އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ފެބުރުއަރީ 2020 - 14:41
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ހަވީރު މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ލިބިއްޖެނަމަ އަބަހާނީ ޑާކާ އަށް މުބާރާތުގެ ޕްލޭއޮފް ބުރަށް ދަތުރުކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް ބުނެފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު އަބަހާނީގެ ހޯމް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެ ޓީމަކަށް ޕްލޭއޮފް ބުރުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުވެއްޖެ ނަމަ ޕްލޭއޮފް ބުރުން ފުރުސަތު ލިބޭނީ މާޒިޔާ އަށެވެ. އެހެން ކަމުން އަބަހާނީ އަނެއް ބުރަށް ދާން ނަތީޖާ ނެރުން މުހިއްމެވެ.
މާޒިޔާ އަށް މި ވަގުތު އެޑްވާންޓޭޖެއް އޮތް ކަމަށް އަބަހާނީގެ ކޯޗު ލެމޯސް ވެސް އެއްބަސްވެ އެވެ. އެކަމަކު އޭނާގެ ނަޒަރުގައި އެޑްވާންޓޭޖަށް ވުރެ މި މެޗުގެ ހާލަތު ތަފާތެވެ. އެއީ ދެ ޓީމަށް ވެސް އެއް ޓީމު އަނެއް ޓީމު އެނގިފައިވުމެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލެމޯސް ބުނީ އަބަހާނީ އަށް މާދަމާގެ މެޗުގައި ފުރުސަތެއް އޮތީ މާޒިޔާގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހުއްޓުވައިގެންނެވެ. މާޒިޔާގެ ކުޅުންތެރިންގެ ތެރެއިން ލެމޯސް އެންމެ ބޮޑަށް ފާހަގަކުރީ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
"އަހަރެމެންގެ ކޮލިޓީ އެބަހުރި ލަނޑު ޖެހުމުގައި. އެއީ އަހަރެމެން ލީގުގައި ވެސް ގިނަ ގޯލުތަކެއް ޖަހައިފިން. މާދަމާ މެޗުގައި އަހަރެމެން މާޒިޔާގެ އެޓޭކް ހުއްޓުވަން ޖެހޭ. އެ ޓީމުގެ އެޓޭކުގައި މި ތިބީ ވަރަށް ހަލުވި ކުޅުންތެރިން. ހުނަރުގެ ގޮތުން ވެސް ރަނގަޅު. ކައުންޓަ އެޓޭކުގައި ވެސް ރަނގަޅު. އެ މީހުން ހުއްޓުވުމުގައި ކާމިޔާބު ލިބިއްޖިއްޔާ އަހަރެމެންނަށް މީގެ ފުރުސަތު އެބައޮތް،" ލެމޯސް ބުންޏެވެ.
އަބަހާނީގެ ކޯޗުކަމާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ލެމޯސްގެ ކޯޗުކަމުގައި އެ ޓީމުން ވަނީ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް އިންޓަ ޒޯން ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި އުތުރު ކޮރެއާގެ "އޭޕްރީލް 25" އަތުން ބަލިވީ އެވެ. ލެމޯސް ބުނީ މިދިޔަ އަހަރުގެ މުބާރާތުން ނެގޭނެ ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ފައިދާ ނަގަން ބޭނުންވާ ކަމަށެވެ.
އޭނާ ބުނީ މާޒިޔާ އަކީ ރާއްޖޭގެ ޗެމްޕިއަން ކަމަށާއި މިދިޔަ އަހަރުގެ މުބާރާތުގައި އަބަހާނީން ވަނީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން އާއި އުތުރު ކޮރެއާގެ ޗެމްޕިއަން އަދި ނޭޕާލްގެ ޗެމްޕިއަންއާ ދެކޮޅަށް ކުޅެފައި ކަމަށާއި އެ މެޗުތަކުން ލިބިފައިވާ ތަޖުރިބާ ބޭނުންކުރާނެ ކަމަށެވެ.
"މިދިޔަ އަހަރުގެ ސެމީގައި އަހަރެމެން ކުޅުމުން އޭގެ ކޮންފިޑެންސް ކުޅުންތެރިންގެ ކިބައިގައި އެބަހުރި. އަނެއްކޮޅުން ބަލާއިރު ބަންގްލަދޭޝްގެ ފުޓްބޯޅައިގައި އޭއެފްސީ ކަޕްގައި ޕްރެޝަރެއް ނޯވޭ. އެކަމަކު އަހަރެމެން ގްރޫޕް ސްޓޭޖް ފަހަނައަޅައި ސެމީގައި ކުޅެގެން މިހާރު މީގެ ވިސްނުން ބަދަލުކޮށްފިން. އަހަރެމެން ބޭނުންވަނީ ހަމައެކަނި މެޗަކުން މޮޅުވާކަށް ނޫން. ބަންގްލަދޭޝްގެ ފުޓްބޯޅަ ވެސް ކުރިއަށްދާއިރު ރަނގަޅު ވާދައެއް ކުރަން،" މެލޭޝިއާގެ ނެގްރީ ސެމްބިލަންގެ ކުރީގެ ކޯޗު ބުންޏެވެ.
މާދަމާގެ މެޗަށް ހިތްވަރު ހޯދަން މިސާލެއްގެ ގޮތުގައި ލެމޯސް ނެގީ މިދިޔަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ މިނެރްވާ ޕަންޖާބް އަތުން 1-0 އިން މޮޅުވި މެޗެވެ. އެ މެޗުން މޮޅުވާން މަޖުބޫރުވެފައި އޮއްވައި އަބަހާނީން ލަނޑު ޖެހީ ފަހު ސިކުންތުގަ އެވެ. ލެމޯސް ބުނީ އެ ފަދަ ތަޖުރިބާތަކެއް ހުރުމަކީ މާޒިޔާ އަތުން ވެސް މޮޅުވެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
އަބަހާނީން މާލޭގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2017 ވަނަ އަހަރު މާޒިޔާ އަތުންނާއި 2018 ވަނަ އަހަރު ނިއު ރޭޑިއަންޓް އަތުންނެވެ. މާދަމާ އެ ޓީމު ނުކުންނާނީ ރާއްޖޭގައި ޖެހިޖެހިގެން ތިން މެޗުން ބަލިނުވުމުގެ އަމާޒުގަ އެވެ. މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
11 February 2020
ބަގުލާ ޓީމެއް އަތުން ބަލިވާކަން އެއްވެސް ދިވެއްސަކު ނޭދޭނެ. ނިއުގެ މަންސަލަ އެއްފަރަތް ކޮށްލައިފަ. މާޒިޔާއަށް ވިން ވޭތޯ ވީހާވެސް ގިނަ ސަފޯޓަރުން ދަނޑަށް ދާތި. އަދި ސަފޯޓްވެސް ކޮށްދޭތި. އިންސާ ﷲ ނިއު އެބުރި އަންނާނެ
ހަސަނު
11 February 2020
ކޮމެންޓު ތަކުންވެސް މި އެނގެނީ އަޅުގަނޑު މެންގެ ތެރޭގައި ހަސަދަވެރިކަން އޮތް މިންވަރު... ދެން ކިހިނެއްތޯ ކާމިޔާބީ ހޯދާނީ???
ފުންއަސަރު
11 February 2020
މާޒިޔާގެ އެޓޭކްތަށް އަބަހާނީ އިން ހުއްޓުވާނެ، ނިއު ސަސްޕެންޑު ކޮށްފަ މާޒިޔާ އަކަށް ކާމިޔާބެއް ނުލިބޭނެ ~ނިއުރޭޑިއަންޓް ފޭން~
ފުޓްބޯޅަ
12 February 2020
ނިޔު ސަސްޕެންޑު ކުރުމު ގައި އެންމެ އަޑީ ގައި އޮތީ މާޒިޔާ ބައްސާމް ފަހަތަށް އެއަރަނީ އެމީހުން