ކޯޗިން ކޯސް ހެދުމަށް ދިޔަ ކޯޗުން (ކ-ވ) ހުސެއިން ހަލީމް، އަލީ ޝަރީފް، ފައިހަތު އަދި ހައްލު.
17 އޮކްޓޯބަރ 2019 - 11:30
އެތުލެޓިކްސް އެސޯސިއޭޝަނުން ހަތަރު ކޯޗަކު ކޯޗިން ފާސްތަކެއް ނެގުމަށް ރާއްޖޭން ބޭރަށް ފޮނުވައިފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮލިފައިޑް ކޯޗުން ތިބެ އެތުލީޓުން ތަމްރީން ކުރުމުގެ މަގުސަދުގައި އެސޯސިއޭޝަނުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ފާސް ނަގަން ފޮނުވީ ގައުމީ ޓީމުގެ ކުރީގެ ދެ ދުވުންތެރިން ކަމަށްވާ ހުސެއިން ހަލީމާއި އަލީ ޝަރީފް (އައްޔަ) އަދި ހަސަން ހަލީލް (ހައްލު) އާއި ހަސަން ފައިހަތު ގުދުރަތުﷲ އެވެ.
ގައުމީ ސްޕްރިންޓް ޓީމުގެ އެސިސްޓަންޓް ކޯޗު ހުސެއިން ހަލީމް ދިޔައީ ދެކުނު ކޮރެއާގެ ޑައެގޫ އޮންނަ ލެވެލް ދޭއްގެ ލެކްޗަރާ ކޯސް (އިންޓަނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން) އަށެވެ. އޭނާ ސްޕޯޓްސް ސައިންސާއި ސްޕޯޓްސް ޕާފޯމަންސް ސެމިނާރެއްގައި ވެސް ބައިވެރިވާނެ އެވެ.
އައިއޭއޭއެފް ލެވެލް އެކެއް އަދި ލެވެލް ދޭއްގެ ކޯޗިން ލައިސަންސް ނަގާފައިވާ ހަލީމަކީ ރާއްޖެ އަށް އެތުލެޓިކްސް ލިބުނު ސަރަހައްދީ ފުރަތަމަ މެޑަލް ކަމަށްވާ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސްޕްރިންޓް ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގެ ދުވުންތެރިޔެކެވެ. އޭނާ އަކީ 100 މީޓަރު ރޭހެއް 10 ސިކުންތުން ދުވި ރާއްޖޭގެ ފުރަތަމަ ދުވުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ 100 މީޓަރު ދުވުމުގެ ރެކޯޑް ދެ ފަހަރު، ސްޕްރިންޓް ރިލޭ ރެކޯޑް ތިން ފަހަރު އާކޮށްފަ އެވެ. ރާއްޖޭގެ ލޯންގް ޖަމްޕުގެ މިހާރުގެ ރެކޯޑަކީ އޭނާ 2009 ވަނަ އަހަރު ހެދި ރެކޯޑެކެވެ.
އެސޯސިއޭޝަނުން ހިންގާ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގެ ކޯޗު ހައްލު ދިޔައީ އިންޑޮނީޝިއާގައި ޔޮގްޔަކާޓާގައި ބާއްވާ ލެވެލް އެކެއްގެ ލެކްޗަރާ ކޯހަކަށެވެ. ލެވެލް އެކެއް އަދި ލެވެލް ދޭއްގެ ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ހައްލު ވަނީ މި އަހަރުގެ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.
އައްޔަ އާއި ފައިހަތު ދިޔައީ އިންޑިއާގެ ޓްރިވެންޑްރަމުގައި ބާއްވާ ލެވެލް އެކެއްގެ ކޯޗިން ކޯހަކަށެވެ. މީގެ ތެރެއިން އައްޔަ އަކީ ހުސެއިން ހަލީމާ އެކު 2010 ވަނަ އަހަރު މެޑަލް ހޯދި ޓީމުގެ ދުވުންތެރިޔެކެވެ. ރާއްޖޭގެ 60 މީޓަރު ދުވުމާއި 100 މީޓަރު ދުވުން އަދި 100 މީޓަރު ރިލޭގެ ރެކޯޑް ހަދާފައިވާ އައްޔަ ބޮޑަށް މަސައްކަތްކުރަނީ ފުވައްމުލަކު ސްކޫލް ތަކުގެ ދަރިވަރުންނަށް ކޯޗުކޮށްދިނުމުގަ އެވެ.
ފައިހަތަކީ 2007 އިން 2013 އަށް ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ދުވެފައިވާ ދުވުންތެރިޔެކެވެ. އޭނާ އަންނަނީ ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކޯޗުކޮށްދީ އަދި އަމިއްލަ އެކެޑަމީއެއް ވެސް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏުފެންނަ ކޯޗުން
19 October 2019
ޢަލީ ޝަރީފް ފުވައްމުލަކު ކުދިންނަށް ކޯޗް ކޮއްދިން މުބާރާތް ތައްވެސް ލިއުނުނަމަ.
ދިވެހިން ގެ ފަރާތުން
17 October 2019
ހުސެން ހަލީމް ތީ ޓީރެކްސް ގެ ޕަޕެޓެއް ، ބާސްކެޓް ފުޑާލުމުގަ ހަސަން ބަނޑޭ ގެ ހިއްސާދާރެއް
ަިިީިޙާއްސަ
01 November 2019
ހަޖަމް ? ހަމަ ތިބޭފުޅާކައިރި އެކަނި ހުރިހާ ދިވެހިން، ދިވެހިންގެ ފަރާތުން ދެންނެވީ ދެއްތޯ ???
މާބެ
17 October 2019
ފާސްނެގީމަ ވޭތަ؟ ޔަޒޫ އެއީ ލެވެލް3 ގެ ކޯޗެއް އަބުޅޮ އަކީވެސް ނަދީމް އަކީ ލެވެލް 3ގެ ކޯޗެއް ތޮލާ ވެސް ފާއިލް ވެސް... ކޮބާހޭ ވާކަމެއް ހަރާމޭ މިކިޔަނީ...