މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ (ވ) އާއި ލެމޯސް ސަލާމްކުރަނީ.-- ފޮޓޯ: ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން
05 ފެބުރުއަރީ 2020 - 09:06
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މިއަދު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އެއީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށާއި އެކަމަކު އަބަހާނީ އަށް ވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ބަންގްލަދޭޝް ޓީމުގެ ކޯޗު މާރިއޯ ލެމޯސް ބުނެފި އެވެ.
އަބަހާނީގެ ކޯޗުކަމާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ލެމޯސްގެ ކޯޗުކަމުގައި އެ ޓީމުން ވަނީ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް އިންޓަ ޒޯން ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި އުތުރު ކޮރެއާގެ އޭޕްރީލް 25 އަތުން ބަލިވީ އެވެ.
މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލެމޯސް ބުނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕަށް ވުރެ އެއް ފިޔަވަޅު ކުރިއަށް ދިއުމަކީ އޭނާގެ އަމާޒު ކަމަށާއި އެކަމަކު އެކަން ހާސިލްކުރަން ކުރަން އޮތް މަސައްކަތް ގިނަގުނަ ކަމަށެވެ.
"އަހަރެން ބޭނުން ވަރަށް ފުރިހަމަކޮށް ކުރިއަށްދާން. މިދިޔަ އަހަރު ސެމީގައި އަހަރެމެން ކުޅުނިން. އެއީ ވަރަށް ރަނގަޅަށް ކަންތައްތަކެއް ކޮށްގެން. އެ ކަންތައްތައް އެ އަށް ވުރެ ރަނގަޅަށް ނުކުރެވެންވީ ސަބަބެއް ނެތް. އަހަރެން ކުޅުންތެރިން ގާތުގައި ބުނިން ކީއްވެހޭ ކުރިއަށް ވުރެ ރަނގަޅަށް އަހަރެމެންނަށް ނުކުޅެވެންވީ. އެ ކުޅުންތެރިން ވެސް ގަބޫލުކުރޭ ކުޅެވެން ޖެހޭނެ ކަމަށް،" މެލޭޝިއާގެ ނެގްރީ ސެމްބިލަންގެ ކުރީގެ ކޯޗު ބުންޏެވެ.
"ގަބޫލުކުރަން ޖެހޭ މާޒިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު އަބަހާނީން ވެސް ގަބޫލުކުރަން ޖެހޭ މޮޅުވެވޭނެ ކަމަށް. އެ އަމާޒުގައި މި ނުކުންނަނީ އެކަން ހާސިލްކުރަން. މޮޅަކުން ފެށުން މުހިއްމު."
ލެމޯސް އަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ މާޒިޔާގެ އެޓޭކް ވަރުގަދައިރު އޭނާގެ ޓީމުގެ ޑިފެންސް އެންމެ ރަނގަޅު ނުވުމެވެ. އެކަމަކު ރަނގަޅަށް ވިސްނުންތެރިކަމާ އެކު ކުޅެފިނަމަ މާޒިޔާގެ ފޯވާޑުން ހުއްޓުވޭނެ ކަމަށް ލެމޯސް ގަބޫލުކުރެ އެވެ.
މާޒިޔާގެ ކޯޗު މަރުޖާން ސްކުލޮސްކީގެ ކޯޗުކަމުގައި އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ދެ ފަހަރު ވެސް އަބަހާނީ އަތުން 2-0 އިން މޮޅުވެފަ އެވެ. އެކަމަކު ސެކުލޮސްކީ ގަބޫލުކުރާގޮތުގައި މިހާރު އޮތް ހާލަތު ތަފާތު ނަމަވެސް ޓީމުގެ ރޫހު އޮތީ މޮޅުވުމަށް ކަމަށެވެ.
"މިދިޔަ ދެ އަހަރު ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ. އެކަމަކު އޭރު ވެސް މާޒިޔާ ޓީމު ވަރުގަދަ މިހާރު ވެސް މާޒިޔާ ޓީމު ވަރުގަދަ. މިހާރު ވެސް އަހަރެމެންގެ ޓާގެޓް ހުރީ މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ ދެ ލެގަށް މި މެޗު ކުޅޭއިރު އޭނާގެ ނަޒަރުގައި މިއީ އެއް މެޗެއް ކަމަށާއި އެއް ހާފު ޑާކާގައި ކުޅުމަށް ފަހު އަނެއް ހާފު ކުޅެނީ މާލޭގައި ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަންޖެހޭ އަބަހާނީ އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށް. އެ ވިސްނުމުގައި ވީ އެންމެ ރަނގަޅަށް މި މެޗުގައި ކުޅެން އެބަޖެހޭ. އަދި އެ ހިސާބުން ވެސް ހުއްޓާނުލައި އެއް ހަފްތާ ފަހުން އަހަރެމެން ދަނޑުގައި ވެސް ވަރަށް ރަނގަޅަށް ކުޅެގެން އަހަރެމެން ބޭނުންވާ ޓާގެޓާ ހަމައަށް ދެވޭނީ،" ކުރިން މިޔަންމާގެ ޓީމުތަކާ އެކު އޭއެފްސީ ކަޕްގައި ވާދަކޮށްފައިވާ ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ މުޅި ޓީމު އޮތީ ފުރަތަމަ މެޗުން މޮޅުވެގެން އަމިއްލަ ދަނޑަށް ދިއުމުގެ އަޒުމުގައި ކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނާއި ބަންގްލަދޭޝް ކުޅުންތެރިންގެ ތަފާތަކީ އިންޑިވިޖުއަލް ހުނަރަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިން މޮޅުވުން ކަމަށް އިރޭ ބުންޏެވެ.
އަބަހާނީ އާއި މާޒިޔާ ކުޅޭ ފުރަތަމަ ލެގު އޮންނާނީ މިއަދު ހަވީރު ބަންގްލަދޭޝްގަ އެވެ. މެޗު ފަށާނީ ރާއްޖެ ގަނޑިން ހަތަރެއް ޖަހާއިރު އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު މާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންދު
06 February 2020
އަބަހާނީ ސަސްޕެންޑް ކުރެވޭނެ ގޮތެއް ނެތްތަ؟
ޖާދޫގަރު
05 February 2020
ހައްފް ރަގަޅު ފޯމެއްގަ ހުރިއްޔާ މާޒިޔާ ވިންކުރާނެ. އެއީ އެއްވެސް ސައްކެތް އޮތް ކަމެއް ނޫން. ހައްފަކީ ޖާދޫގަރެއްކަހަލަ ކުއްޖެއް.
ބާބަ
05 February 2020
މާޒިޔާ އަބަހާނީ މެޗް ލައިވް ކުރޭތަ. ހަލޯ އެފްއޭއެމް.
ވީއާރބުލޫސް
05 February 2020
އޭއެފްސީ ކަފް ވާހަކަ ދަށްކާއިރު ނިއުރޭޑިޔަންޓް މަތިން ހާދަ ހަނދާންވެޔޭ. އެޓީމްގެ ސަފޯޓަރުން ނިއުރޭޑިޔަނޓް އަށް ސަފޯޓްދިނުމާއި ދަނޑަށް މީހުން ވަންދަށް ވާ ގުރުބާނީ. ވަރަށް މިސްވޭ ނިއުރޭޑިޔަންޓް މަތިން. ﷲ އިރާދަ ކުރެންވިންޔާ ނިއުރޭޑިޔަންޓް އެބުރި އަންނާނެ. ސަފޯޓަރުން ހިތްވަރު ކުރާތި.
mohamed
05 February 2020
ގައިމެ ނޫންތަ!!! މިތިބީ އެގޮތުގައި. މި އަޒުމަކަށް ބަދަލެއް ނާންދޭ... ނިއުވަނީ ލެޔާއި ގުޅިފައި. ކިހިނެއް ވަކިކުރާނީ..... އެނބުރި އަންނާނެ! މާ ލަސްތަކެއް ނެތި އެބުރި އައިސް ރަސްކަން ކުރާނެ!!! އިންޝާﷲ.
އާރީ
05 February 2020
އަަހަރަމެން ހުރިހާ ދިވެހިންގެ ވެސް އުއްމީދަކީ މާޒިޔާ ތި މެޗުން މޮޅުވުން. އިންސާ ﷲ މާޒިޔާ މޮޅުވާނެ.
ދިވެއްސެއްް
06 February 2020
އަހަރެން މީ ދިވެއްސެއް، އަހަރެން ބޭނުންވަނީ މިމެޗުން މާޒިޔާ މެޅެން ސާފުވެއްޖެބާ
ބާބާ
05 February 2020
"..އިންޑިވިޖުއަލް ހުނަރަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިން މޮޅުވުން ކަމަށް އިރޭ ބުންޏެވެ." ކޮންމެ މުބާރާތެއްގަ މިނޫން ވާހަކައެއް ނުދައްކާނެ، މިވާހަކަ ދެން ހުއްޓާލަން ނުވޭތަ! އިންޑިވިޖުއަލް ހުނަރުން ރާއްޖެއަށް ކިތަށް ތަށި ލިބުނީ؟ 2. އިންޑިއާއަށް ކިތަކެއް ލިބުނީ؟ 7. ތިބުނާ މޮޅު އިންޑިވިޖުއަލް ކުޅުންތެރިން ތިއްބާ ބޫޓާއަތުންވެސް ބަލިވީ! ބުންވަރެއްނެތި، ޓީމެއްގެ ގޮތުގައި ނުކުޅެވޭނަމަ މޮޅުކުޅުންތެރިން ތިބެގެން ކެއްކޭނެ ރިހައެއް ނޯންނާނެ..
ibra
05 February 2020
މިދިޔަ 10 އަހަރު އާރޖެންޓީނާ ގެ ފޯވާރޑް ލައިން އަކީ މުޅި ދުނިޔޭގަ އޮތް އެއްމެ މޮޅު ފޯވާރޑް ލައިން... ކިތައް ފައިންލުން ބަލިވެއްޖެ... ކިތައްމެ އިންޑިވިޖުއަލް މޮޅަސް ޓީމެއްގެ ގޮތުގަ ނުކުޅެވެންޔާ ނުވާނެ... ރާއްޖޭގެ ވަރުގަދަ ލީގެއް ނެތް.. ގައުމީ ޓީމްގެ ހުރިހާ ކުޅުންތެރިން އެއް ޓީމަކަށް ލައިގެން ލީގުގަ ވަރުގަދަ މެޗެއް ނުކުޅެ މިކަހަލަ މުބާރާތަކަށް ގޮސްގެން ވާނެ މޮޅެއް ނޯންނާނެ....
މޮޓްސް
05 February 2020
ދިވެހިންނަކީ ކޮންމެ ދާއިރާއެއްގަވެސް "އިންޑިވިޑުއަލް ހުނަރު" ހެސްކިޔާފަ ގިނައިން ހުންނަ ބައެއް. އެކަތިގަނޑަކަށްވެ މަސައްކަތްކުރަންޖެހޭ ހިސާބުން ކަންތައްތައް ބޮއްސުންލައިގެން ދަނީ...
ާއަސްލު ހަގީގަތް
05 February 2020
ކޮންމެ ޓީމެއްގައިވެސް ޓެލެންޓް ހުންނާނެ. އެކަމަކު އެ ޓެލެންޓް ރަނގަޅުގޮތުގައި ބޭނުންކުރަން އިނގޭ މީހުން މޮޅުވާނީ. ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި. ހަމަމިގޮތަށް އެހެން ޤައުމުތަކުގައިވެސް ހުނަރުވެރި ކުޅުންތެރިން އެބަތިބި. މުބާރާތްތަށް ކާމިޔާބު ކުރެވޭނީ ކޮމްޕްލީޓް ޓީމެއް އޮވެގެން. ވަކިވަކި ކުޅުންތެރިންގެ ހުނަރަކުން ނޫން. މީގެ ތެރޭގައި ނަސީބުވެސް މުހިންމު ރޯލެއް އަދާކުރޭ.