13 ޖެނުއަރީ 2020 - 12:51
މިވަގުތު ސަސްޕެންޝަނުގައި އޮތް ވިކްޓްރީގެ ޗެއާޕާސަންގެ ކަމުން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އިސްތިއުފާ ދެއްވަން އެ ކްލަބުގެ ބޯޑް މެމްބަރު އަދި ޒަމާންވީ ހިދުމަތްތެރިޔާ އަހުމަދު ރިޔާޒް (ގާނާ) ގޮވާލައިފި އެވެ.
އޭނާ އިސްކޮށް ހުރެގެން ނާޝިދު އިސްތިއުފާ ދިނުމަށް ގޮވާލައި ފުޓްބޯޅަ ސަޕޯޓަރުން، ހާއްސަކޮށް ވިކްޓްރީ ސަޕޯޓަރުން ސޮއިކުރުމަށް ގަލޮޅު ކަންމަތީގައި ޕެޓިޝަނެއް ވެސް އަންނަނީ ރޭއްސުރެ ހިންގަމުންނެވެ.
އެފްއޭއެމުން ވިކްޓްރީ ސަސްޕެންޑްކުރީ އެ ކްލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައިނުވާތީ އެވެ.
ގާނާ މިއަދު "މިހާރަ"ށް ބުނީ އެ ހާލަތަށް ދިއުމުގައި ނާޝިދުގެ ޒިންމާއެއް އެބައޮތް ކަމަށާއި އޭނާ އަށް ކްލަބެއް ވަގުތެއް ނުދެއްވި ފައިސާއެއް ވެސް ނުވެއްދޭ ކަމަށެވެ.
ގާނާ ވަނީ ވިކްޓްރީގެ ހާލަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅެއް ހޯއްދަވަން އެޕޮއިންޓްމަންޓަކަށް ވެސް އެދިފަ އެވެ. ރައީސް ވަނީ ވިކްޓްރީގެ ކްރިކެޓް ޓީމަށް ކުޅުއްވައި އަދި އެ ކްލަބުގެ ބޯޑް މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ވިކްޓްރީ ހިންގުމަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން ނާޝިދު އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ސީޒަނުގެ ކުރީކޮޅު އިސްތިއުފާ ދިނީ އެވެ.
ވިކްޓްރީ އަށް މި ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެ ކްލަބުން މިދިޔަ އަހަރު ކުޅުންތެރިންނަށް ދޭން ހުރި ފައިސާ ދޭން އެއްބަސްވުމުންނެވެ. ނާޝިދު ވިދާޅުވެފައިވަނީ އެ ކްލަބަށް މިދިޔަ އަހަރު ލިބުނު ހުރިހާ ފައިސާއެއް ވެސް ހޭދަކުރަމުން އައީ އޭގެ ކުރީ އަހަރުގެ ދަރަނިތައް ހަލާސްކުރަން ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތިން މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާ މިދިޔަ އަހަރު އޭނާ ވިދާޅުވެފައިވެ އެވެ. ނާޝިދު އެހެން ވިދާޅުވި ނަމަވެސް 2018 އަހަރުގެ މުސާރަ ނުލިބިގެން ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ހުށަހަޅައިފަ އެވެ.
ގާނާ (ކ-2) އޭނާގެ ބައްޕަ (ވ-2) އާއި ތިން ކޮއްކޮ ކަމަށްވާ ޝިނާ (ކ) އާއި ސުޒޭން (ވ) އަދި ނަޒީހާ އެކު: އެ އާއިލާ އިން ވިކްޓްރީ އަށް ގިނަ ހިދުމަތްތަކެއްކޮށްފައިވޭ.
ނާޝިދު އަދި ވިކްޓްރީން އޭރު ތުހުމަތުކުރީ އެފްއޭއެމުން އެ ކްލަބަށް ދަތިކުރަނީ ކަމަށެވެ. ސަބަބަކީ އެފްއޭއެމްގެ ބޯޑް މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމެވެ. ނިއު ރޭޑިއަންޓުން މައްސަލަ ހުށަހަޅާފައި އޮއްވާ އެ ކްލަބް އެންމެ ފުރަތަމަ ސަސްޕެންޑްކުރީ އެވެ. ފަހުން އެކަމާ ހަވާލުވީ ވިކްޓްރީންނެވެ. އެކަމަކު ބައެއް ކްލަބްތަކުން ނަން އަނބުރާ ނެގުމުން އެ ވޯޓް ނެގޭ ގޮތެއް ނުވި އެވެ.
ގާނާ އިސްކޮށް ހުރެ ނާޝިދުގެ އިސްތިއުފާ އަށް ގޮވާލާ އަޑުތައް ގަދަވީ ކްލަބުގެ ނަމުގައި ނާޝިދު ހުކުރު ދުވަހު ބަޔާނެއް ނެރުއްވުމުންނެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުޓްބޯޅައިގެ ހަރަކާތްތަކުން އެ ކްލަބް ސަސްޕެންޑްކުރި ނަމަވެސް އެ ކްލަބް އެއް ވަނަ ޑިވިޒަނުގައި ހިފެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދި އެފްއޭއެމުން ވަކި ގޮތަކަށް އަމާޒުކޮށްގެން ދަތިކުރުމުގެ އަމަލުތަކުގެ ތެރެއިން އެއް ވަނަ ޑިވިޒަނުގެ ފުޓްބޯޅައިން ބޭރުވާން ޖެހިއްޖެ ހާލަތެއްގައި ވެސް ކްލަބުން ދިވެހި ފުޓްބޯޅައަށް ދެމުންދާ ހިދުމަތް މެދުކެނޑުކެއްމެތި ކުރިއަށްގެންދާނެ ކަމަށެވެ.
ވިކްޓްރީގެ ކަންކަމުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވާ ގާނާ ބުނީ ކްލަބް މި ހާލަތުގައި އޮތުމުން ވަރަށް ހިތާމަކުރާ ކަމަށާއި ނާޝިދު އިސްތިއުފާ ދީފި ނަމަ ކްލަބް ފުރަތަމަ ޑިވިޝަނުގައި ބާއްވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި އެކަމަށް މަގުތަކެއް ވެސް ފެނިފައިވާ ކަމަށެވެ. ގާނާ ވަނީ މި މައްސަލައިގައި، ނާޝިދުގެ ބައްޕާފުޅު އަދި ވިކްޓްރީގެ ރަންޒަމާނުގައި ކްލަބް ހިންގެވި ކެނެރީ އަބްދުއްސައްތަރާ ވެސް ބައްދަލުކޮށްފަ އެވެ.
"ނާޝިދުގެ އިސްތިއުފާ އަށް ގޮވުމުގެ ކުރިން، އަހަރެމެން ގަބޫލުކުރާ އަސްލު ވިކްޓްރީ ޗެއާމަން (ކެނެރީ އަބްދުއްސައްތާރު) އާ ބައްދަލުކޮށް މި ވާހަކަ ކިޔާދިނީމާ ބުނީ އަހަންނާއި ޕަޓޭ (އަހުމަދު އަރީޝް) އާ ދޭތެރޭ ހިތްބުރަކަމެއް ނުބާއްވާނަމޭ. އަދި ނާޝް ކައިރީ ވެސް އެއްޗެއް ނުބުނާނަމޭ،" ނާޝިދުގެ އިސްތިއުފާ އަށް ގޮވަލީ "އަސްލު" ޗެއާމަންގެ ރުހުން ހޯދައިގެން ކަމަށް އިޝާރާތްކޮށް ގާނާ ބުންޏެވެ.
ވިކްޓްރީގެ ފުޓްބޯޅަ ޓީމާއި ކްރިކެޓް ޓީމަށް ކުޅުނު ގާނާ ފަހަކަށް އައިސް ވިކްޓްރީ ހިންގުމުގެ ތެރެއިން ފެނުނު ނަމަވެސް އޭނާ އަންނަނީ އޭގެ މާކުރިން ފެށިގެން ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ކްލަބަށް ހިދުމަތްކުރަމުންނެވެ. އެންމެ ފުރަތަމަ ދިޔައީ އެ ކްލަބުގެ ކުރީގެ ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދުގެ ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގަ އެވެ. އެކަމަކު 1994 ވަނަ އަހަރު ވާދަވެރި ނިއު ރޭޑިއަންޓް އަތުން ބޮޑު ތަފާތަކުން ވިކްޓްރީ ބަލިވިހިސާބުން ފެށިގެން ކްލަބަށް އެހީވެދޭން ނުކުތް ގޮތަށް ރަސްމީ ގޯލްކީޕަރު ޓްރެއިނަރަކަށްވީ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދަށް ވިކްޓްރީގައި 2001-2008 އަށް ގާނާ ތަމްރީން ދިނެވެ. ވިކްޓްރީން 2002 ވަނަ އަހަރު، ގައުމީ ފުޓްބޯޅަ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ގާނާ މެންގެޔަށް ހަތަރު މެޑަލް ވަންއިރު އޭގެ ތެރޭގައި އޭނާގެ މެޑަލް ހިމެނެ އެވެ. އަނެއް ތިން މެޑެއްޔަކީ އޭރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އޭނާގެ ކޮއްކޮ އަލީ ސުޒޭނާއި އެ ޓީމަށް ކުޅުނު ގާނާގެ ދެކޮއްކޮ ކަމަށްވާ މުހައްމަދު ނަޒީހާއި އިބްރާހިމް ޝިނާޒް (ޝިނާ) ގެ މެޑެއްޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެދުރުބެ
13 January 2020
ޢިޙްސާސް ބުނަން ހަމަ ތިޔަގޮތައް ދިވެ ހި ބާސްކެޓް ވެސް ނެތިގެން ހިގައްޖެ ބޯގަންވިލާ ދެބެންނާއި ހެދި
މީހުންތައް
13 January 2020
ޙަމަ ބުނެލަން ބޭނުންވަނީ ސުޕުން އައް އިސްތިއުފާ އައް ގޮވާލާނެ މީ ހަކު ހުރިނަމައޭ ، މާނަ އަކީ ގާނާކަ ހަލަ މީ ހަކު
ޙަސަނަ
14 January 2020
ބަލަ ތިޔަ ސުޕުން ގަނޑު ބޭރުކުރަން އުޅުން މީ ހުން މިޔަދު އޭނަ ދިފާއުގަ ދޯ އެޑަމް
ޢިޙްސާސް
13 January 2020
ރޭގަ ކެފޭއެއްގަ ސައިބޯންއިންއިރު ޓީވީއިން ދައްކަނީ ގައުމީ ވޮލީ މުބާރާތުގެ ފައިނަލު މެޗް. ފޯރި ގަދަކަމުން ހީވަނީ ފުރާޅު ވެއްޓިދާނެހެން. ވޮލީ މުބާރާތުގަ ޓީމު މަދަސް މި ފުޓުބޯޅައަށް ވުރެ ފޯރިގަދަ. ބަލާހިތްވެސް މިހާރުވޭ. ނިއު ވިކްޓަރީ ގެއްލިގެން އެދަނީ ހިންގަން ތިބި ކޫސަނި ބައެއްގެ ސަބަބުން. ދަރާ ވިކި ނިމިއްޖެ. ލިބުނު ލާރިއަށް ވީނުވީއެއް ނޭންގޭ. ބައްސާމެކޭ މިމީހުނެކޭ ކޮބާ ތަފާތެއް. ގާނާ ކުރާ މަސައްކަތަށް ސާބަސް.
ވިކްޓަރީ
13 January 2020
މިއަދާ ހަމައަށް ވިކްޓަރީ ނުގެއްލި އޮތީ ގާނާގެ ގިނަ ގުރުބާނީއާއި މަސައްކަތުން. ނަޝީދަށް ތިކަން ނުވިކަން ފެނިއްޖެ. ޢަވަހަށް އިސްތިއުފާ ދީ.
ކަރީމުއްދީން ބާޝާ
13 January 2020
އަސްލުވެސް ނާޝިދު އެބަޖެހޭ ދުރަށްޖެހެލާން. ވަރަށްވަރަށް ގިނަވަގުތު އޭނާއަށް ދެވިއްޖެ. އެކަމަކު ލިބުނުކުރިއެރުމެއް ނެތް.
ނަގިއްޔާ
13 January 2020
ވިކްޓަރީތީ ބޭރު ކުންފުންޏެއްނަމަ ހިންގަތިބި މީހުން ސައްޕެއްޖަހާ ބޭރު ކުރިކުރީނުން (ޖެހި ބާރުކަމުން) އަދިވެސް ބިމުގަ ނުޖެހޭނެ.
ބަބުރަންޖީ ހާޖީ
13 January 2020
ކޮމެންޓު މަޖާކަމުން ހަމަ ހިނިއަންނަނީ. އަދިވެސް ބިމުގާނުޖެހޭނެކަން ޔަގީން.
މަނިކެ
13 January 2020
ގަލޮޅުގެ ދުވަސްވީ މީހެއްގެ ހައިސިއްޔަތުން ބުނަން. މައުރޫފް ވިކްޓަރީއާ ވައި އެޅޭހާ ދުވަހަކު ވިކްޓަރީގެ ކަމެއްގަ ނޫޅޭނަން. ދުވަހަކު ހިތުން ނުފިލާނެ ނިއު ގައުމީ ތަށީ މިލްކު ކުރި އަހަރު އޭނަ ވިކްޓަރީއަށް ދިން ދެރަ.
ބާބާ
13 January 2020
މާއްޓޭގޭ ވާހަކަ ނުދެއްކިއްޔާ ރަގަޅީ. ވިކްޓަރީ ސިކުންތަކާ ފަޅިއަކުން ރެލިގޭޝަނުން ސަލާމަތްވިދުވަހު ގަލޮޅު ދަންޑަށް އަރާ ރޮއިރޮއި ދެން ދުވަހަކުވެސް އެފަދަ ދެރަގޮތެއް ކުލަބަށް ނުވެދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމެއް ބުނި. އެދުވަހު ވާހަކަ ދެއްކިގޮތުން ހީވީ މާގިނަ ދުވަސްތަކެއްނުވެ ވޯލްޑް ޕްޓްބޯލް ކުލަބު ރޭންކިންގަ ރިއަލް މެޑްރިޑްގެ ފަހަތުގަ ދެވަނައަށް އޮންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބުކަމަށް.
ޤާދިރު
13 January 2020
ނިއު ޤައުމީ ތަށި މިލްކު ކުރުމުން ކަނބުލޮ ވަރަށް ބޮޑަށް ހިތުގަ ޖެހިއްޖެ ދޯ؟
ރޫހީ
13 January 2020
ވިކްޓަރީ މިހާލަތަށް ދިއުމުގެ ޒިންމާ ނާޝިދުއާ މައުރޫފް ނަގަންޖެހޭ. މިދެމީހުން ވިކްޓަރީއާ ހަވާލުވީ ވިކްޓަރީއަށް ޙިދުމަތްކުރުމަށްވުރެ ބޮޑަށް ވިކްޓަރީގެ ނަން ބޭނުންކޮށްގެން އެހެން ކަމެއް ކުރަން.
އިސާފުޅު
13 January 2020
ހަގީގަތަކީ ވިކްޓަރީ އެއީ ތިމަންނަގެ އެއްޗެކޭ ކިޔާފަ އަނގަ ހުޅުވާލެވެން އޮތް ހަމައެކަނި މީހަކީ ގާނާ. ލާރިއަށް އެއްމެން ދުވިއިރުވެސް ދެގޮތެއް ނުވެ ވިކްޓަރީއަށްޓަކާ ހުރީ ގާނާ.. ނާޝް އެކަންޏެއް ނޫން މާއްޓޭވެސް ދުރުކުރަން ޖެހޭ. އޭނަޔާ ހެދި ނޫންނަމަ ނިއުއަކަށް ގައުމީ ތަށި މިިލްކު ނުވީސް. މިއީ ވަރަށް ވާހަކަ. އެނގި ހުރެގެން މިބުނީ.
ޚލމހ
13 January 2020
ނިއުއަށް މިލްކުވުމަކުން ގޯހެއް ނެތް. ވިކްޓަރީ ހިންގަން އެބަޖެހޭ. ގާނާ ފަދަ އެތައް ބަޔަކު އުފައްދައިގެން ވާނީ.
ޤާދިރު
13 January 2020
ތަޤުދީރުގައި އެކަމެއް ވާން އޮތްގޮތަކަށް އެކަމެއް ނިމިގެން ދާނެ. ކޮންމެ ކަމަކަށް ވެސް ސަބަބެއް މެދުވެރިވާނެ. ނަމަ ކިޔުމުގެ މާނައެއްނެތް.
ކުމާރުު
14 January 2020
ނިއު އަށް ގައުމީ ތަށި މިލްކުކޮށްދޭން މާއްޓޭ ކުރީ ކޮންކަމެއްބާ؟