ބްރޭކްތައް ނަގަނީ ގައުމީ ޓީމުގެ ހައްގުގައި: ބައްސާމް

މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށައިގެން ދުވަސްތަކެއް ނުވެ އެހާ ގިނަ ބްރޭކްތައް ނަގަންޖެހޭ ސަބަބަކީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓަށް ވާސިލްވުމަށް ގައުމީ ޓީމުގެ ހައްގުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


ގާތްގަނޑަކަށް ހަ މަސް ދުވަހު ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ހުއްޓާލުމަށް ފަހު މިދިޔަ ޖޫން މަހު އަލުން ފަށައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ތިން ބްރޭކް ނަގައިފި އެވެ. އަދި މި މަހު 27 އިން ޑިސެމްބަރު މަހު 12 ވަނަ ދުވަހާ ހަމައަށް ވެސް ބްރޭކެއް ނަގާނެ އެވެ. އެންމެ ފުރަތަމަ ބްރޭކް ނެގީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. ދެން ބްރޭކްތައް ނަގަން ފެށީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށެވެ. މި ހަތަރު ބްރޭކްގެ ޖުމްލަ ދުވަސްތަކުގެ އަދަދަކީ 122 ދުވަހެވެ.

ގައުމީ ޓީމުގެ ކަންތައްތަކަށާއި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އެފްއޭއެމުން ކުރާ މަސައްކަތްތަކަށް ލަފާދިނުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތް ފަށައިގަތުމަށް ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ބްރޭކްތައް ނެގުމަކީ އެންމެ ހިތްހަމަޖެހޭ ކަމަކަށް ނުވި ނަމަވެސް އޭޝިއަން ކަޕަށް ދިއުމުގެ ހުވަފެން ހާސިލްކުރަން ގައުމީ ޓީމަށްޓަކައި އެ ބްރޭކްތައް ނަގަަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ކަނާތް ފަރާތުން މިހުރި މޭޒަކީ ސީޒަންގެ ކަލަންޑަރާ ބެހޭގޮތުން އެންމެ ގިނައިން ޝަކުވާ އަންނަ މޭޒު،" ރޭގެ ހަފްލާގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކޯޗުން ތިބި މޭޒަށް އިޝާރަތްކުރައްވައި ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވާ ކަމެއް ނޫން ކަލަންޑަރު އެއް މަހުން އަނެއް މަހަށް ބަދަލުވުމަކީ. ނަމަވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތާއި ދާން ޖެހޭ ޓާގެޓަށް ދިއުމަށް ޓަކައި ބައެއް ކަހަލަ ގުރުބާނީ ވާން އެބަޖެހޭ."

ފަހަކަށް އައިސް ބްރޭކްތަކަށް އެންމެ ބޮޑަށް ފާޑުކީ އެއް ކޯޗަކީ ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އެވެ. އެކަމަކު އެންމެ ފުރަތަމަ ސުޒޭން ވަނީ ބްރޭކްތަކާ އެއްކޮޅަށް ވާހަކަ ދައްކައިފަ އެވެ. އޭރު ސުޒޭން ބުނީ ޕްލޭނެއް ދައްކާފައި ބްރޭކް ނެގުމަކުން މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ކުއްލިއަކަށް ޕްލޭނެއް ދެއްކުމެއްނެތި އެގޮތަށް އެ ވަގުތެއްގައި ބޭނުން ގޮތަކަށް ބްރޭކް ނަގައިގެން ގައުމީ ޓީމަށް ވެސް އަދި ކުޅުންތެރިންނަށް ވެސް ކުރާނެ ފައިދާއެއް ނެތްކަން ސުޒޭން ފާހަގަކުރި އެވެ.

އެހެން ބައެއް ކޯޗުންގެ ޝަކުވާ އަކީ އެއްވެސް މެޗެއްގެ ކުރިން އެކުވެރިކަމުގެ މެޗެއް ނުކުޅެ ހަމައެކަނި ޕްރެކްޓިސްތަކެއް ކޮށްލައިގެން ވާދަވެރި މެޗަކަށް ގައުމީ ޓީމު ނުކުތުމެވެ.

ރާއްޖޭގެ ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއްވާނެ އެއް ބަޔަކީ ކްލަބްތަކުގެ ކޯޗުން ކަމަށާއި ދިވެހި ކޯޗުން ކްލަބްތަކުގައި ކުރާ މަސައްކަތް ފާހަގަކުރާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބްރޭކްތައް ނަގަންޖެހޭ އަނެއް ސަބަބެއްގެ ގޮތުގައި ބައްސާމް ވިދާޅުވީ ރާއްޖޭގައި ވަސީލަތް މަދުވުމެވެ. އޭނާ ވިދާޅުވީ ހަމައެކަނި ފުޓްބޯޅަ ކުޅެން އޮތް ދަނޑަކީ ގަލޮޅު ދަނޑު ކަމަށްވުމަކީ ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"މިއީ ދުނިޔޭގައި ވެސް ވަރަށް މަދު ނޫނީ ނުފެންނާނެ ކަމެއް ކަންނޭގެ އެ ގައުމެއްގެ އެންމެ ޓޮޕް ލީގް އެންމެ ދަނޑެއްގައި ކުޅުން،" ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކޮމިޓީގެ ރޭގެ ހަފްލާގައި ބައިވެރިވި ހުރިހާ ފަރާތެއް ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގްރާސްރޫޓް ކުރިއަރުވަން ރާއްޖޭގައި ކުރާ މަސައްކަތް އަގުވަޒަންކޮށް އޭއެފްސީން ވަނީ މިއަދު ރާއްޖެ އަށް ބްރޯންޒް މެމްބާޝިޕް ދީފަ އެވެ. ބައްސާމް ވިދާޅުވީ މިއީ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ކުރެވެމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެހެން ނަމަވެސް މި ހިސާބުން މަސައްކަތް ނިމުނީ ނޫން ކަމަށެވެ.

"އަޅުގަނޑު ޔަގީން ކަން ދެން ކުރިއަށް އޮތް އަހަރުތަކުގައި ސިލްވާއިން ގޯލްޑަށް ބަދަލުވެގެން ދާނެކަން،" ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކޮމިޓީގެ ފަރާތުން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ކޮމިޓީގައި ދެން ހިމެނެނީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ) އާއި އަންހެން ގައުމީ ޓީމުގެ ކުޅުންތެރިޔާ މަރިޔަމް މިރުފަތެވެ.

މި ކޮމިޓީގައި ކުރިން ބައްސާމާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހިމެނެ އެވެ. އެކަމަކު ކުޅިވަރުގެ އެކި ފަރާތްތަކުގެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ މަހުލޫފު ވަނީ ކޮމިޓީން ދުރަށް ޖެހިވަޑައިގެންފަ އެވެ. ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ކްލަބްތަކުގެ އޮފިޝަލުން ވެސް ބައިވެރިވި އެވެ.