އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިރޭ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ފެބުރުއަރީ 2020 - 09:24
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ އިން ނުކުންނައިރު އެ ޓީމުން ތަމްސީލުކުރަނީ ރާއްޖެ ކަމަށާއި ދިވެހި ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނެފި އެވެ.
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެއްކޮށް ފިޓްނުވާތީ ފަހަކަށް އައިސް އޭނާ ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އެހެންވެ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނެގީ ވައިސް ކެޕްޓަން އިރޭ އެވެ.
ރާއްޖޭގައި 2016 ވަނަ އަހަރު ބަންގްލަދޭޝްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ދަނޑު ފުރާލީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެ ފަދަ މަންޒަރެއް މިއަދުގެ މެޗުގައި ފެންނަން ނޭދޭ ކަމަށް މެޗުގެ ކުރިން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ ބުނެފަ އެވެ. އިރޭ ވެސް ވަނީ ސަޕޯޓަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.
"ބަންގްލަދޭޝް މީހުން މާޒިޔާގެ ހޯމް މެޗުގައި ދަނޑުފުރާލާފައި އޮތުން ރަނގަޅެއް ނޫން. އެއީ މާޒިޔާ މި ތަމްސީލްކުރަނީ ރާއްޖެ. ރާއްޖޭގެ ގިނަ މީހުން މާޒިޔާ އަށް ސަޕޯޓްކޮށްދޭން އައުން އެދެން،" އިރޭ ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާ ޓީމުގަ އެވެ. އެންމެ ފަހުން ނެގި 31 ކުޅުންތެރިންގެ ގައުމީ ސްކޮޑުގައި 10 ކުޅުންތެރިންނަކީ މާޒިޔާގެ ކުޅުންތެރިންނެވެ. އިރޭ ބުނީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭތީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ދާން ކަނޑައަޅާފައިވާ މާޒިޔާގެ ޓާގެޓް ހާސިލްކުރަން ހިތްވަރު ލިބޭ ކަމަށެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު އަބަހާނީގެ ހޯމް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެ ޓީމަކަށް ޕްލޭއޮފް ބުރުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބޭނީ މާޒިޔާ އަށެވެ.
"ރަށުންބޭރުގައި ދެ ގޯލު ޖެހިފައިވީ ނަމަވެސް ފަސޭހައެއް ނުކުރާނަން. އަހަރެމެން ކޮޅަށް ވަދެފައިވާ ދެ ގޯލަކީ ހަގީގަތުގައި ހެދުނު ގޯސްތަކަކުން ވަދެފައިވާ ގޯލުތަކެއް. ބޭނުންވަނީ ފަހު ވަގުތާ ޖެހެންދެން ރަނގަޅަށް މަސައްކަތްކޮށް ރަނގަޅު މޮޅަކުން މޮޅުވާން. އެ ގޮތުގައި ޓީމުގެ ރޫހު އޮތީ،" އިރޭ ބުންޏެވެ.
އިރޭ ބުނީ ކުރިން މެޗުގައި ހެދުނު ގޯސްތަށް ތަކުރާރުވިޔަ ނުދިނުމަކީ ޓީމުގެ އެންމެ މުހިއްމު އަމާޒުކަމަށެވެ.
އަބަހާނީގެ ކޯޗުކަމާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ލެމޯސްގެ ކޯޗުކަމުގައި އެ ޓީމުން ވަނީ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް އިންޓަ ޒޯން ސެމީ ފައިނަލުގައި ކުޅެފަ އެވެ. ލެމޯސް އައުމުގެ ކުރިން އަބަހާނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އާއި މާޒިޔާ އަތުންނެވެ.
އަބަހާނީގެ ކެޕްޓަން ޖިބޯން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަބަހާނީގެ ކެޕްޓަން ނަބީބް ޖިބޯން ބުނީ ކުރިން ރާއްޖޭގެ ޓީމުތައް އަތުން ބަލިވި ނަމަވެސް ކަންތައްތައް ބަދަލުވަމުން އަންނަ ކަމަށާއި މަސައްކަތްކުރާނީ މާޒިޔާ އަތުން މޮޅެއް ހޯދުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ބޮޑެތި މެޗުތަކާ ކުރިމަތިލާއިރު ކޯޗު ލެމޯސްގެ ރޭވުންތައް ރަނގަޅުވުން ކަމަށް ބުންޏެވެ.
"މި ދަނޑުގައި (ގަލޮޅު ދަނޑުގައި) އަހަރެމެން ދެ ފަހަރު ބަލިވެއްޖެ. އެކަމަކު އެއީ އަހަރެމެން މި މެޗަށް ނުކުންނައިރު ވިސްނާނެ ކަމެއް ނޫން. މިއީ އާ މެޗެއް. އެކަމަކު މި ފަހަރު ތަފާތަކީ މި ކޯޗު ހުރުން. އޭނަގެ ޕްލޭންއާ އެއްގޮތަށް މަސައްކަތްކޮށްގެން އަހަރެމެންނަށް ކާމިޔާބު ހޯދޭނެ،" ބަންގްލަދޭޝް ގައުމީ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ފޯވާޑް ބުންޏެވެ.
އުމުރުން 29 އަހަރުގެ ޖިބޯން ބުނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭރު އިންޑިއާގެ ޗެމްޕިއަން މިނެރްވާ ޕަންޖާބް އަތުން 1-0 އިން މޮޅުވި މެޗުގައި ދެއްކި ފަދަ ކުޅުމެއް ދައްކައިގެން މާޒިޔާ އަތުން މޮޅުވެވިދާނެ ކަމަށެވެ.
"އިންޑިއާ ފަސްގަނޑުގައި އެ ގައުމުގެ ޗެމްޕިއަން (މިނެރްވާ ޕަންޖާބް) ބަލިކުރިއިރު ހުރި ރޫހުގައި ނުކުމެ ނަތީޖާ ނެރެވިދާނެ މި މެޗުން ވެސް،" ޖިބޯން ބުންޏެވެ.
މިއަދު ހަތަރެއް ޖަހާއިރު މާޒިޔާ އާއި އަބަހާނީ ކުޅެން މޮޅުވާ ޓީމެއް ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީ ނޫނީ ބޫޓާނުގެ ޕާރޯއާ އެވެ. މި ހަތަރު ޓީމު ވާދަކުރަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސާ ގްރޫޕްގެ ފަހު ޖާގަ އަށެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
12 February 2020
ދުވަހަކުވެސް މާޒިޔާޔަށް ސަޕޯރޓްކުރާކަށް ނުދާނަން. އަދި އަހަރެންގެ އާއިލާގެ އެއްވެސް މީހަކަށްވެސް ނުކެރޭނެ މާޒިޔާޔަށް ސަޕޯރޓްކުރާކަށް ދަނޑަށް ދާކަށް. ސަޕޯރޓްނުކުރިޔަސް މެޗު ލައިވް ކުރަންޏާ މެޗު ޓީވީއިން ބަލާލާނަން. އިރާދަކުރެވިއްޔާ ނިއު އެނބުރި އަންނަ ދުވަހަކުން ދަނޑަށް ދާނަން. މިއަދުގެ މެޗުގައި މާޒިޔާގެ ސަޕޯރޓަރުންނަށްވުރެ އަބަހާނީގެ ސަޕޯރޓަރުން ގިނަވާނެކަމަށް މިބަލަނީ
ހައްހައްހާ
14 February 2020
ރޮއިހޭރެނި..ލޮލް
mohamed
12 February 2020
ނިއުރޭޑިއަންޓް ސަސްޕެންޑް ކުރި ހިސާބުން އަހަރެންވާނީ އަޒުމެއް ކަނޑައަޅާފައި. އެއީ ދިވެހިރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތައް ފިޔަވައި އެހެން މެޗުތަކަށް ތިޔަ ގަލޮޅު ދަނޑަށް ނުވަނުން. ނިއު ކުޅޭ ދުވަހަކުން ކުލަބް ފުޓުބޯޅާ ބަލަން ދަނޑަށްދާނީ. އަދިވެސް މިހުރީ އެ އަޒުމުގައި. ނިއުއާމެދު އަނިޔާވެރިވި މީހުންނަށް މިއަދު ފިލާވަޅެއް ލިބިގެންދާނެ. ބަލަން ތިބޭތި.
ޮއޮކާޗާ
12 February 2020
ދިވެހި ކުޅުންތެރިންނަށް ނުކުޅެވެނީ ފެގު ބޮއި ބޮއި. ބޮލަށްވުރެ ތުންފަތް ކަޅު. ދެން ކޮން ބުންވަރެއް ހުންނާނީ.
ބޯއިކޯ
12 February 2020
އަހަރެންވެސް ދާން ބޭނުން. އެކަމަކު އަހަރެންވެސް ގަބޫލު ކުރާ ހަމަތަކާ އުސޫލުތަކެއް ހުރޭ. މިހާރު ދެފަހަރަކު ދެކެފިން މާޒިޔާގެ ބައެއް ކުޅުންތެރިން ޕްރެކްޓިހަށްފަހު، ދާކޮޅު މޫނު މަތިން ނުފިލަނީސް، މަގުމަތީ، ކްލަބް ޖާޒީގަ ސިގިރެޓް ބޯން ތިބިތަން. މީ ކުޅުންތެރިންގެ ފަރާތުން ބަލައި ގަނެވޭނެ ކަމެއްނުން. ބޮންޏާ މީހުންނަ ނުފެންނަ ތަންތަނުގަ ބޮއެ.
ibra
12 February 2020
ކޮންމެހެން ބޯންޖެހޭތަ؟ ޕޮރެފެޝަނަލް ޕުލޭޔަރުންނޯ...
އާރީ
12 February 2020
މާޒިޔާ ބަލިވިޔަސް ބަލިވާނި ކޯޗުގެ ރޭވުންތެރިކަން ދަށްވެގެން. އަބަހާނީ ބަލިނުކުރެވޭނި ވަރު ޓީމެއް ނޫން މާޒިޔާގަ ތި އޮތީ. އަބަހާނި މާ މޮޅު ޓީމަކަށް ހަދައިގެން ނޫޅި ދަނޑުމަށްޗަށް އަރާފަ ކުޅުންތެރިން 100ފަސެންޓް ދީފަ މޮޅުވެގެން ފައިބޭ.
މޯޑް
12 February 2020
ގައުމީޓީމްތަ ތީ ރާއްޖެ ތަމުސީލު ކުރަށް.
އޯކޭ
12 February 2020
ރާއްޖެއޭ، ތީ މާޒިޔާ ނަމަކައްކިޔާ ކްލަބެއްނު. ބައްސާމް ކައިރީގަ ބުނެގެން ސަޕޯޓަރުން ހޯދާ.އޯކޭ
ބުލޫ
12 February 2020
އަހަރަމެން މާޒިޔާއަކަށް ދުވަހަކު ވެސް ހިތެއް ރަގަޅެއްނުވާނެ. މާޒިޔާ އަކީ އަމިންލަ އެދުމުންފޯވެފަ އޮތް ކުލަބެއް. މިއަދު މާޒިޔާގަ ގައުމީ ޓީމް 10 ކުޅުންތެރިން ތި ތިބީ އިދިކޮޅުޓީމްތައް ނަންތާލައިފަ. ހިތާ ދެކޮޅަށްވެސް ދެން މިފަހަރު މާޒިޔާއަށް ސަފޯޓް ކޮށްދޭން ދާނަށް ކުޅުންތެރިންނަށް ޓަކައި. މޮޅުވޭތޯ ހިތުގެ އަޑިން ދުއާވެސް ކޮށްދޭނަށް .
މާޓިން ބަޝީރު
12 February 2020
ބައްސާމު ދަނޑުގަ ކުލަކޮޅެއް ހާކާލެ ލާރިކޮޅެއްވެސް ނެތީތަ، މިހާރު ކޮންޒަމާނެއް ގޭޓް ދޮރާށި ހަޑިވެ، ކުލަކޮޅެއް ނުލާތާ. ސްޓޭޑިއަމް ހީވަނީ އާސާރީ ބިނާއެއްހެން، ފަންކާވެސް ދަބަރަށްވެ ގިނައެއްޗެހި އެބުރެނީ އެއްޗެއްގެ އަމިއްލަ ސްޕީޑްގަ، ސްކޯބޯޑްގެވެސް އެއްފަޅި ބައެއްފަހަރު ނުދިއްލޭ. އަނެއްކާ ބަޖެޓް ނެތިގެން ކުރާ ކަމެއްތަމީ؟
ކުކުޅޭ
12 February 2020
މަމީ ދިވެއްސެއް، ދަނޑަށްވެސް ދާނަން ބައްސާމުގެ އިސްތިއުފާއަށް ވެސް ގޮވާނަން، ސަޕޯޓްވެސް ކުރާނަން އެކަމަކު ސަޕޯޓް ކުރާނީ ބަނގްލަދޭޝްގެ ޑާކާ އަބްހާނީއަށް
ibra
12 February 2020
މަމީ ދިވެއްސެއް ނުލިޔުނިއްޔާ ނޭގޭތަ ތިއީ ދިވެއްސެއްކަން....