ލޮރެންޒޯ ކަޓުވާލައި ވެމްކޯ ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތިން ވަނަ ސެމީ ފައިނަލުގައި ރޭ ފޯރިގަދަ މެޗަކަށް ފަހު ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެމްކޯ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ލޮރެންޒޯގެ މައްޗަށް ވެމްކޯ އިން ކުރިހޯދީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ލޮރެންޒޯގެ މައްޗަށް ވެމްކޯ އިން ހޯދި ދެ ވަނަ މޮޅެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ރޭގެ މެޗުގައި ލޮރެންޒޯ އިން ފުރަތަމަ ސެޓު ގެންދިޔައީ ފޯރިގަދަ ކުޅުމަކަށް ފަހު 23-25 އިންނެވެ. ދެ ވަނަ ސެޓުގައި ވެމްކޯ އިން ކުޅުން ރަނގަޅުކޮށް ތަފާތު ދައްކަން ފެށި އެވެ. ވެމްކޯ އިން ދެ ވަނަ ސެޓު ގެންދިޔައީ 17-25 އިންނެވެ. ކޮންމެ ޓީމެއް އެއް ސެޓު އެއް ސެޓުން އެއްވަރުވެފައި އޮތުމުން ލީޑުނަގަން ތިން ވަނަ ސެޓުގެ މުހިއްމުކަން ދެ ޓީމަށް ވެސް އޮތީ ބޮޑުވެފަ އެވެ. މުހިއްމު ވަގުތުގައި ތަފާތު ދައްކައި ތިން ވަނަ ސެޓު ގެންދިޔައީ 21-25 އިން ވެމްކޯ އިންނެވެ. ދެ ސެޓު ލިބުމުން ކޮންފިޑެންސާ އެކު ކުޅެ ވެމްކޯ އިން ވަނީ ހަތަރު ވަނަ ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ވެމްކޯ އިން މި ސެޓު ގެންދިޔައީ 19-25 އިންނެވެ.

ގައުމީ އަންހެން ވޮލީޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ ކޯޗުކަމުގައި ކުޅޭ ވެމްކޯ މޮޅުކޮށްދިނުމުގައި ރޭގެ މެޗުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިމިނަތު އަރީޝާ (އަރީ) އެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އަރީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މާދަމާރޭ ކުޅޭ ފައިނަލުގައި ވެމްކޯ އިން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިހާ ދެކޮޅަށެވެ. ޕޮލިހުން ވަނީ މި ފަހަރުގެ މުބާރާތުގައި ދެ ފަހަރެއްގެ މަތިން ވެމްކޯ ބަލިކޮށްފަ އެވެ. ލީގު ބުރުގައި ޕޮލިހުން ވެމްކޯ ބަލިކުރީ 3-1 ސެޓުންނެވެ. އެކަމަކު ފުރަތަމަ ސެމީގައި ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ވެމްކޯގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލް މެޗަކީ ޕޮލިހުގެ ކިބައިން ބަދަލުހިފަން ވެމްކޯ އަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އަނެއްކޮޅުން މި ފަހަރުގެ ވޮލީ ސީޒަނުގެ ދެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ވެމްކޯ އަށް އެބައޮތެވެ. ވެމްކޯ އިން ވަނީ މި އަހަރުގެ އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ޕޮލިހުން މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި ފޮނަދޫ މެދުއަަވަށު ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ. ފައިނަލްގައި ވެމްކޯ އަދި ޕޮލިސް ކުޅޭ މެޗު އޮންނާނީ މާދަމާރޭ 8:30 ގަ އެވެ.