ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 އޮކްޓޯބަރ 2019 - 19:25
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އަތުން 5-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި މާޒިޔާ އިން ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
އީގަލްސް ރޭ ކުޅުނު މެޗުން މޮޅުވުމުން މިއަދުގެ މެޗަށް މާޒިޔާ ނުކުތްއިރު ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑުވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. މި މެޗުގެ ނަތީޖާއާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ.
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ އެހެން ޓީމުގެ ނަތީޖާތަކަށް ނުބަލާނެ ކަމަށާއި މާޒިޔާ އިން އަބަދުވެސް ވިސްނާނީ އެ ޓީމުގެ ކޮންޓްރޯލްގައި އޮންނަ ކަންތައްތަކަށް ކަމަށެވެ. ނިލަންދޫ އަތުން މޮޅުވި މުޅި މެޗަށް ބަލާއިރު ފެނިގެންދިޔައީ މާޒިޔާގެ ލެވެލްގެ ކުޅުމެއް ނޫން ކަމަށާއި އެ ކަންތައްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ވެސް ބުންޏެވެ.
"ފުރަތަމަ ހާފްގައި ދަށްކޮށް ކުޅުނުއިރު ހަތެއް ނޫނީ އަށް ފުރުސަތު ލިބިގެން ދެ ގޯލު ޖެހުނީ. ދެ ވަނަ ހާފްގައި ކުޑަކޮށް ރަނގަޅަށް ކުޅެފައި އަނެއްކާ ވެސް ހަތެއް ނޫނީ އަށް ފުރުސަތު ގެއްލުވާލި ފަހުން ތިން ގޯލު މި ޖެހުނީ. އަހަރެމެން 5-0 އިން މޮޅުވީމަ އަހަންނަށް މި ސްކޯ ރަނގަޅުވިޔަސް ކުޅުމާ މެދު ހިތްހަމަޖެހެވެން ނެތް. ކޮންމެ ފުރުސަތެއްގައި ގޯލު ނުޖެހިޔަސް އެބަޖެހޭ ދެ ފުރުސަތުން އެއް ބޯޅަ ގޯލަކަށް ހަދަން،" ސެކުލޮސްކީ ބުންޏެވެ.
ފުރަތަމަ ބުރުގައި ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 13-0 އިންނެވެ. އެ މެޗުގައި ފަސް ގޯލު ޖެހި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) އާއި އެންމެ ފަހުން މެޗުގައި އަނިޔާވި ނާއިޒު ހަސަން (ދާދު) މި މެޗުގައި ނުކުޅެ އެވެ. އެކަމަކު ގައުމީ ޓީމާ އެކު ދިއުމަށް ފަހު އަލުން ޓީމާ ގުޅުނު ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފުރަތަމަ އެގާރައިގައި ކުޅުނެވެ.
މާޒިޔާގެ ކޮނޭލިއަސް ނިލަންދޫގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަސްޕެންޝަނުގެ ސަބަބުން ނިލަންދޫގެ މުހިއްމު ބައެއް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެ އެވެ. މާޒިޔާ އަށް މެޗުގެ ނުވަ ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ހަސަން ޝިފާޒް (ޑުންގާ) ލީޑުނަގައިދިނެވެ. އެކަމަކު އޭގެ ފަހުން ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ދިޔައީ ބޭނުންނުކުރެވި އެވެ. އެ ފުރުސަތުތައް ގެއްލުނީ ކެޕްޓަން އަސަދުﷲ އަބްދުﷲ، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި މުހައްމަދު އިރުފާން (އިރޭ) އަތުންނެވެ.
ނަތީޖާ ހަމަހަމަކުރަން ނިލަންދޫގެ ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމާޓޯ އަށް ލިބުނު ދެ ފުރުސަތުން އޭނާ ޖެހި ދެ ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން މާޒިޔާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 43 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ކޮނޭލިއަސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ވެސް މާޒިޔާ އަށް އެންމެ ނުރައްކާކުރީ ޓޮޝީކީ އެވެ. އޭނާ ޖެހި ބޯޅައެއް މާޒިޔާގެ ގޯލުގައި ހުރި އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެެވެ. މާޒިޔާގެ ފަހު ތިން ގޯލު ޖެހީ އަސަދުﷲ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ފޭދޫ އިއްބެ އެވެ. ކޯނޭ ޖެހި ބޯޅައެއް ނިލަންދޫ ކީޕަރު ހުސެއިން ޝަފީއު (ޗެކް) އަތުގައި ޖެހިފައި ނުކުތުމުން އަސަދުﷲ ގޯލަށް ވައްދާލިއިރު، ހަމްޕު ގޯލު ޖެހީ ކީޕަރު ޗެކް ކައިރިން ނައްޓާފައި ގޮހެވެ. އަދި ފޭދޫ އިއްބެ ޖެހި ގޯލަކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖަމްޕު ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޕު (ކ) ބޯޅަ ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިލަންދޫ އިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 88 ވަނަ މިނިޓްގައި ޓޮޝީކީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީ ހޯދަން އޭރިއާތެެރެއިން ޑައިވް ކުރުމުންނެވެ. އަދި ދެ ވަނަ ރީނދޫ ކާޑު ދެއްކީ މާޒިޔާގެ އިރޭ އަށް ފައުލުކުރުމުންނެވެ.
ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ހަ ވަރަކަށް ކުޅުންތެރިން ނުލައި އެ ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް ނުކުތް ނަތީޖާ ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ.
"އަޅުގަނޑު ޕާސަނަލީ އެކްސްޕެކްޓް ކުރިން ޑްރޯ އަކަށް. އެ ކަހަލަ ގޭމަކަށް. އެގޮތަށް ވިސްނައިގެން ކުޅެންމުން ދަނިކޮށް އަޅުގަނޑުމެންނަށް ލިބޭ ޗާންސް ނުޖެހިގެން އަނެއްކޮޅަށް ވަދެފައި މީނީ. އެހެންވީމަ ނަތީޖާ މިހިން ފެނުނު ކަމަށް ވިޔަސް ކުޅުމާ މެދު ހިތްހަމަ ޖެހޭ،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ މިއަދު ޓީމު ހަމަކުރެވިގެން މެޗު ކުޅެވުނީތީ ވެސް އުފާކުރާކަމަށާއި މެޗު ފެށެން ދެ ގަޑިއިރެއްހާއިރަށްވީއިރު ވެސް ތިބީ ހަތް ވަރަކަށް ކުޅުންތެރިން ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ވަޒީފާގައި ހުއްޓައި ގެނެސް ޓީމު ހަމަކޮށްގެން އެ ފަދަ ހާލަތެއްގައި ކުޅެގެން މި ނަތީޖާ ރަނގަޅު ކަމަށް ފެސްކޯ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy