02 ޖެނުއަރީ 2020 - 22:30
މީގެ ދެ މަހެއްހާ ދުވަސް ކުރިން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގެ ކޯޗުކަމާ ހަވާލުވި ރާއްޖޭގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އެ ޓީމުގެ ކޮންޓްރެކްޓް އުވާލައި މަގާމުން މިއަދު ވަކިވެއްޖެ އެވެ.
މި ނިންމުން މިއައީ ނިޒާމްބެގެ ކޯޗުކަމުގައި އެ ޓީމުން ވާދަކުރި ފުރަތަމަ މުބާރާތް ކަމަށްވާ ފެޑެރޭޝަން ކަޕުގެ ކުއާޓާ ފައިނަލުން ޕޮލިސް އެފްސީ އަތުން 3-1 އިން ބަލިވި ކެޓުމާ ގުޅިގެންނެވެ.
ނިޒާމްބެ ސޯޝަލް މީޑިއާގައި ބުނީ ދެ ފަރާތް ގަބޫލުވެގެން، ކްލަބުގެ ކޮންޓްރެކްޓް އުވާލުމަށް ވިސްނުންތެރި ފިޔަވަޅެއް އަޅާފައިވާ ކަމަށާއި ކުރިމަގުގެ ޕްލޭންތަކާ އެކު އަނެއްކާ ކުރިއަށް ދަތުރުފެށީ ކަމަށެވެ.
ފެޑެރޭޝަން ކަޕުން ކެޓިޔަސް ނިޒާމްބެ މިހާތަނަށް ވެސް ހުރީ އެ ޓީމާ އެކު ކުރިއަށް ދިއުމުގެ އުއްމީދުގަ އެވެ. އޭނާގެ ކޯޗުކަމުގައި ސައިފުން ކުޅުނު ވާދަވެރި ދެ މެޗުގައި ދެއްކި ކުޅުމުގައި ނިޒާމްބެ ބޭނުންވާ ސިސްޓަމަށް މަޑުމަޑުން އެ ޓީމު އައީ ހޭނެމުންނެވެ. ނިޒާމްބެ ދެކޭގޮތުގައި އޭނާގެ އެ ރޭވުންތައް އެ ޓީމުގައި ވެސް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑެވެ. އެކަމަކު އޭނާ ވަނީ މިއީ އުނދަގޫ މަސައްކަތެއްކަން ފާހަގަކޮށް ގޮންޖެހުންތައް ހުރި ކަމުގެ އިޝާރާތެއް އިއްޔެ ކޮށްފަ އެވެ.
"މިއީ އުނދަގޫ މަސައްކަތެއް. މި ތަނުގައި ގިނަ ބަޔަކު ގަބޫލުކުރަނީ ޔޫރަޕްގެ ކޯޗުންނަށް. އަހަރެން މިތަނުގައި މަސައްކަތް މިކުރަން ޖެހެނީ މިހެން ހުރި ވަރަށް ގިނަ ކަންތައްތަކާ ދެކޮޅަށް. މިއީ ދެކުނު އޭޝިއާގެ ކޯޗުންނަށްޓަކައި ވެސް ވަރަށް ވިސްނުންތެރިކަމާ އެކު ރަނގަޅަށް ކުރަން ޖެހޭ މަސައްކަތެއް،" ނިޒާމްބެ ބުނެފައިވެ އެވެ.
ފެޑެރޭޝަން ކަޕްގެ ފުރަތަމަ މެޗުން ސައިފް އާއި ރަހުމަތުގަންޖާ ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. އެކަމަކު ދެ ވަނަ މެޗުން ޝެއިހް ޖަމާލް ޑީސީ އަތުން 3-1 އިން މޮޅުވެ ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ސައިފް ކުއާޓާ ފައިނަލަށް ދިޔަ އެވެ. އެކަމަކު ކުއާޓާ ފަހަނައަޅައި ދެވޭ ގޮތްނުވީ އެވެ.
ނިޒާމްބެ ސައިފްއާ ނޮވެމްބަރު މަހު ހަވާލުވީ ރާއްޖޭގެ ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވުމަށް ފަހު އެވެ. ނިޒާމްބެ މިދިޔަ އަހަރުގެ މެދުތެރޭގައި 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ. އެކަމަކު ބޭރުން ފުރުސަތު ލިބުމުން އެފްއޭއެމްއާ ވާހަކަ ދެއްކުމަށް ފަހު ފުރުސަތުގެ ބޭނުން ހިފީ އެވެ.
އޭގެ ކުރިން އޭނާ ހުރީ ޓީސީ ސްޕޯޓްސް ކްލަބުގަ އެވެ. ޓީސީ އަށް2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ.
ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ފާހަގަކުރެވުނީ، ޒުވާން ކުޅުންތެރިން ކުރިއަރުވައި އަދި އޭނާގެ ގޭމް ޕްލޭނުގައި ހާއްސަ ސްޓައިލަކަށް އަބަދުވެސް ޓީމު ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. ނިޒާމްބެގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތުގައި، 2006 ގައި ވިލިނގިލީ ވިޔަންސާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީ މުޅިން އާ ކުޅުންތެރިން ގޮވައިގެންނެވެ. ހަގީގަތުގައި އެ ޓީމަކީ ދެ ވަނަ ޑިވިޝަނުން އައިސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުން މިހާރު އާއްމުވެފައިވާ ވުމުގެ ވެސް ފެށުމެވެ. އޭގެ ފަހުން ލ. ކަޅައިދޫ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ގެނެސް ކުޅުވި އެވެ. ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން
03 January 2020
ނިޒާމް އަކީ ތަހުޒީބުވެފައި ހުލްގުހެޔޮ ރީތި ޢަހުލާގެ ހިފެއްޓޭތޯ ބަލާ މީހެއް.ނާކާމިޔާބީގައި އޮންނާނީ ހިތްވަރުކުރުން
އަލީ ރާޖާ
03 January 2020
މި ރާއްޖޭގެ ޓީމެއްގެ ކޯޗުކަމުގަ ބަންގާޅު މީހެއް ހުންނަން ދިވެހިން ނޭދޭނެ ގޮތަށް އެމީހުންނަށްވެސް ގަބޫލް ކުރެވުނީ އެމީހުންގެ ޓީމެއްގެ ކޯޗުކަމުގަ ދިވެއްސެއް ހުރެގެން ނުވާނޭ
ރޭސިސްޓް
03 January 2020
ރޭސިސްޓުންނަށް މުޅި ދުނިޔެވެސް ފެންނާނީ ނަސްލީ ކޮށި ވިސްނު މުން.
މޮޔަނުގޮވާ
03 January 2020
އަލީ ރާޖާ ކަންނަންނޫރައްދޭ. ވިސްނުންތިހިރީ ސޭކު ކަމުގެވެސް ހައްދުން ނެއްޓިފެ
ބަބުރުލް ސަލީމް
03 January 2020
ނިޒާންބެ އުޅޭހެން ހުރިހާ ސިޔާސީމީސްތަކުން އުޅޭނެނަމަ ކިހާ ރަނގަޅު.
ނުރަބޯ
02 January 2020
ރަނގަޅަށް ވިއްޔާ ބޭރުކުރީ
މޮޓްސް
02 January 2020
އަނހާ މިވީކިހިނެތް؟ ދިވެހި ގައުމީ ޓީމަށް ގެންނަން އުޅޭހެން ހާދަ ހީވެއޭ...
ޞައްތު
03 January 2020
މާ ބޮޑައް އިނގިގެން ނޫޅެބަލަ.
ފުރުސަތު
03 January 2020
ގައު މީ ޓީ މަށް ރަގަޅު ފުރުސަތެއް! އެގިދާނެތާ.