ރަފާ އަތުން ލަންކާގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހަނި މޮޅެއް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއާ ވާދަކޮށް ސްރީލަންކާގެ އެއް ވަނަ ކުޅުންތެރިޔާ އިޝާރާ މަދުރަންގީ 4-3 އިން ހަނި މޮޅެއް ހޯދައިފި އެވެ.


ލަންކާ ކުޅުންތެރިޔާ އިޝާރާ ވަނީ ސިންގަލްސްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަތުން 3-1 އިން މޮޅުވެފަ އެވެ. އެ މެޗުގެ ފުރަތަމަ ސެޓު ދީމާ ގެންގޮސްފައިވަނިކޮށް އިޝާރާ މޮޅުވީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ.

ރަފާއާ ދެކޮޅަށް އިޝާރާ ކުޅުނު މެޗު ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. ކަތުމަންޑޫގެ ލެންޗޯރު ޓީޓީ ހޯލުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު އިޝާރާ ވަނީ 14-16 އިން ގެންގޮސްފަ އެވެ. ޖެހިގެން އައި ސެޓުގައި ރަފާ ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު 12-10 އިން ސެޓު ގެންގޮސްފަ އެވެ. އަނެއްކާ ވެސް ޖެހިގެން އައި ސެޓު 04-11 އިން ގެންގޮސް އިޝާރާ ލީޑެއް ނެގި އެވެ. ހަތަރު ވަނަ ސެޓު ފަށައިގެން ވާދަވެރި ކުޅުމަކަށް ފަހު ސްކޯ 11-11 އިން އެއްވަރުވެފައިވަނިކޮށް ހޯލުން ކަޜަންޓު ދިއުމުން މެޗު މެދުކަނޑާލި އެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓަށް ފަހު މެޗު އަލުން ފެށިއިރު، މި ސެޓު 14-12 އިން ގެންގޮސް ރަފާ އަނެއްކާ ވެސް އެއްވަރުކުރި އެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތެއްގައި ވާދަކޮށްފައިވާ އިޝާރާ އަށް ރަފާގެ ފަރާތުން ރަނގަޅު ޕްރެޝަރެއް އެ ހިސާބުން ކުރިމަތިވެގެންދިޔަ އެވެ. ފަސް ވަނަ ސެޓުގައި ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެގެން އިޝާރާ ވަނީ 04-11 އިން ސެޓު ގެންގޮސް އަނެއްކާ ވެސް ލީޑެއް ނަގައިފަ އެވެ. ރަނގަޅު ރޫހެއްގައި ހުރި ރަފާ އެހާ ފަސޭހައިން ދޫދޭން ބޭނުންނުވެފައި ހުރި ކުޅުމެއް ދައްކަމުންދިޔައިރު، އޭނާ ވަނީ ހަ ވަނަ ސެޓު ފޯރިގަދަ ކުޅުމަކަށް ފަހު 11-08 އިން ގެންގޮސް މެޗު ނަތީޖާ ނެރޭ ސެޓަކާ ހަމައަށް ގެންގޮސްފަ އެވެ. އެ ސެޓުގައި ރަފާ ކުރީގައި އޮތް ނަމަވެސް ފަހު ވަގުތުގައި އިޝާރާ ވަނީ ތަޖުރިބާގެ ބޭނުންކޮށް ރަފާގެ މައްޗަށް ކުރިހޯދައިފަ އެވެ. އިޝާރާ ފަހު ސެޓު ގެންދިޔައީ 08-11 އިންނެވެ.

މި މެޗުގައި ރަފާ އޭނާ އަށް ވުރެން އުމުރުން ދޮށީ އަދި ބައިނަލްއަގުވާމީ ވަރުގަދަ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިއަކާ ދެކޮޅަށް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަން ރާއްޖޭގެ ކޯޗު އިބްރާހިމް ޝިއުރީ ވެސް ފާހަގަކުރެ އެވެ.

މި ފަހަރުގެ ގޭމްސްގެ މެޗެއްގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ދީމާ ނުކުތީ އިންޑިއާގެ އައިކާ މުކަރުޖީއާ ދެކޮޅަށެވެ. އައިކާ އަކީ ކޮމަންވެލްތު ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދާފައިވާ ކުޅުންތެރިއެކެވެ. މިފަހަރުގެ ގޭމްސްގެ ގްރޫޕް ސްޓޭޖުގައި އައިކާ ވަނީ ރަފާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި ދީމާގެ މައްޗަށް އައިކާ ކުރިހޯދީ ސީދާ ހަތަރު ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 11-06، 11-03، 11-06 އަދި 11-03 އިންނެވެ.

މިއަދުގެ މެޗުތަކަށް ފަހު ޓީޓީގެ އިވެންޓްތައް ރާއްޖެ އަށް ވަނީ ނިމިފަ އެވެ. ޓީޓީގެ އަންހެން ޓީމުން ވަނީ ޓީމު އިވެންޓު ބައިން ލޯ މެޑަލް ހޯދައިފަ އެވެ. މިއީ ސައުތު އޭޝިއަން ގޭމްސް އެއްގައި އެކަން ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. މިކްސް ޑަބަލްސް އާއި އަންހެން ޑަބަލްސް އަދި ސިންގަލްސް ކުއާޓާ ފައިނަލުގައި ވެސް ރާއްޖޭން މި ވަނީ ވާދަކޮށްފަ އެވެ.