ދުވުމުން އޭނާއާ ވާދަކޮށް ދެ ވަނަ ހޯދި މޯޑާއި ތިން ވަނަ ހޯދި ވެޓްރަންސް ދުވުންތެރިޔާ އަހުމަދު ޖަވާދެވެ.

އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރޭސް ލީޑުކުރާނީ ގައުމީ މުބާރާތުން މި ރޭސް ކާމިޔާބުކުރި އައިމިނަތު ޖާއިޝާ ޖުނީޒާއި 5000 މީޓަރުން އެއް ވަނަ ހޯދި މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ. މި ދެ ދުވުންތެރިންނަކީ މި ވަގުތު މިޑްލް ޑިސްޓެންސްގައި ރާއްޖޭގައި ތިބި އެންމެ ފާހަގަކުރެވޭ ދެ ދުވުންތެރިންނެވެ.