ޓީސީ ޑޭވް ޝެއިޚް ކަމާލް ކަޕުގެ ރަން މެޑަލް ދައްކާލަނީ: ފުރަތަމަ މަސައްކަތްކުރާނީ ދަރަނި އަދާކުރަން.
04 އޮކްޓޯބަރ 2019 - 15:26
ކްލަބުގެ ދަރަނިތައް އަންނަ ސީޒަން ފެށެން ވާއިރަށް އަދާނުކުރެވިއްޖެ ނަމަ ޓީސީ ސްޕޯޓްސް ކްލަބުން އަންނަ ސީޒަނަށް ފުޓްބޯޅަ ޓީމެއް ނުނެރޭނެ ކަމަށް ކްލަބުގެ އިސްވެރިޔެއް ކަމަށްވާ އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.
ބައިބަލާގައި މަޝްހޫރުވި ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި މިހާރު އެއީ ފުޓްބޯޅައިގެ ގަދަބާރެކެވެ. މިދިޔަ އަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީން ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
އެކަމަކު ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ އަސަރު އެ ޓީމަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން މާލީ މައްސަލަތަކާ ގުޅިގެން ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ދާދި ފަހުން އިސްތިއުފާ ދީފަ އެވެ. އިސްތިއުފާ ދޭން ކްލަބަށް ފޮނުވި ސިޓީގައި އޭނާ ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވެފައިވާ ކަންތައްތަކާ ހެދި އެ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރަމުން އަންނާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކްލަބްގެ ސީނިއާ މެނޭޖުމެންޓާ ވާހަކަ ދައްކައިގެން ވެސް އެކަމަށް ރަނގަޅު މަގެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ވަގުތު ކުޅުންތެރިނަށް ހުރި އުނދަގޫތަކާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު މި ދަނޑިވަޅުގައި ޕްރެކްޓިސްތަކެއް ކޮށްގެން އެދެވޭ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އެ ސިޓީގައިވެ އެވެ. އޭނާ އަށް ވެސް މުސާރަ ދީފައިނުވާ ކަމަށް އާތީ ސިޓީގައި ބުނެފައިވެ އެވެ.
ޑޭވް "މިހާރު" އަށް ބުނީ ކްލަބް ދަރަނިވެރިވެ ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރެވޭ ހިސާބަށް ގޮސް ދެ ވަނަ ޑިވިޝަނުން ތިން ވަނަ ޑިވިޝަނުން ފެންނަން ބޭނުންނުވާ ކަމަށާއި އެހެންވެ ފުރަތަމަ އަމާޒަކީ ދަރަނިން ސަލާމަތްވުން ކަމަށެވެ.
"ފުރަތަމަ ބަލާނީ ދަރަނިތައް އަދާކުރަން. އާ ސީޒަން ފަށަން ވާއިރަށް ދަރަނިތައް ނުދެއްޖިއްޖެއްޔާ ޓީސީން ފުޓްބޯޅަ ޓީމެއް ނުނެރޭނެ. މާނައަކީ ޓީސީގެ ފުޓްބޯޅަ ކޮމްޕޯނެންޓް އެ ހިސާބުން ނިމުނީއޭ،" ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވި އެވެ.
އެކަމަކު އެ ހާލަތުގައި ވެސް، ކްލަބުން ވާދަކުރާ އެހެން ކުޅިވަރުތަކުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ ގޮތުން ޓީމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް އެ ކްލަބުގެ މެނޭޖަރު މުހައްމަދު އަބީރް ވަނީ ދާދި ފަހުން ބުނެފަ އެވެ.
"އަޅުގަނޑުމެން ޕެންޑިންތަކެއް އެބައުޅޭ މުސާރައިގެ. ދެން މިވާ ގޮތަކީ އެފްއޭއެމުން މި ލިބުނު އެއްޗެއް މި ލިބުނީ. ދެން ސަރުކާރުން މިދިޔަ އަހަރު އެ ދިން އެސްއޯއީގެ ފައިސާ ނުލިބުމުން އައި ދަތިކަމެއް މި އުޅެނީ. އޭތި އުއްމީދެއް ނުކުރަން ލިބޭނެކަމަށް. ވަރަށް މަސައްކަތް އެބަކުރަން މި އަޑިގަނޑުން އަރައިގަންނަން،" އަބީރު ބުންޏެވެ.
ޓީސީގެ ކޯޗުކަމުން އާތީ ވަކިވިއިރު، އެ ޓީމުގެ މެނޭޖްމަންޓުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް ބުނެ ޓީމުގެ ހާލަތު އޮޅުންފިލުވައިދީފަ އެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް ހަރަދުކުރި އެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނެވެ. އެކަމަކު މި ސަރުކާރުން އެ އެއްބަސްވުން އާނުކުރަން ނިންމުމުން އެފްއޭއެމުން ވަނީ އަމިއްލަ އަށް އެ ފައިސާ ދޭނެ ކަމަށް ބުނެފަ އެވެ. އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ބެލެވެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
05 October 2019
ވިސްނާ މީހަކަށް އިނގޭނެ ވެލެންސިޔާ، ވިކްޓްރީ ނިއުރޭޑިއަންޓަށް ނުލިބޭ އެހީއެއް ކަންމަތީ ކުލަބުތަކަށް ލިބޭ ސަބަބު. މީގެ ކުރިންވެސް މި ޓީމުތަކާ ވާދަކުރަން އަމިއްލަ ވިޔަފާރިވެރިން ހުރީ ޓީމުތައް ހަދާފަ. މިހާރު މިވާގޮތަކީ ކަންމަތީ ގުރޫޕުތަކުން އެމީހުންގެ މީހުން ހިފަހައްޓަން ފުޓްބޯޅައިގަ ބައިވެރިވެފަ 'އެހެން ގޮތްގޮތުން؛ މިމީހުންނަށް އެކަނި ފައިސާ ލިބޭގޮތްވެސްވީ. ސަރުކާރުން ނުޖެހޭ ކޮންމެ ކުލަބަކަށް 3 މިލިއަންދޭކަށް.
ހޮލާކޯ
04 October 2019
މީނައަކީ ފަސާދައިގެ ބޮޑެއް
ޖާނޫ
04 October 2019
އަތުން ފައިން މަސައްކަތެއް ނުކޮށް ކުލަބު ހިންގީ ކޮންފައިސާ އަކުންތޯ
ބުލޫސް
04 October 2019
ނިއުގެ ސަސްފެންސަން ދަމަހަށްޓަށް ވޯޓްދިން ޓީމް އިދަ ޖެހޭތަންްްްްްް ދެކެން އަބަދުވެސް ބޭނުން. ރީތި ވެއްޖެއްނު. އަދިވެސް އެހެންޓީމް ތަކަށް ހަސަދަލައިގެން ދުވޭ.
މޯޑް
04 October 2019
ރަގަޅު ނިންމްމެއް ފައިދާ ނެތް ގެއްލުން ހުރި ކަމެއް ކުރާނި ކަމެއް ނެތް
ގަޓް ބްރޯ
04 October 2019
ދިވެހި ފުޓުބޯޅަ ހަލާކުވީ ސަޕޯޓަރަކުނެތް ކަންމަތީ ކްލަބްތަކާހުރެ. އެ ކްލަބްތައް ފުޓުބޯޅަޔާ ފެއަށްޖެހިލަނިކޮށް ފަހަރެއްގަ އަނެއްކާވެސް ފުޓުބޯޅަ ވައިގަހިފާފާނެ.
އަޅިބެ
05 October 2019
އަސްލުވެސް. ވިކްޓަރީ ނިއު ވެލެންސިއާ އަނެއްކާވެސް ދިރިއްޖިއްޔާ ދިވެހި ފުޓްބޯޅަ ދިރޭނެ.
އާދަމް ބާއީ
04 October 2019
މީ އެއްގޮތަކަށްވެސް ކުޅެން ހެޔޮވާވަރުގެ ކުޅިވަރެއް ނޫން.
ބަކުރުބޭބެ
04 October 2019
ނިޔުއަށް ދޯކާދީފަ، ވޯޓް ވިއްކާފަ، ރީތިވެއްޖެއެއްނު. ބައްސާމުދިން ލާރިކޮޅުވެސް ކާލީދޯ
ސަމްތިންގ
04 October 2019
ދޮންކަލޯ ޓީމު ހިންގޭނެވަރު ނެތިއްޔާ ކުޅިބަލަން މަޑުކޮއްލާ.ކަލޭމެންގެ ކަންމަތީ ގްރޫޕް ހިންގަން ސަރުކާރުން ނުޖެހޭ ފައިސާ ދޭކައް.އެހެންވިއްޔާ ބަށިޓީމްތަކައްވެސް ޖެހޭނެ ތިޔާބުނަ އެސްއޯސީ އެއްގެދަށުން ރުފިޔާދޭން.ކަންމަތީ ޓީމް ހިންގިއަސް ފުޓުބޯޅަ ޓީމެއް ނުހިންގޭނެބެޔަ އެކްްސްޕީރުއަންސް ނެތިއްޔާ. ހިންގުމުގެ ގާބިލްކަން ނެއްކަން ފާގަހަ ކުރެވެނީ.ލަދުން ބޯހަލާކު
ނިއު އަހައްމަދު
04 October 2019
ނިއުރޭޑިއަންޓް އިދަޖައްސާލީ ލައްކަ މޮޅުތަކެއް ވާނެކަމަށް.. ތާހިރުވެއްޖެ..މިހާރު އެއްޗެއް ވިސްނޭނެ ތި ޑޭވް އަށް..