އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ) އަދި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 ފެބުރުއަރީ 2020 - 15:53
އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ވުރެ ނުވަ މަސް ކުރިން، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު މެންދުރުފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ހުށަހެޅުއްވި އެ ހުށަހެޅުމަށް އެގްޒެކެޓިވް ކޮމިޓީން މިއަދު ރުހުން ދީފައިވާ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ފުޓްބޯޅަ އަކީ، ވަކިވަކި އެއްވެސް މީހަކަށް ވުރެ މާ ބޮޑު ކުޅިވަރެއް. މި އިންތިހާބުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ކެންޑިޑޭޓުންނަށް އަހަރެން ގޮވާލަން،" ފާޑުކިޔުންތަކާއި ފިއްތުންތައް ކުރިމަތިވެފައިވާ ބައްސާމް ވިދާޅުވެފައިވެ އެވެ. "ހިނގާ ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރެއިން މިކަން ކުރަމާ."
ބައްސާމް ވިދާޅުވީ ނުވަ މަސް ދުވަސް ކުރިން، އަވަސް އިންތިހާބަކަށް މި ގޮވާލަނީ ފުޓްބޯޅަ އާއިލާ އާއި ކްލަބްތަކަށް، އެ ފަރާތްތަކުގެ ފުޓްބޯޅައިގެ ލީޑާޝިޕެއް ކަނޑައަޅަން މަގު ދައްކަން ކަމަށެވެ. އަދި ފީފާ އާއި އޭއެފްސީގެ ލޯ ކުރިމަތީގައި ބާއްވާ ދެފުށް ފެންނަ އިންތިހާބެއް މެދުވެރިކޮށް އާއްމުންގެ އިތުބާރު އެފްއޭއެމަށް ހޯދުމަކީ ވެސް އަވަސް އިންތިހާބެއްގެ ބޭނުން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ.
ބައްސާމް އިންތިހާބު މި އިއުލާންކުރެއްވީ މީން ދުވަހަކު ވެސް އެފްއޭއެމަށް ކުރިމަތިނުވާ ވަރަށް ފާޑުކިޔުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ބައްސާމް އާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް މިދިޔަ އަހަރުގެ ކުރީކޮޅު ބައެއް ކްލަބްތަކުން މަސައްކަތްކުރި އެވެ.
އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް ވަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ސިގްނަލް އެންމެ ފުރަތަމަ ދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. އޭނާ އެހެން ވިދާޅުވީ، ސަރުކާރުގެ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ދައްކައި، އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މަހުލޫފު މަސައްކަތްކުރައްވަމުން އަންނަ ކަމަށް އެފްއޭއެމުން ބުނިތާ މާގިނައިރުތަކެއް ނުވަނީހެވެ.
ނިއު ރޭޑިއަންޓުން އިސް ނަގައިގެން ކުރަން ފެށި އެ މަސައްކަތުގެ ސިގްނަލެއް މަހުލޫފު ދެއްވި ދުވަހާ ވިދިގެން އައި ދުވަހު އެފްއޭއެމުން ވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް ބުނެ ނިއު ސަސްޕެންޑްކޮށްފަ އެވެ. ނިއު އިން ތުހުމަތުކުރި ގޮތުގައި ސަސްޕެންޑްކުރީ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުމުން އެކަން ހުއްޓުވަން ކަމަށެވެ.
ފަހުން އެ މަސައްކަތާ ހަވާލުވީ ވިކްޓްރީންނެވެ. އެކަމަކު އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި ވިކްޓްރީން ހުށަހެޅި ލިޔުމުގައި، ގާނޫނީ އަދަދު ހަމަނުވާ ކަމަށް ފީފާ އިން ބުނުމުން އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އެވެ. އަދި ފަހުން ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވެސް އެފްއޭއެމްއާ ސުލްހަވީ އެވެ.
ވިކްޓްރީން ވަނީ އޭރު އެފްއޭއެމާ ދެކޮޅަށް ހުށަހެޅި ކަންކަމުގެ ތެރޭގައި އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާއި ސިޔާސީ ހަރަކާތްތަކުގައި އެތަން ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަން ގުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރު ހުޅުވި ހުޅުވުމާ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.
ވިކްޓްރީން އޭރު ފާހަގަކުރި އެހެން ނުކުތާތަކުގެ ތެރޭގައި އަސާސީ ގަވާއިދާ އެއްގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވުމާއި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ސަރަހައްދީ އޮފީސްތައް ނެހެދުމާއި މުހިއްމު މުބާރާތްތައް ނުބޭއްވުން ހިމެނެ އެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގެ ޖާގަތައް ގެއްލުމުގައި އެފްއޭއެމްގެ ފަރުވާކުޑަކަން އޮތްކަމަށް ތުހުމަތު ކުރެވުމާއި ފުޓްބޯޅައާ ގުޅުން ހުރި މުހިއްމު ނިންމުންތައް އެގްޒެކެޓިވް ކޮމިޓީ އާއި ކްލަބްތަކުގެ ބަހެއް ނެތި ނިންމުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭހަން
05 February 2020
އަތްއަޅާ ބާރުކޮށް އެއިން އަތްނައްޓާނުލާން ހުރިމީހަކު ކުއްލިޔަކަށް ތިވަރުގެ ބަދަލެއް ގެންނަންއުޅުނީމާ ކަންކަން ދާގޮތް އެބަސާފުވޭ. ކަމެއްގާ ތާށިވެ ގޮޅިޔަކަށް ދިއުމަށްވުރެ ތިވިސްނުންވެސް މާ ބުއްދިވެރި. އެކަމަކުވެސް ތިކަމަށްވެސް ނިމުން އަންނާނެ.
ވިންދު
05 February 2020
މަހުލޫފަކީ ސުފޯޓްސް މިނިސްޓަރ މަގާމަށް ކުފޫހަމަވާ މީހެއް ނޫންކަން އެގޭ ދިވެހި ފުޓްބޯޅަ މިއަދު އޮތް ހާލަތުން ވެސް. މަހޭ ރަގަޅީ ހަމަ މަގުމަތީ މުޒަހަރާ ކުރަށް.
އިޙްސާސް
05 February 2020
އަނެއްކާ ކުޅުންތެރިންނަށް ދަރާފައިވާ ކުލަބުތަކަށް ބައްސާމު ފަންޑެއް ދެނީބާ؟
ރޮއިރޮއި އާޓް
05 February 2020
މަހުލޫފް މީނައަށް ބައިޔަތު ހިފާނެ ކަންނޭ. ދުބާއީއަށް ގެންގޮސް ޑީލު ހެދީ ކަންނޭ
ސަފޯޓަރ
05 February 2020
އަވަސް އަރުވާލައިފަ އިންތިހާބެއް ބޭންވިޔަކު ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް ފަރާތަކުން ބަންސާމަށް ނުދޭތި. ކުށްލިޔަކަށް އެފްއޭކަފާއި ފުރެޒިޑެންޓް ކަފް ބާންވައި ކުލަބުތައް ވިޔަފާރީ އުސޫލުން ހިންގަން ފުރުސަތު ހޯދަދޭނަމޭ ކިޔާ ކެންފޭނުފަށައި ކޮން ސަކަރަތެއް ޖަހަށް ތިއުޅެނި. އެހެން މީހުން މިތިބީ ނިދާފަކާ ނޫނެ. އިސްތިއުފާދީފަ އިންތިހާބާ ކުރިމަތި ލައިބަލަ ގަޓްހުރިއްޔާ. ނިއުއަށް ހަދާލި ގޮތް ދުވަހަކު ހިތުން ނުފިލާނެ. ބަންސާމް ތި ބޮނޑް ފެއިލާއެއް. އިސްތިއުފާ ދޭށޭ.
މޯޑް
04 February 2020
ވަރަށް ހީލަތްތެރި ރޭވުމެއް މީގަ އެބައުޅޭ ކަން ކަށަވަރު
ލޫލޫ
04 February 2020
ޝާހު އިސްމާއިލް މީމީހާއާއި ވާދައަށް ނިކުންނެވުމަށް ދަންނަވަން.
ވަކުންޖު
04 February 2020
މީނަ ކޮންމެވެސް ގަނޑެއް އެބަގަނޭ، ކުލަބުތަކުގެ ވެރިންނޭ ބަލަންތިބޭ އެއުޅެނީ ތިބޭފުޅުންނާ ގޭމެއް ކުޅެން.
ބާބާ
04 February 2020
އެބައުޅޭ ގޯހެއް މިކަން މިހެން ވިޔަދީގެން ނުވާނެ، ގަވާއިދާ ގަނޫނު ކަނޑައެޅިފައިވަނީ ކަންކަން ކުރަން ވަކި އުސޫލަކާ ހަރުދަނާ ނިޒާމެއް ބޭނުންވާތީ، ބޭނުންވީމަ ބޭނުން އިރަކު ކަންކަން ކުރާކަށެއްނުން.
ހަސަ
04 February 2020
މީނަ ބޭނުންވާ ވަރަށް ޕްރޮކްސީ ލިބުނީމަ އެހެން މީހަކު ކަމެއް ކުރަން ފުރުސަތު ނުދީ އަވަހަށް އިންތިހާބު ބާއްވަނީ. މީ ދެން ކިހާ ބޮޑު މުސީބާތެއް ފުޓުބޯޅައަށް ޖެހިފަ ހުރި.