02 ފެބުރުއަރީ 2020 - 14:26
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައިވާތީ މާޒިޔާ އިން އޭއެފްސީ ކަޕަށްދާނީ ބޮޑު އިތުބާރަކާ އެކު ކަމަށް ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
މި އަހަރުގެ ލީގުގެ ޗެމްޕިއަންގެ ގޮތުގައި މާޒިޔާ އަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުވެފަ އެވެ. އެކަމަކު މި ސީޒަނުގައި މާޒިޔާ އަށް ގްރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުކުރަން އޮތީ ނިސްބަތުން އުނދަގޫ މަސައްކަތެކެވެ. ކޮލިފައިންގެ ފުރަތަމަ ބުރުގައި މާޒިޔާ ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ޕްލޭއޮފްގައި ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ.
ބާކީ ތިން މެޗު އޮއްވައި މާޒިޔާ އިން ދިވެހި ލީގު ޗެމްޕިއަންކަން ހޯދުމާ އެކު އެ ހިސާބުން ސެކުލޮސްކީގެ ވިސްނުން ބަދަލުވީ އޭއެފްސީ ކަޕްގެ ތައްޔާރީ އަށެވެ. އެހެންވެ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި މާޒިޔާ އިން އެކި ކުޅުންތެރިންނަށް ފުރުސަތު ދީ މުޅި ޓީމު ކަހަލަ ގޮތަކަށް ތައްޔާރުކުރީ އޭއެފްސީ ކަޕަށެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި އަބަހާނީއާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ ލެގުގެ ފުރަތަމަ މެޗަށް ބަންގްލަދޭޝަށް ފުރުމުގެ ކުރިން މާލޭގައި ބޭއްވި ފަހު ފަރިތަކުންތަކުގެ ތެރެއިން ސެކުލޮސްކީ "މިހާރަ"ށް ބުނީ އޭއެފްސީ ކަޕާ ކުރިމަތިލާއިރު ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ. ލީގުގައި މާޒިޔާ ބަލިވީ ދެ ވަނަ ބުރުގައި އީގަލްސް އަތުން އެކަންޏެވެ. މިއީ ލީގެއްގައި އެ ކްލަބްގެ އެންމެ ރަނގަޅު ނަތީޖާ އެވެ.
"ގާތްގަނޑަކަށް ނުވަ މަހާއި ބައި މިވީ އަހަރެމެން އެކުގައި މަސައްކަތްކުރާތާ. އަހަރެން އައިއިރު ފުރަތަމަ ޓާގެޓަކީ ލީގު ޗެމްޕިއަންކަން ހޯދުން. ރާއްޖޭގެ ޗެމްޕިއަނުންނަށް ވުން. އެކަން ކާމިޔާބުވުމުން އަހަރެމެން ވަރަށް ހިތްހަމަޖެހޭ. އެ ރޫހުގައި އަހަރެމެން މި ދަނީ ދެން އޮތް ހަރުފަތަށް. އެއީ އޭއެފްސީ ކަޕް ކޮލިފައިންގައި ފުރަތަމަ މި އޮތް އަބަހާނީ މެޗަށް،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ ކޯޗު ސެކުލޮސްކީ "މިހާރަ"ށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއީ މެސެޑޯނިއާ އަށް އުފަން ސެކުލޮސްކީ މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ކުރާ ދެ ވަނަ ތަޖުރިބާ އެވެ. އެ ގޮތުން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވެސް ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ 2-0 އިން އަބަހާނީ ބަލިކޮށްފަ އެވެ. އެ ފަހަރު މާޒިޔާ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނީ ބެންގަލޫރާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ހެޑް ޓު ހެޑް ގަވާއިދުން ކުރި ނުލިބުމުންނެވެ.
ސެކުލޮސްކީ ބުނީ އޭރުގެ ހާލަތާއި މިހާރު ތަފާތު ކަމަށާއި އަބަހާނީ އާއި މާޒިޔާ ވެސް އޮތީ ބަދަލުވެފައި ކަމަށެވެ.
"މައިގަނޑު 10 ބަދަލެއް އަބަހާނީން ފެނޭ. ބަންގްލަދޭޝްގެ ގައުމީ ޓީމުގެ އަށް ކުޅުންތެރިން އެބަތިބި. ބިދޭސީ ވެސް ތިބީ ހުރީ އާ ކުޅުންތެރިން. އަހަރެމެން (މާޒިޔާ) އަށް ބެއްޔަސް ހައެއްކަ ކުޅުންތެރިން މި ތިބީ 2017 ގައި ކުޅުނު. އެހެންވީމަ މިއީ ތަފާތު މެޗެއް. އަޅާކިޔޭނެ ހާލަތެއް ވެސް ނެތް،" ސެކުލޮސްކީ ބުންޏެވެ.
އަބަހާނީގެ ހާލަތަށް ބަލާއިރު މާޒިޔާ އަށް ފައިދާ ނެގޭނެ ކަންތައްތަކެއް އެބަހުރި ކަމަށް ފާހަގަކޮށް ސެކުލޮސްކީ ބުނީ މި މެޗުން ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށެވެ.
"އަބަހާނީން ކުޅެނީ ވެސް ތަފާތު ސްޓައިލަކަށް. މި ވާނެ ރަނގަޅު ތަޖުރިބާ އަކަށް. އަބަހާނީ އަށް ބަލާއިރު މިއީ އެ މީހުންގެ ސީޒަނުގެ ކުރީކޮޅު. އެ މީހުން ފަަހަރެއްގައި ފްރެޝް ވެދާނެ. އެކަމަކު މެޗު ފިޓްނަސްއާ އެހެން ކަންތައްތައް އެންމެ ރަނގަޅުނުވުމުގެ ފުރުސަތު އެބައޮތް. އެކަމަކު އަހަރެމެންގެ ސީޒަނުގެ މެދުތެރޭގައި ވީމަ މީގެ އަހަރެމެން ކޮޅަށް ކަންތައްތަކެއް އެބަހުރި،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ ޓްރެއިނިންގެ ތެރެއިން ސެކުލޮސްކީ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކްލަބް ލައިސަންސްގެ ލިޔެކިޔުންތައް މައްސަލަ ޖެހި ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ލައިސަންސް ނުލިބޭތީ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ރާއްޖޭގެ އެއްވެސް ޓީމަކުން ނުކުޅެ އެވެ. އެއާ އެކު ރާއްޖޭގެ ކުޅުންތެރިންނަށް ކްލަބް ލެވަލްގައި ބައިނަލްއަގުވާމީ މެޗުތައް ގެއްލުނެވެ. އަހަރެއްގެ މެދުކެނޑުމަކަށް ފަހު އަލުން އެ ފުރުސަތު ލިބުމުން މީގެ ފައިދާ ކުރާނެކަން ސެކުލޮސްކީ ފާހަގަކުރި އެވެ.
"މިއީ ލޯކަލް ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އަދި ބިދޭސީ ކުޅުންތެރިންނަށް ވެސް މި ފުރުސަތު މުހިއްމު. ބައިނަލްއަގުވާމީ މެޗުތައް ކުޅުން ވަރަށް މުހިއްމު. އެންމެ މުހިއްމީ މި ކަހަލަ ވަރުގަދަ ބައިނަލްއަގުވާމީ މެޗުތަކުގައި ކުޅުން. އެ މެޗުތަކުން މޮޅުވުން އެއީ އެންމެ ބޭނުންވާނެ ކަންތައް،" ކުރިން މިޔަންމާގެ ޓީމުތައް ގޮވައިގެން އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ނުކުތް ސެކުލޮސްކީ ބުންޏެވެ.
އަބަހާނީއާ ދެކޮޅަށް ބަންގްލަދޭޝްގައި މާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
މާޒިޔާގެ އިތުރުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ. ޓީސީ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭއިރު، އެ ޓީމު ވަނީ 2018 ވަނަ އަހަރުގެ ކޮލިފައިން ބުރުގައި ވާދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއާޒު..
04 February 2020
ދެވަނަ ބުރުން ޖާގަ ހޯދާ ...ވީހާ ގިނަ ސަފޯޓަރުން ދަޑަށް ވަށްނަށް ޓިމާ އެކު...
ކުމާރުު
04 February 2020
ރަދީފު ދޮންކަލޯ ކޮލިފައިންގެ ފުރަތަމަ ބުރުގައި މާޒިޔާ ކުޅެންޖެހޭ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ސަސްޕެންޑް ކުރެވޭނެ ގޮތެއް އޮތްތޯ ބަލާދީބަ، ބައްސާމް، ޖަވާ އަޅެ ޕްލީޒް ޑާކާ އަބަހާނީ ސަސްޕެންޑް ކުރެވޭތޯ އޭ.އެފް.ސީ އަދި ފީފާގަ އާދޭސް ދަންނަވާބަލަ.
ބްލޫޒް
02 February 2020
ނެތްތަ އަބަހާނީ ސަސްޕެންޑް ކުރެވޭނެ ގޮތެއް؟
ކޯޗް
02 February 2020
މިކޯޗުގެ އަމަލުތައް ހުންނަގޮތުން، ހީވަނީ، ފުރަތަމަ މެޗުން ޓީމަށް ރަހަލާވަރުގެ ޖޫރުމާނާއެއް އޭ.އެފް.ސީން ކުރާނެހެން.
އާރީ
02 February 2020
އުއްމީދަކީ އަބަހާނީބަލިކޮށް ގުރޫފް ސުޓޭޖަށް ދިއުން. މާޒިޔާއަށް އެކަންވާނެ. އިންސާ ﷲ
އޭނަ
03 February 2020
އަދި އަބަހާނީ ބަލިކުރިޔަސް ގްރޫޕް ސްޓޭޖް ޔަޤީނެއްނުވާނެ. ގްރޫޕް ސްޓޭޖަށް ދަންޏާ އެބަޖެހޭ ބެންގަލޫރު (އެމީހުން ކުޅޭ މެޗުން މޮޅުވާނެ ކަމަށް ބަލައިފައި) ބަލިކުރަން. އެކަން މާޒިޔާޔަށް ނުވާނެޔެކޭ ނުބުނާނަން. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް. ބެންގަލޫރަކީ މި ސަރަހައްދުގައިވެސް އެންމެ ވަރުގަދަ އެއް ކްލަބު. ދެން އޮސްކާގެ ޓީމްވެސް ވަރަށް ތަފާތު.