ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އަލުން ދެ ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ކްލަބް ގްރީން ސްޓްރީޓްސް 4-2 އިން ބަލިކޮށް އީގަލްސް އަލުން ދެ ވަނަ އަށް އަރައިފި އެވެ.


މި މެޗަށް ނުކުތްއިރު އީގަލްސް އަށް ދެ ވަނަ ގެއްލުނީ ރޭ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުން ފޯކައިދޫ އަތުން މޮޅުވެ، ދެ ވަނަ އަށް އެރުމުންނެވެ. އީގަލްސް އަލުން ދެ ވަނަ ހޯދީ 19 މެޗުން 39 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އަށް 19 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.

ދެ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ގިނަ ބަދަލުތަކެއް ފެނުނު މި މެޗު ފަށައިގެން ދެ ޓީމަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ފުރަތަމަ 15 މިނިޓަށް ފަހު އީގަލްސް އިން ގްރީން ސްޓްރީޓްސް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ.

ފުރަތަމަ ހާފުގައި އީގަލްސް އިން ފޮނުވާލި ނުރައްކާތެރި ތިން ހަމަލާގެ ހުރަހަކަށްވީ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ހަސަން އަލީފް އިބްރާހިމް އެވެ. އީގަލްސްގެ ލޯން އެއްބަަސްވުމެއްގެ ދަށުން ގްރީން ސްޓްރީޓްސްއާ ގުޅުނު އަލީފް ވަނީ އީގަލްސްގެ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ޝޮޓްތައް ހުއްޓުވައިފަ އެވެ. މީގެ ތެރެއިން އެންމެ ރަނގަޅު ބޯޅައެއް ފޮނުވާލީ ޓޮޝީ އެވެ. ހަންނަ ހުސްކޮށްލާފައި ގޯލު ކުރިމަތީގައި ހުރި ޓޮޝީ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަލީފް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގައި އެ ޓީމުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ހުސްކޮށްލާފައި ދިން ބޯޅަ އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ހަަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އަށް ލީޑުހިފަހައްޓައިލެވުނީ ހަތަރު މިނިޓް ވަންދެނެވެ. އޭގެ ފަހުން ގާތްގާތުގައި އީގަލްސް އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ރިޒޭ ވަނީ އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ ހަ މިނިޓް ފަހުން މެޗުގެ 59 ވަނަ މިނިޓްގައި ހަންނަ އީގަލްސް އަށް ލީޑުނަގަދިންއިރު، ޖެހިގެން އައި މިނިޓްގައި ޓޮޝީކީ ވަނީ އީގަލްސް އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ހަންނަ ނަގައިދިން ހުރަސް ގޯލަށް ވަނީ ހަނި އޭންގަލުންނެވެ. އަދި ޓޮޝީކީ ގޯލު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

އީގަލްސް އިން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މި ހާފުގައި އަލީ ފާސިރު (ސެންޓޭ) އާއި ފަރުހާދު އިސްމާއިލް (ފަރޭ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ރިޒޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޒޭ ހެޓްރިކް ހަދަން ފޮނުވާލި އެއް ހަމަލާ ދަނޑި އަށް އަމާޒުވިިއިރު، އަނެއް ބޯޅަ ކީޕަރު އަލީފް ވަނީ ހުއްޓުވައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 85 ވަަނަ މިނިޓްގައި މުހައްމަދު މުސްލިހު (މުއްޓި) އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުއްޓި މި ލަނޑު ޖެހީ މުހައްމަދު ރިސްވާން (ފުކޭ) ދިން ބޯޅައަކުންނެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި މެޗުން މޮޅުވުމުގެ ހިތްހަމަޖެހުން ލިބުނު ކަމުގައި ވިޔަސް ކުޅުމާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މިއީ ބަލިވުން ވެސް ގާތް މެޗެއް ކަމަށާއި މޮޅުވެވުނީ ގާތްގާތުގައި ލަނޑުތަކެއް ޖެހުމުން ކަމަށް މޯހަން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ގްރީން ސްޓްރީޓްސް ކޮޅަށް އެންމެ ފަހުން ވަން 12 ގޯލުގެ ތެރެއިން އަށް ގޯލު ވަނީ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ޓްރާންސްފާ މާކެޓްގައި ގްރީން ސްޓްރީޓްސް އަށް ބަދަލުތަކެއް އައިސްފައިވުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮމްބިނޭޝަން ރަނގަޅުކުރަން މާ ގިނަ ކަންތައްތަކެއް ނުކުރެވޭނެ ކަމަށާއި އެކަންތައްތައް ރަނގަޅުކުރެވޭނީ މެޗުތައް ކުޅުނު ވަރަކުންކަން ސުޒޭން ފާހަގަކުރި އެވެ.