06 ޖެނުއަރީ 2020 - 11:12
ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ޓާގެޓްކޮށްގެން، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ވޯލްޑް އެތުލެޓިކްސްގެ ލެވެލް އެކެއްގެ ކޯޗަކު ބެހެއްޓުމަށް އަމާޒުކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ލެވެލް އެކެއްގެ ފުރަތަމަ ކޯސް ފުވައްމުލަކުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 20-31 އަށް ބާއްވާ މި ކޯހުން 24 ޖާގަ ހުޅުވާލައި އޭގެ ތެރެއިން 16 ޖާގަ ހާއްސަ ކޮށްފައިވަނީ ފުވައްމުލަކަށެވެ. އަނެއް އަށް ޖާގަ ދީފައިވަނީ އެހެން ރަށްރަށުގެ ކޯޗުންނަށެވެ. ރަށުން ބޭރުން އަންނަ ބައިވެރިންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭނެ އެވެ. ފުލްޓައިމްކޮށް ކިޔަވައިދޭ މި ކޯހުން ޖާގަ ދިނުމުގައި އިސްކަންދޭނީ އެތުލެޓިކްސްގައި ހަރަކާތްތެރިވާ ކޯޗުންނަށެވެ. ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮލިމްޕިކް ކޮމިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެން އެސޯސިއޭޝަނުން ރާވާ މި ކޯހުގެ ޑިރެކްޓަރަކީ އަދި ޗީފް ލެކްޗަރާއަކީ ލެވެލް ދޭއްގެ ލެކްޗަރާ އެސް.ޕީ މޫސާ ރަޝީދެވެ. އޭނާ ވަނީ މީގެ ކުރިން ސްރީ ލަންކާގައި ބޭއްވި ކޯހެއް ވެސް ހިންގައިފަ އެވެ. އެސް.ޕީ ގެ އެހީތެރިޔެއްގެ ގޮތުގައި ޕާކިސްތާން ލެކްޗަރާއެއް ވެސް ބައިވެރިވާނެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ ކޯޗުން އުފެއްދުމަކީ "ވިހިވިއްސަށް" އެ އެސޯސިއޭޝަނުން ކަނޑައެޅި ޓާގެޓެއް ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރުވެރިން ތިބުމާ އެކު ބޭނުންވަނީ ހުނަރު ހޯދައި އެ ކުދިންނަށް މަގުދައްކާނެ ކޯޗުން އުފެއްދުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2021 ނިމެންވާއިރަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ލެވެލް އެކެއްގެ މަދުވެގެން އެއް ކޯޗު ހުރުން،" މުންތަގިމް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޒުވާން ދުވުންތެރިޔާ ނާއިލް (ވ) އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ލެވެލް އެކެއްގެ ކޯޗިންއަކީ އެތުލެޓިކްސް ޓްރެކް އަދި ފީލްޑުގެ ހުރިހާ އިވެންޓަކަށް ވެސް ހާއްސަ ކޯހެކެވެ. އަދި މި ކޯހުން ކަނޑައަޅާ ވަރަކަށް ފާސްވެ އިތުރު އަހަރެއްހާ ދުވަހު ހިދުމަތުގައި ދެމިހުރެފި ނަމަ ލެވެލް ދޭއްގެ ކޯހުގައި ބައިވެރިވޭނެ އެވެ. ވަކި އިވެންޓްތަކަށް ހާއްސަވެ ހަދަން ޖެހޭ ލެވެލް ދޭއްގެ ކޯސްތައް މި ސަރަހައްދުން ބާއްވަނީ އިންޑޮނީޝިއާގަ އެވެ. ލެވެލް އެކެއްގެ ކޯސް ފުރިހަމަކުރާ ކޯޗުންގެ ތެރެއިން ޝަރުތުހަމަވާ ކޯޗުންނަށް އަހަރުގެ ތެރޭ ލެވެލް ދޭއް ހެދުމުގެ ފުރުސަތު އެސޯސިއޭޝަނުން ދޭނެ އެވެ. މާނައަކީ އެ ޝަރުތު ފުރިހަމަ ކުރުމަށްޓަކައި ހިދުމަތުގައި އަހަރެއްހާ ދުވަހު ކޯޗުންނަށް ދެމި ތިބެން ޖެހި އެ ކޯޗުންގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ލިބުމެވެ.
އެސޯސިއޭޝަނުން މިހާރު ރަސްމީކޮށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަނީ މާލެ އާއި އައްޑޫ އަދި ކުޅުދުއްފުށީގަ އެވެ. އައްޑޫ އާއި ކުޅުދުއްފުށީގައި ޖޫނިއާ އުމުރުފުރާ އިން ފެށިގެން ތަމްރީންދޭ އިރު މާލޭގައި ވެސް މި އަހަރުން ފެށިގެން އެ އުމުރުގެ ކުދިންނަށް ތަމްރީންދޭން ފަށާނެ އެވެ. އަދި މެދުކެނޑުމަކަށް ފަހު ގދ. ތިނަދޫގައި އަދި ފުވައްމުލަކުގައި ވެސް ތަމްރީންތައް ފަށާނެ އެވެ.
މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭ ހޯދި ކުރިއެރުންތަކާ ކާމިޔާބީތަކާ އެކު އެތުލެޓިކްސް ވެފައިވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ކާމިޔާބު ރާއްޖޭގެ ކުޅިވަރަށެވެ. އެގޮތުން ދުވުންތެރިޔާ ހަސަން ސާއިދު ވަނީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ އެ ފަހަރު 200 މީޓަރު ދުވުމުން އަދި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy